މިއަދަކީ ދުނިޔޭގެ ތެލެސީމިޔާ ދުވަސް

World-Thalassemia-Day-.jpg

މިއަދަކީ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. ތެލެސީމިއާ އަކީ މިއަދު ރާއްޖޭއަށް ކުރިމަތިވެފައިވާ ސިއްޙީ އެންމެ ބޮޑު އެއްމައްސަލަ އެވެ. މިބަލި ޖެހެނީ ތެލެސީމިއާ ވާރުތަކުރާ ދެ ކުރިއެރުން މެދުވެރި ވެގެންނެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 18 އިންސައްތަ މީހުންނަކީ ތެލަސީމިއާވާރުތަކުރާ ގޮތް ހުންނަ މީހުން ނުވަތަ ކެރިއަރުން ކަމަށް ހިސާބުތަކުން ދައްކައެވެ. ކެރިއަރުންނަކީ ބަލިމީހުން ނޫން ކަމުގައި ވިޔަސް ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިންނަށް މިބަލިޖެހުމުގެ ފުރުޞަތު އޮންނަ ކަމަށް ސިއްހީ ހޯދުން ތަކުން ދައްކައެވެ. ތިރީގައި އެވަނީ ތެލެސީމިއާ އާއި ބެހޭ މައުލޫމާތުކޮޅެކެވެ.

ތެލަސީމިއާ އަކީ ކޮބާ؟

ތެލެސީމިއާއަކީ ލޭގައިވާ އާދަޔާޚިލާފު ކަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުންދަރިންނަށް ވާރުތަވާކަމެކެވެ. އެހެން ގޮތަކުން ޖެހޭ ބައްޔެއްނޫނެވެ.

ބަލީގައި ވާގޮތަކީ ލޭގައި ހިމެނޭ ހިމޮގްލޮބިން (އެޗް.ބީ) ފުރިހަމައަށް އުފައްދާ ނުދެނީއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއެވެ. މިމާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާ އަށެވެ. އަލްފާޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާ އަށެވެ. މީގެތެރެއިން ދިވެހިރާއްޖޭގައި އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލެސީމިއާ އެވެ.

ބީޓާ ތެލްސީމިއާގެ ބާވަތްތައް

ބީޓާ ތެލަސިމިއާވާރުތަކުރާގޮތްހުރުން ނުވަތަ ކެރިއަރ:-މިފަދަމީހުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ލިބޭދަރިންނަށް މިކަންވާރުތަކޮށްފާނެ މީހުންނެވެ. ކެރިއަރެއްކަން އެނގޭނެގޮތަކީ މިކަމަށްކުރާލޭގެ ޙާއްޞަ ޓެސްޓެއްކުރުމުންނެވެ. ނުވަތަ ލޭއަޅާކުޖެއް ލިބުމުންއެދެމަފިރިންނަކީ ކެރިއަރުންކަން އެނގުނީއެވެ. (ކެރިއަރުންނަކި އެއްވެސްގޮތަކަށް ބަލިބައެއް ނޫނެވެ.) އަދިބަލާބެލުމަށް އެހެންމީހުންނާ ތަފާތުބައެއްވެސްނޫނެވެ. ދިވެހިރާއްޖޭގެ އާބާދީގެ %18 ބީޓާތެލަސީމިއާކެރިއަރުންނެވެ.

އަލްފާ ތެލެސީމިއާ ކެރިއަރ

އަލްފާ ތެލަސީމިއާ ކެރިއަރުންނަކީ ޞިއްޙަތުސަލާމަތުން ތިބޭ ބައެކެވެ. ބީޓާ ތެލެސީމިއާއެކޭ އެފަދައިން އަލްފާތެލެސީމިއާ އަކީވެސް މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ކަމެކެވެ. ކެރިއަރެއްކަން އެނގެނީ މިކަމަށް ކުރާ ޙާއްޞަ ޓެސްޓެއް ކުރުމުންނެވެ. އަލްފާ ޒީރޯ ކެރިއަރުންނާއި އަލްފާ ޕްލަސް ކެރިއަރުން ވަކިކުރެވޭނީ ޑީ.އެން.އޭ ޓެސްޓް ހަދައިގެންނެވެ.އަލްފާ ކެރިއަރަކާއި އެހެން ބާވަތެއްގެ ކެރިއަރަކާ ކައިވެނި ކުރިކަމުގައިވިޔަސް ލޭއަޅާ ކުދިންނެއް ނުލިބޭނެއެވެ. އެހެންކަމުން އަލްފާ ތެލެސީމިއާ ކެރިއަރުންނަކީ ބީޓާ ތެލަސީމިއާ ކެރިއަރުންނަށް ވުރެ ނުރައްކާތެރިކަން ކުޑަ ވައްތަރެކެވެ.

ތަލެސީމިއާ މޭޖަރ ނުވަތަ ލޭއަޅާ ބަލިކުދިން

މިއީ ވަރަށް ޅަޢުމުރެއްގައި އޭގެ އަސަރު ފެންނަން ފަށާ ނުރައްކާތެރި ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ގައިގައި ފުދޭވަރަކަށް ހިމޮގްލޮބިން  އުފެއްދައެއް ނުދެއެވެ.  މިހެންވުމުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ކުއްޖާ ދޮންފޫޑުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ، ކުއްޖާގެ ހާލު ދެރަ ކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށް ޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެއެވެ.(ލޭ އަޅާ ކުދިން ލިބެނީހަމައެކަނި ދެކެރިއަރުންނަށެވެ.)

ތަލެސީމިއާ އިންޓަރ މީޑިއާ 

މިއީ ލޭ އަޅާބަލީގެ ނުރައްކާތެރިކަން ކުޑަވައްތަރެކެވެ. މިފަދަކުދިންނަށް ތަކުރާރުކޮށް ލޭއަޅާކަށް ނުޖެހެއެވެ. ނަމަވެސް މިކުދިންނަށްވެސް ޑަކްޓަރީ ފަރުވާ ގަވާއިދުން ބޭނުން ވާނެއެވެ.މިކުދިންނަށްވެސް ހިމޮގްލޮބިން ހުންނަވަރު ދަށަށްދާނަމަ ލޭއަޅަން ޖެހޭނެއެވެ.

ލޭއަޅާ ކުއްޖެއްކަން އެނގޭނެ ގޮތްތަކަކީ ކޮބާ؟

ޢުމުރުން 6 މަހާ 12 މަހާ ދެމެދު ކުއްޖާ ދޮންފޫޑުވެ، ލޭމަދުކަން ފާހަގަވުން،

ޢުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވުން އަދި ބަލި ބުރަކޮށް ހުންނަކަން ފާހަގަ ކުރެވުން،

ޗިސްމޭ އަދި ހުންކޮށި ދުޅަވެ ބަނޑު ފުއްޕާގޮތްވުން،

ހަށިގަނޑުގެ ބައެއް ކަށިތައް ފާޅުވުން، ޚާއްޞަކޮށް ބޮލުގެ ނާށިގަނޑު ފާހަގަ ކުރެވެއެވެ.

ލޭ އަޅާ ކުދިންނަށް ދެވޭފަރުވާ

ގަވާއިދުން ލޭ އެޅުން (މަދުވެގެން މަހަކުއެއް ފަހަރު) ލޭ އެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައިނައްތާލުމަށް ޑެސްފަރޯލްގެ ފަރުވާދިނުން، މިއީ ހަފްތާއަކު ފަސްދުވަހުބ ޖަހަން ޖެހޭ އިންޖެކްޝަނެކެވެ.

ދުޅަވެފައިވާ ހުންކޮށި ނަގަންޖެހިއްޖެ ހާލެއްގައި އޮޕަރޭޝަނަކުން ނެގުން.

މި ބަލި މުޅިން ރަނގަޅު ކުރެވެއެވެ. ނަމަވެސް މީ ވަރަށް އަގުބޮޑު އަދި ހަމައެހެންމެ އެހާ ނުރައްކާތެރިކަން ބޮޑު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަން ކުރެވޭނީ ބަލި ކުއްޖާގެ ކަށީގެ މަދާ ހުރިހާ ގޮތަކުންވެސް ގުޅޭ ކަށީގެ މަދު ލިބިގެންނެވެ. މިގޮތަށް ގުޅޭނީ އެއްމާބަނޑު ނުވަތަ އެއްބަނޑު އެއްބަފާ ކުދިންނާ އެވެ. ނަމަވެސް ވަރަށް ނާދިރުގޮތެއްގައި އެއްބަނޑު އެއްބަފާ މީހަކާވެސް ގުޅިދާނެއެވެ. މިއޮޕަރޭޝަނަށް ފަހުންވެސް ބަލި ކުއްޖާ ޑަކްޓަރުންގެ ޚާއްޞަ ބެއްލެވުމުގެ ދަށުގައި އެއް އަހަރަށްވުރެ މަދު ނޫން މުއްދަތެއްގައި ގެންގުޅެން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top