މިފަހަކަށްއައިސް އަނެއްކާވެސް އާއުކުޅުތަކެއްގެ ބޭނުންކޮށްގެން މީސްމީހުންގެ އަތުން ފައިސާ ހޯދުން އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން އިއްޔެ އެކަނިވެސް އުތުރަށް ނިސްބތްްވާ ރަށެއްގެ މީހެއްގެ ބޭންކް އެކައުންޓުން 80000ރ. މަކަރާ ހީލަތުން އެއްފަހަރާ ނަގާފައިވާކަމަށާއި ހަމައެރަށުގެ އެހެންމީހެއްގެ އެކައުންޓުން 20000ރ. ނަގާފައިވާ ކަމަށް ޕޮލިސް އިންސްޕެކްޓަރ އިސްމާއީލް އަލީ ވިދާޅުވިއެވެ. އަދި އެހެން މީހެއްގެ އެކައުންޓުން 6000ރ. އަތުލާފައިވާ މައްސަލައެއްވެސް ފުލުހުން ބަލަމުން އަންނަކަމުގައ ވިދާޅުވިއެވެ.
މި މައްސަލަ ހިނގާފައިވާ ގޮތް ބަޔާންކޮށްދެމުން ވިދާޅުވީ ނުދަންނަ ނަންބަރަކުން ގުޅައިގެން ވާހަކަދައްކަމުން ބުނެފައިވަނީ މިއީ އާސަންދަ އޮފީހުންކަމާއި އާސަންދައިން ބޭސްފަރުވާއަށް ކަނޑައަޅާފައިވާ ފައިސާ ބޭނުންނުކޮށް ހުރުމުން އެފައިސާ އެފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެކަމަށްބުނެ ބޭންކް ކާޑުގެ މައުލޫމާތު ހޯދައިގެން އެކައުންޓުން ފައިސާ ނެގީކަމުގައެވެ.
މިގޮތަށް އޮޅުވާލައިގެން މަކަރާހީލަތުން ފައިސާހޯދާ މައްސަލަތަކުގެ ތެރެއިން ހުށަހެޅިފައިވާ ގިނަމައްސަލަތަކަކީ ކުންފުނިތަކުގެ ނަމުގައި ނުވަތަ ކޮންމެވެސް މުވައްސަސާއެއްގެ ނަމުގައި ގުޅައި ޕްރޮމޯޝަނެއްގެ ގޮތުގައި ނުވަތަ މާލީމަންފާ ލިބޭނެ ގޮތްތައް ބުނެދީ ވަރަށް ބޮޑަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެވެ.
މިފަދަ ކަންކަމަށް ހޭލައިތިބެ ރައްޔިތުންގެ އެއްބާރުލުން އިތުރުކޮށް މިކަންކަމަށް ފާރަވެރިވެގެން ތިބެއްޖެނަމަ އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށާއި ޚާއްސަކޮސް ބޭންކް ގެ ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ އެއްވެސް ނަންބަރެއް ޔަގީންކަން ނެތް އެއްވެސް ފަރާތަކާށް ނުދިނުމަށް އިލްތިމާސް ކުރެއްވިއެވެ.