މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ބުރަށް ކޮލިފައިވެފައިވާ ބ. އޭދަފުށި ފުޓްބޯޅަ ޓީމް ވަރުގަދަ ކުރުމަށް ބިދޭސީ 3 ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އޭދަފުށީ ފުޓްބޯޅަ ޓީމުން ބުނެފިއެވެ.
ފައިނަލް ބުރަށް ޓީމް ތައްޔާރުވުމާ ބެހޭގޮތުން ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ) އީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ މަތީ ފެންވަރުގައި ކުޅޭއިރު ފެންވަރު ރަނގަޅު ސްކޮޑެއް ބޭނުންވާނެކަމަށާ، އެހެންނޫންނަމަ ވާދަކުރަން ދަތިވާނެކަމަށެވެ. އޭނާ ބުނީ ބިދޭސީ ތިންކުޅުންތެރިން ގެންނަނީ އޭދަފުށި ކުޅުންތެރިންގެ ފެންވަރު ދަށްވެގެން ނޫންކަމަށެވެ.
“މިހާރުވެސް ތިބީ ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިން. އޭދަފުށި ވީމަކާ އަބަދަކު ނަސީބަކުން މޮޅެއްނުވާނެދޯ. އެހެންޓީމްތައްވެސް ވަރަށް ވަރުގަދަކުރަމުން ދަނީ. އެހެންވީމާ، ވިސްނުން މިހުރީ ބިދޭސީ 3 ކުޅުންތެރިން ގެނައުމަށް. އެކަމަށް ބޭނުންވާ ފައިސާވެސް ހޯދަމުން މިދަނީ” ބައްޓޭ ބުންޏެވެ.
ބައްޓޭބުނީ ބިދޭސީ ކުޅުންތެރިން ގެންނާނީ ކޮން ޑިޕާޓްމެންޓްތަކަކަށްކަން މިވަގުތު ހާމަކުރަން ބޭނުންނުވާކަމަށާ، އެކަން ޓީމް އެކުލަވާލުމުން ފަހުން އެނގޭނެ ކަމަށެވެ. އޭނާބުނީ ފައިނަލް ބުރަށް ވަރަށް ރަނގަޅަށް ޓީމް ތައްޔާރުކުރަން ބޭނުންވާކަމަށެވެ.
” ވަރަށް ބޮޑަށް ތައްޔާރުނުވެ ވިން އެެއް ނުކުރެވޭނެ. އެއްވެސް ކުޅުންތެރިއަކު މޯޓިވޭޝަން ގެއްލުވާލާކަށް އަހަރެން ނޫޅެން. ޓީމުން ޖާގަހޯދަން މަސައްކަތްކުރާ ކުޅުންތެރިންނަށް ޖާގަލިބޭނީ. ބިދޭސީ ކުޅުންތެރިން ގެންނާނީ މިވަގުތު އެންމެ ބޭނުންވާ ޑިޕާޓްމެންޓްތަކަށް. އެކަމުން އެއްވެސް ކުޅުންތެރިއަކު ހާސްވާކަށް ނުޖެހޭ. މަސައްކަތްކުރަންޖެހޭނީ ފުލްޓީމަށް އަރަން” ބައްޓޭ ބުންޏެވެ.
މިނިވަން ޗެންޕިއަންޝިޕްގެ މިދިޔައަހަރުގެ ޗެންޕިއަންޓީމް އޭދަފުށި މިއަހަރުގެ މިމުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޒޯން ޗެންޕިއަންކަން ވަނީ ހޯދާފައެވެ. ދެން ޓީމް ދާނީ ފައިނަލް ބުރަށެވެ. ފައިނަލް ބުރު އޮންނަ ތާރީހަކާއި، އޮންނާނެ އުސޫލެއް އަދި އެފްއޭއެމުން ކަނޑައެއް ނާޅައެވެ.