މާޅޮހު ބަނދަރު މަރާމާތުކުރަން މާލިއްޔާއިން 50000 ރުފިޔާ ނަގަން ނިންމައިފި

22366617_1957876411204099_7888607329035575093_n.jpg

މާޅޮހު ކަނޑުތޮށި މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެރަށުގެ ރައްޔިތުން ކުރަނީ. ބަނދަރު އެއްގަމުތޮށި ހެދުމަށް އެރަށު މާލިއްޔާއިން ބައިލައްކަ ރުފިޔާ ނަގަން ވަނީ ނިންމާފައި / ފޮޓޯ: މާޅޮހު ކައުންސިލް އިދާރާ

ބ. މާޅޮހު ބަނދަރުގެ އެއްގަމު ވާޓަރު މަރާމާތުކުރުމަށްޓަކައި އެރަށު ރައްޔިތުންގެ އާމްދަނީ އެކައުންޓުން 50000ރ ނެގުމަށް މާޅޮހު ކައުންސިލުން ފާސްކޮށްފިއެވެ.

މާޅޮހު ކައުންސިލުން މިގޮތަށް ފާސްކުރީ އެކައުންސިލްގެ އާންމު ބައްދަލުވުމެއްގައި ކައުންސިލް 3 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އީވީއަށް ވިދާޅުވީ ބަނދަރުން މަރާމާތުކުރަން ނިންމާފައިވަނީ އެއްގަމުތޮށީގެ އިރުމަތީކޮޅު ހުރަސް ވާޓަރު ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު ކުރަން ނިންމާފައިވާ މަސައްކަތަކީ ތޮށިގަނޑުގެ މަތީ ބައި ކޮންކްރީޓް ކުރުން ކަމަށެވެ.

“އެނގިވަޑައިގަންނަވާނެ ބަނދަރު ހެދީއްސުރެ އެސަރަހައްދުގެ އެއްގަމުތޮށި މަތިނާޅާ ގަލުން ރޭނިގޮތަށް ހަމައެއޮތީ. އެހެންވީމާ ދަތުރުވެރިންނާ، އޮޑިވެރިންނަށް ވަރަށް ބޮޑަށް ދަތިވަމުންދޭ އެސަރަހައްދު އެހެން އޮތީމާ. ދުއިސައްތަ ފޫޓަށްވުރެ ދިގު ސަރަހައްދެއް ކޮންކްރީޓުން މަތިއަޅާ އެއްވަރުކުރަން މިފައިސާ ބޭނުންކުރާނީ” ޝުޖާއު ވިދާޅުވިއެވެ.

މާޅޮހު ބަނދަރުގެ ހުޅަނގު ހުރަސްވާޓަރާއި، އެއްގަމުތޮށީގެ ދެކުނުފަރާތްވެސް 2015ވަނަ އަހަރު އެރަށު މާލިއްޔާގެ ހަރަދުގައި ރައްޔިތުން ހިލޭސާބަހަށް މަސައްކަތް ކޮށްގެން ވަނީ ބޮޑު މަރާމާތެއްކޮށްފައެވެ. އަދި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމްގެ އެހީއާއެކު ރައްޔިތުން މިދިޔަ އަހރުވަނީ އެރަށު ބަނދަރު ކަނޑުތޮށިވެސް މަރާމާތުކޮށްފައެވެ.

މާޅޮހު ބަނދަރުގެ އެއްގަމުތޮށި މަރާމާތުކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު އެރަށު ރައްޔިތުން ކުރަނީ / ފޮޓޯ: މާޅޮހު ކައުންސިލް އިދާރާ

ކައުންސިލްގެ ރައީސް ވިދާޅުވީ އިރުމަތީ ހުރަސްތޮށީގެ މިމަސައްކަތްވެސް ކުރަން ރާވާފައިވަނީ ރައްޔިތުންނާ ގުޅިގެން ކަމަށެވެ. އަދި އަންނަމަހު މަސައްކަތް ފެށުމަށް ވިސްނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މާލިއްޔާއިން މިނަގަނީ ބޭނުންވާ ސާމާނު ގަންނަން ފައިސާ. މަސައްކަތް ހަމަކުރާނީ ރައްޔިތުން ނުކުމެގެން. އެހެންނޫނީ ކިހިނެއްތޯ މިވަރު މަސައްކަތެއް ކުރާނީ. މިރަށުގެ ރައްޔިތުންނަކީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ނަމޫނާ ބައެއް”

ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ މާޅޮހު ކައުންސިލްގެ ރައްޔިތުން އާމްދަނީ އެކައުންޓުގައި ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް އެންމެފަހުން އެކައުންސިލުން އާންމުކުރި ހިސާބުތަކުން ދައްކައެެވެ. ބަނދަރު މަސައްކަތަށް ބައިލައްކަ ރުފިޔާ ނެގުމަށް ކައުންސިލުން ނިންމިއިރު މާޅޮހުގައި އަލަށް އާބާދުވާ ސަރަހައްދުތަކުގެ މަގުތަކުގައި ބައްތިޖެހުމަށް މިދިޔަ އަހަރު މާލިއްޔާއިން 25000އަށްވުރެ ގިނަ ރުފިޔާވެސް ހަރަދުކުރިއެވެ.

މާޅޮހުގައި މިހާރު އޮތް ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ސަރުކާރާއި، އަމިއްލަ ފަރާތްތަކުގެ އެހީއާއެކު މާޅޮހު ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހަދާފައިވާ ބަނދަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top