އިންނަފުށީގައި ރިސޯޓުހެދުން މަޑުކުރުމަށް އަންގައިފި

innafushi.jpg

އިންނަފުށި

ތަބިއީ ގޮތުން އުފެދިފައިވާ ގޮއިދޫ އަތޮޅުގައި އޮންނަ އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުން މަޑުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންގައިފި އެވެ.

އެރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސީމާކް ޕްރައިވެޓް ލިމިޓެޑް އަށް ދީފައިވަނީ 2010ވަނަ އަހަރުއެވެ.

އެ ރަށުގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ އަދި ފަށާފައިނުވާއިރު އިންނަފުށީގެ ކޮންސްޓްރަކްޝަން ޕީރިއަޑު މިއަހަރުގެ އޮގަސްޓް ހަތަކަށް ހަމަވާނެއެވެ. އެކަމަކު އެ މުއްދަތު އިތުރު ނުކޮށްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެކަން އިންނަފުށި ކުއްޔަށް ދީފައިވާ ކުންފުންޏަށްވެސް މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންނަފުށި ހިއްކައިގެން އެރަށުގައި ރިސޯޓު ތަރައްގީ ކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މަސައްކަތް މަޑުޖައްސާލުމަށް އެންގުމަށްފަހު، އެ ކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

“އޭގެ މާނައަކީ އެއްވެސް މީހަކު މަގުމަތިކޮށެއް ނުލާނަމޭ ސަރުކާރުންނެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޑިސްޕިއުޓަކަށް ގޮސް ކޯޓް ބެޓްލް ތަކަކަށް ދާން ޖެހޭނެ ކަމަކަށް،” މިނިސްޓަރު ވިދާޅުވި އެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ގަވައިދުގެ ތެރެއިން ރިސޯޓުހަދަން އިންނަފުށި ކުއްޔަށް ދޫކޮށްފައިވާ އިރު  އެ ކުންފުނިން އެރަށުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި މީރާ އަށް 1.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގައިވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން، އެގޮތަށް ހުރި ހުރިހާ ތަންތަނާމެދު ގޮތް ނިންމާނެ ކަމަށެވެ. ތިމާވެއްޓަށް ގެއްލުންވާނެ ގޮތަށް ޓޫރިޒަމްގެ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމުގެ ހުއްދަ ނުދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންނަފުށި އޮންނަ ސަރަހައްދަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށެކެވެ. އެ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ގޮއިދޫ އަތޮޅުގައި އޮންނަ އެ ރަށް ހިއްކުމުގެ ބަދަލުގައި އެ ސަރަހައްދު ރާއްޖޭގެ ނެޗުރަލް ރިޒާވެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top