އިތުރު ސްކޫލެއް އެޅުމަށް އޭދަފުށިން 51000 އަކަފޫޓްގެ ބިމެއް ދީފި

Eydhafushi-arial.jpg

އޭދަފުށި ހިއްކިބިމުން އާ ސްކޫލް އެޅުމަށް ބިންދޫކުރި ސަރަހައްދު ރަތްކުލައިގެެ ގޮޅިއަކުން ފާހަގަކޮށްފައި. ސްކޫލް އެޅުމަށް 51000އަކަފޫޓަށްވުރެ ބޮޑުބިމެއް ވަނީ ދޫކޮށްފައި / އީވީ ފައިލް ފޮޓޯ

ބ. އޭދަފުށީގައި އެޑިޔުކޭޝަން މިނިސްޓްރީން އެޅުމަށް މަސައްކަތް ކުރަމުންދާ އާ ސްކޫލް އެޅުމަށް އޭދަފުށީ ހިއްކިބިމުން 51000 އަކަފޫޓަށްވުރެ ބޮޑުބިމެއް ދޫކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިކަން ވަނީ އިއްޔެ އީވީއަށްވެސް ޔަޤީން ކޮށްދީފައެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ ސްކޫލް އެޅުމަށް ބިންދޫކުރީ އޭދަފުށީ ނައިފަރުކަލޭގެ މަގާއި، ދިމާ ދެކުނުން ހިއްކިބިމުގެ ސަރަހައްދުންކަމަށާ، ބިމާބެހޭ ހުރިހާ ކަމެއް ހައުސިންގް މިނިސްޓްރީން މިހާރު ނިންމަވާފައިވާކަމަށެވެ.

އޭދަފުށީގައި އިތުރު ސްކޫލެއް އެޅުމުގެ މަޝްވަރާތައް ކުރެވެމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު ޕީއެސްއެމް އަށް ދެއްވި އިންޓިވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް ވިދާޅުވީ ބ. އަތޮޅު އޭދަފުށީގެ އާބާދީއަށް އަންނަމުންދާ ބަދަލުގެ ސަބަބުން ކުރިޔަށް އޮތް ދެއަހަރު ދުވަހުގެތެރޭގައި އެރަށު ތައުލީމީ މަރުކަޒުން އިތުރު ކުދިންނަށް ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި އޭދަފުށީގައި އިތުރު ސްކޫލެއް އިމާރާތް ކުރުމަށް މަޝްވަރާކުރެވެމުންދާކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.

އިބްރާހީމް އިސްމާއީލް އޭރު ވިދާޅުވީ ސްކޫލް އަޅާ ސަރަހައްދާ ކައިރި ހިސާބެއްގައި ކިޔަވައިދިނުމަށްޓަކައި ރަށުންބޭރުން އަންނަ ކުދިން ތިބޭނެ ދަނާލެއް އެޅުމުގެ މަޝްވަރާތައްވެސް ކުރެވެމުންދާކަމަށެވެ.

އޭދަފުށީގައި މިވަގުތު ޕްރީ ސްކޫލުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ތައުލީމް ދެމުންގެންދަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުން އެކަންޏެވެ. ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ އީވީއަށް ވިދާޅުވީ އާ ސްކޫލް އެޅުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމަށް ވަރަށްފަހުން އޭދަފުއްޓަށް އެޑިޔުކޭޝަންގެ ޓީމެއް ޒިޔާރަތްކުރި ކަމަށާ، އާސްކޫލްގެ ކަންކަން ހިނގާނުހިނގާގޮތް ގާތުން ބަލަމުންދާނެކަމަށެވެ.

އޭދަފުށީގައި ހުރި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޖާގަ ދަތިވެފައިވާތީ، މިވަގުތު 12 ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރެވެމުންވެސް ދެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 1978 ވަނަ އަހަރު ސަރުކާރުން އޭރު ރާއްޖެތެރޭގެ ރަށެއްގައި ހުޅުވި ފުރަތަމަ ސްކޫލެވެ. މިވަގުތު އެސްކޫލުގައި އަށްސަތޭކައަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުން ދެއެވެ. އަދި ސްކޫލްގެ ބެލުމުގެ ދަށުން 400 މީހުންނަށް ތިބެވޭވަރުގެ ދަނާލެއްވެސް މިވަގުތު ހިންގަމުންގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top