އެސްޓީއޯއިން މިއަހަރުގެ ރޯދަމަހަށްވެސް އަލުވި ފިޔާ ބިސް ގެންނަނީ

14943328727903.jpg

އެސްޓީއޯގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ޝަހީރު އަދި ސީނިއަރ ޖެނެރަލް މެނޭޖަރ އާޝާން- ފޮޓޯ :ޕީއެސްއެމް

ރައްޔިތުންނަށް ހެޔޮ އަގުގައި ރޯދައަށް އަލުވި ފިޔާ ބިސް ފޯރު ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހަށްވެސް އެސްޓީއޯއިން އެ ތިން ބާވަތް ގެނެސް  އަންނަ ހޮނިހިރު ދުވަހު ވިއްކަން ފަށާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިއަދު އެސްޓީއޯ ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ރަމަޟާންމަހަށް ޚާއްޞަކޮށް އެސްޓީއޯއިން ގެނައުމަށް ނިންމި ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާކަމަށާއި އެތަކެތި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވިއްކަމުންދާއިރު ހަމަ އެދުވަހު އަތޮޅުގެ ރަށްތަކަށްވެސް މިތަކެތި ފޮނުވަމުންދާނޭކަމަށެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތުމަތު އާޝާން ވިދާޅުވީ މިހާރުވެސް މާލޭގެ ބާޒާރުގައި ފުދޭވަރަކަށް ފިޔާ އަލުވި އަދި ބިސް އެބަހުރި ކަމަށާއި  އެ ގޮތުން ބިސް ކޭހެއް އުޅެނީ 260 ރުފިޔާ އަށް ހާ ވަރުގައި ކަމަށް ވާތީ އެ އެ އަގުތަކުގައި ލިބޭނެ ގޮތަކަށް ކަންކަން ރާވާނެކަމުގައެވެ.

އާޝާން ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް މިއަހަރު ވިއްކުމުގެ ކަންކަން ރާވާފައިވަނީ އަމިއްލަ ފިހާރަތަކާ ގުޅިގެން ޕާޓްނަޝިޕްގެ އުސޫލުން ކަމަށާއި، އެސްޓީއޯއާ އެކު އެއްބަސްވެފައި ހުރި ތަންތަނުން އެތަކެތި އެއް އަގެއްގައި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެސްޓީއޯއިން މަސައްކަތް ކުރަނީ ރަނގަޅު އަގުތަކުގައި ހުސް ނުވެ، މުދާ ފޯރުކޮށްދިނުން ކަމަށާއި، އެސްޓީއޯއިން ރަނގަޅު އަގުތަކުގައި ތަކެތި ވިއްކުމުން މާކެޓުގައިވެސް އަގުތައް ރަނގަޅުވާ ކަމަށޭވެ.

“އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ލުއިފަސޭހަކޮށް، ހެޔޮ އަގުގައި ކާބޯތަކެތި، ޚާއްސަކޮށް ރޯދަ މަހު ގެނެސްދިނުން. މިއީ ޒަމާނުއްސުރެ އެސްޓީއޯއިން ކުރާ ކަމެއް،” ޝަހީރު ވިދާޅުވިއެވެ.

ރަމަޟާން މަހާ ދިމާކޮށް މާލޭ ބާޒާރުގައި ކޮންމެ އަހަރަކުވެސް ފިޔާ، އަލުވި އަދި ބިހުގެ އަގުބޮޑުވެ ޑިމާންޑް މައްޗަށް ދެއެވެ. ނަމަވެސް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ރާއްޖެ ގެނެސް ވިއްކަން ފެށުމުން ބަޒާރުގައި މިތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭކަން ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top