މިނިވަންދުވަސް… ޒުވާނުންނަށް އެނގެނީ ކިހާ ވަރަކަށް؟

falg54.jpg

މިއަދުގެ ޒުވާނުންނަށް މިނިވަން ދުވަސް އެނގެނީ ކިހާ ވަރަކަށް ބާއެވެ. މި ސުވާލު، ބ.އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލްއާއި އޭލެވެލް އިން ރާއްޖޭގެ ފެންވަރުން ގަދަ 10 ގައި ހިމެނުމުގެ އިތުރުން ދިވެހިން އޭސްޓާރ ހޯދާފައިވާ 20 އަހަރުގެ ޒުވާނަކާ ކޮށްލީމެވެ. މިނިވަން ދުވަހަކީ ކޮބާ ހެއްޔެވެ.؟ އޭނާ ޖަވާބު ދިނެވެ. މިއަދަކީ މިނިވަން ދުވަހެވެ. ޖުލައި 26 އަކީ ރާއްޖޭގެ މިނިވަން ދުވަހެވެ. އަނެއްކާވެސް އަހާލީމެވެ. ޖުލައި 26 މިނިވަން ދުވަހަކަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނާ ޖަވާބު ދިނެވެ. އިނގިރޭސންގެެ އަތްދަށުން ރާއްޖެ މިނިވަން ވީ ދުވަސް ކަމަށް ވާތީއެވެ. އެއަށްވުރެ ކުރިއަކަށް ނުދެވުނެވެ. މިނިވަން ކަން ހޯދުމަށް ދިވެހިން ކުރި ބުރަ މަސައްކަތާ އިނިގިރޭސިންގެ އަޅުވެތި ކަމުގައި ދިވެހިން އުފުލަން ޖެހުނު އުދަނގޫތަކާއި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޭރުއޮތް އިނގިރޭސިން، ރާއްޖެ ިއސްތިއުމާރު ކޮށްގެން ދިވެހިންނަށް ކުރި ‘ދުއްޕާން ‘ތައް ކިޔައެއް ނުދެވުނެވެ. ބުނީ ސްކޫލްގައި އުޅުނު ދަސްކުރި ކަމަށެވެ. އެކަމަކު މިހާރު ހަނދާން ނެތީއެެވެ.

ވީޑިއޯ ތައްޔާރު ކުރީ :ހައިޝަމް

އެހެން ތިން ހަތަރު ޒުވާނުން ގާތު އަހާލުމުންވެސް ޖަވާބު ލިބުނީ މި ކަހަލަ ގޮތަކަށެވެ. މިނިވަން ދުވަހަކީ ޖުލައި 26 ކަން އެނގެއެވެ. އިނގިރޭސީންގެ އަތް ދަށުން ރާއްޖެ ސަލާމަތް ވީ ދުވަހޭވެސް ފަސޭހަކަމާއެކު ބުނެލައެވެ. އެއަށްވުރެ ކުރިއަކަށް ނުދެވެ އެވެ. އެކަމަކު އެއަށް ވުރެ ކުރިއަށް ދެވެން ޖެހޭނެ އެވެ. މިވަރަކުން ނުފުދެއެވެ. އިނގިރޭސީންގް އަތް ދަށުން ރާއްޖެ ސަލާމަތްވީ ގޮތަކާ ސަލާމްތް ކުރަން ރާއްޖޭއިން ކުރިމަސައްކަތްވެސް އެނގެން ޖެހެއެވެ. އެހެން ނޫނީ މިނިވަން ކަމުގެ ފުރިހަމަ އަގެއް އަޅުވެތިކަމުގެ ހިތްދަތިކަމެއް ނޭގޭނެއެވެ.

ދިވެހި ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި 26ވަނަ ދުވަސް ފާހަގަ ކުރަނީ ދިވެހި ރާއްޖޭ، އިނގިރޭސީންގެ އިސްތިއުމާރުގެ ވަކިތަކުން ސަލާމަތް ކުރި ދުވަހަކީ މީގެ55 އަހަރު ކުރިން އައި ޖުލައި 26 ކަމަށް ވީތީއެެވެ. ރާއްޖެއަށް މިނިވަންކަން ހޯދުމަށް ކަނޑިއާއި ބަޑިއާއި އެކު ހަނގުރާމައަކަށް ނުދިޔަ ނަމަވެސް އޭރު ރާއްޖޭގެ ބޮޑުވަޒީރުކަމުގައި ހުންނެވި އަލްއަމީރު އިބްރާހީމް ނާސިރު ކުރެއްވި ބުރަމަސައްކަތް ޒުވާނުންނަށް އަންގައިދޭން ޖެހެއެވެ. އެމަނިކުފާނުގެ ވަރުގަދަ ހިކުމަތު އަމަލީގެ ބޭނުންކޮށްގެން އޭރުއޮތް އެންމެ ގަދަ ބާރާއި ކުރިމަތިލައްވައި ދިވެހިންނަށް ދިވެހިންގެ ރާއްޖޭ ހޯއްދަވައިދެއްވުމަށް ކުރި މަސައްކަތްތައް ތާރީޚުގެ ފަތްފުއް ތަކުގައި ލިޔެވިފައި ވެއެވެ. އެވާހަކަތައް މިއަދުގެ ޒުވާނުން ނަށް ކިޔައިދޭން ޖެހެއެވެ. މަދަރުސާތަކުގެ ދަރިވަރުުންގެ ތައުލީމީ މުގައްރަރުގައި މިނިވަން ދުވަހަކީ ޖުލައި 26 ކަމާއި މިނިވަން ކަމުގެ ބަތަލަކީ އިބްރާހީމް ނާސިރުއޭ ލިޔެފައި އޮތުމުގެ ބަދަލުގައި މިނިވަން ކަމުގެ މާނަ މިއަށް ވުރެ ފުޅާކޮށް ބަޔާން ކޮށްދޭން ޖެހެއެވެ. އެހެންނޫނީ ގައުމެއްގެ ގައުމިއްޔަތާ އިސްތިގްލާލްގެ ބަހާތައް ފުރިހަމައެއް ނުވާނެއެވެ.

ރައީސް މައުމޫންގެ ދައުރުގައި ރާއްޖޭގެ މިނިވަން ދުވަސް ގައުމީ ފެންވަރުގައި މާލޭގައި އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފާހަގަ ކުރެއެެވެ. އެންމެ ކުޑަކުއްޖާއަށް ވެސް އޭރު މިނިވަން ކަމުގެ އަގު ވަޒަން ކުރެވޭ ފަދަ މޭރުމަކުން ރޭޑިއޯއިންނާއި ޓީވީއިން އެކިއެކި ޕްރޮގްރާމް ތައް ފޮނުވައެވެ. މިނިވަން ދުވަހާ ގުޅިގެން މަރުހޫމް ޝިހާބުމެން ފަދަ ބޭފުުޅުންގެ މޮޅު ތަގްރީރު ތަކުން އަހާމީހުންގެ ހިތްތަކުގައި ގައުމީ ޖޯޝް އުފައްދަ އެވެ. އެކިއެކި އަދަބީ ހަރަކާތްތަކާ މުނި ފޫހި ފިލުވުމުގެ ގޮތުން ބާއްވާ ކުޅިވަރު ތަކުން އެއީ ދިވެހިން ފާހަކަ ކުރާ އީދެއްގެ ގޮތުގައި ސިފަ ކުރެވެއެވެ.

އެހެންނަމަވެސް މި ފަހުގެ އަހަރުތަކުގައި އެގޮތަށް އެފޯރީގައި މިނިވަން ދުވަސް ފާހަގަ ކުރާތަނެއް ނުފެނެއެވެ. ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރައްމިއްޔާތެއް ބޭއްވުމާއި ރައީސް ގައުމާ މުޚާތަބް ކުރުން ފަދަ ލުއި ހަރަކާތެއް ނޯންނަ ވާހަކަ އެއް ނޫނެވެ. އެކަމަކު މިނިވަން ދުވަހަކީ މިއަށް ވުރެ މާބޮޑު ކޮށް ފާހަގަ ކުރަން ޖެހޭ ދުވަހެކެވެ. ގައުމަކަށް އަންނާނެ އެންމެ އުފާވެރި ދުވަހަކީ އެގައުމުގެ މިނިވަން ދުވަސްކަމަށް ވާއިރު މުޅި ގައުމު އެކީ އެކައްޗަކަށް ތެދުވެ އެދުވަސް ލުލަގަދަކޮށް ފާހަގަ ކުރަން ޖެހެއެވެ. އެއީ ގައުމުގެ އަބުތާލުންނަށް ޓަކައި ކޮންމެހެން އަދާ ކުރަން ޖެހޭ ގައުމީ ވާޖިބެކެވެ. ގައުމުގެ މިހާރާއި މުސްތަގްބަލުގެ ދަރިން ގައުމަށްޓަކާ ގުރުބާން ވުމުގެ ރޫހު އުފެއްދުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top