ޗެންޕިއަން ވޮލީޓީމަށް ގޮއިދޫން ނޫ ދޫލައިގެ މަރުހަބާއެއް

image-0-02-06-c6f42615568d795424240eb47cad9a776a5d4d247b436914e7db337db701326e-V.jpg

ގޮއިދޫ ޓީމަށް މަރުހަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / އީވީ ފޮޓޯ: ރިޔާޒު

ބ. ގޮއިދޫން އަހްމަދު ރިޔާޒު

އިންޓަރސްކޫލް ބީޗް ވޮލީބޯޅަ ޗެންޕިއަންކަން ޖެހިޖެހިގެން 3 އަހަރު ހޯދައި ހޮނިހިރުދުވަހު ތަށި މިލްކުކުރި ގޮއިދޫ ސްކޫލްގެ ޓީމަށް އެރަށު ރައްޔިތުން ނޫ ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ހެނދުނު ގޮއިދޫ ބަނދަރު ސަރަހައްދުގައި އޮތް ބޮޑު ރަސްމިއްޔާތުގައި އެރަށުގެ ސްކޫލް ކުދިން ޔުނީފޯމާއެކު އަދި ރައްޔިތުންގެ ގިނަބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެ ޓީމަށް މަރުހަބާގެ ޝުއޫރުތައް ކިޔެވެ. ގޮއިދޫގައި ހުރި ރިޕޯޓަރު ބުނީ މިއަދަކީ ގޮއިދޫއަށް އަނެއްކާވެސް އިތުރު އީދެއް އައި ދުވަހެއްކަމަށާ، ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑު އުފާވެރިކަމެއް މިއަދު ފެންނަމުންދާކަމަށެވެ.

ރިޕޯޓަރު ބުނީ ވޮލީޓީމަށް ނޫ ދޫލައިގެ މަރުހަބާއެއް ކީ އެއީ ސްކޫލްގެ ކުލައަކީ ނޫކުލަ ކަމަށްވާތީއެވެ. ގޮއިދޫ ފުޓްބޯޅަ ޓީމް އަތޮޅު ޗެންޕިއަންކަން ހޯދައި ތައްޓާއެކު ރަށަށް ދިއުމުން މިދިޔަ އަހަރު އެރަށު ރައްޔިތުން މަރުހަބާކީ ފެހިދޫލައަކުންނެވެ.

ބީޗް ވޮލީބޯޅައިގައި ޗެންޕިއަންކަން ހޯދި އަދި ޓީމްގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މިއީ ރައްޔިތުންގެ އެކުވެރިކަމާއި، އެއްބާރުލުމުގެ ނަތީޖާ ކަމަށާ، މިކަމަށްތަކައި ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބީޗް ވޮލީ ބޯޅައިގައި ޗެންޕިއަންކަން ގޮއިދޫ ސްކޫލުން ހޯދައި ތަށި މިލްކުކުރީ 16 އަހަރުން ދަށުގެ އަންހެން ގްރޫޕުންނެވެ. އަދި މިއަހަރުގެ ފިރިހެން ގްރޫޕް 16 އަހަރުންދަށުގެ ޗެންޕިއަނުންނަކީވެސް ގޮއިދޫ ސްކޫލެވެ

ގޮއިދޫ ޓީމަށް އެރަށު ރައްޔިތުން މިއަދު މަރުހަބާ ކިޔަނީ / އީވީ ފޮޓޯ: ރިޔާޒު

ކުޅިވަރުގެ އާދަޔާ ހިލާފު ރެކޯޑުތަކެއް އޮތް ގޮއިދުއަކީ މިދިޔަ އަހަރުގެ ބ. އަތޮޅުގެ ބަށި މުބާރާތާ، ފުޓްބޯޅަ މުބާރާތުގެވެސް ޗެންޕިއަނުންނެވެ. ގޮއިދޫ ސްކޫލުން ބުނީ އިންޓަރސްކޫލް އިންޑޯ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރުމަށް އަންނަމަހު ޓީމް މާލެދާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top