ބ. ގޮއިދޫގައި ވޮލީބޯޅަ ކުޅުމަށް ބޭނުންކުރާ ކޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިިދިޔަ ހަފްތާ ބަންދު ތެރޭގައި ފެށި މިމަސައްކަތުގެ ދަށުން ބަނދަރުގެ އިރުމަތިން އޮތް ގޮއިދޫ ވޮލީ ކޯޓު ތެރޭގައި ހުރި ގަސްތައް ކަނޑުމުގެ އިތުރުން އެހެން ބައެއް މަސައްކަތްވެސް ވަނީ ފަށާފައެވެ.
ގޮއިދޫ ކައުންސިލުން ބުނީ މިއީ ރައްޔިތުންނާ ކައުންސިލާ ގުޅިގެން ހިލޭ ސާބަހަށް ރަށުގެ ތަރައްގީއަށް ހިންގާ މަޝްރޫއެއް ކަމަށެވެ. ކައުންސިލް މެންބަރު އިލްޔާސް އިބްރާހީމް ވިދާޅުވީ މި މަޝްރޫއު ނިމިގެން ދާއިރު ވޮލީ ކޯޓް ވަށައިގެން ފާރު ރާނާ ފެންސްޖަހާ ލައިޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތަކެތީގެ އަގަށް ބަލާއިރު ބައިލައްކަ ރުފިޔާގެ ޚަރަދެއްހިގާ މި މަޝްރޫއަށް ރައްޔިތުންގެ މާލިއްޔާއިން 25000 ރުފިޔާވަރު ޚަރަދު ކުރެވޭނެކަމަށެވެ.
“ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމަކާ އެކު މިމަސައްކަތް މި ފެށުނީ .ރޭވެސް ވަރަށް ދަންވަންދެން މަސައްކަތް ކުރިން. ކައުންސިލުން މިކަމަށް ޚަރަދު ކުރާނީ 25000ރ.އަށްވުރެ ބޮޑު ނުވާ އަދަދެއް. ބާކީބައި ފަންޑު ހޯދާނީ ރައްޔިތުންގެ ތެރެއިންނާ ހިލޭއެހީގެ ގޮތުގައި. ” އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ގާތްގަނޑަކަށް 8000 އަކަފޫޓުގެ މި ކޯޓް ނިމިގެންދާއިރު އެތަނަކީ ބ.އަތޮޅުގައި ގާއިމްކުރެވިފައިވާ ވޮލީ ކޯޓުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅު ކޯޓަކަށް ވާނޭ ކަމަށެވެ. އަދި މިމަސައްކަތް ރޯދައިގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުޓްބޯޅާއާއި ބަށި އަދި ވޮލީބޯޅަ އާއި އެތްލެޓިކްސްގައި އާދަޔާ ޚިލާފު މޮޅު ކުޅުންތެރިން އުފައްދަމުން އަންނަ ގޮއިދޫން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވޮލީބޯޅައިން ގައުމީ ފެނވަރުގެ 4 ރަން މެޑެލް ހޯދާފައި ވެއެވެ. އަދި އަތޮޅު ފެންވަރުގައި މިއަހަރު އެއް ރަން މެޑެލް ހޯދާފައި ވެއެވެ.