
ހަމްޕު. ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑަށް އިތުރު ކުރީ އޭއެފްސީ ކަޕްގައި ބުދަދުވަހު ދެއްކި ކުޅުމަށް ބެލުމަށްފަހުކަމަށް ގައުމީ ކޯޗް ބުނޭ. / ފޮޓޯ: ހަވީރު އޮންލައިން
މިއަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕަށް ރާއްޖެއިން އެކުލަވާލި ގައުމީ ފުޓްބޯޅަ ސްކޮޑުގައި ނިއުރޭޑިއަންޓަށް މިއަހަރު ކުޅެމުންއަންނަ އޭދަފުށީގެ ހުނަރުވެރި ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒަތު މުހައްމަދު (ހަމްޕު) ހިމަނައިފިއެވެ.
ގައުމީ ސްކޮޑަށް ކުރިން ނެގި 30 ކުޅުންތެރިންގެ ތެރޭގައި ހަމްޕު ނެތްނަމަވެސް އޭނާގެ އިތުރުން ނިއުގެ އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް މިއަދުވަނީ ގައުމީ ސްކޮޑަށް އިތުރުކޮށްފައެވެ. މިދެކުޅުންތެރިން ސްކޮޑަށް އިތުރުކޮށްފައިމިވަނީ ބުދަދުވަހު އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓާ، އިންޑޮނީޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ ކުޅުނުމެޗްގައި ދެއްކިކުޅުމަށް ބެލުމަށްފަހުގައި ކަމަށް ގައުމީ ކޯޗް ބުނެއެވެ.
ހަމްޕުގެ އިތުރުން ގައުމީ ސްކޮޑްގައި ކުރީފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އޭދަފުށީގެ 3 ކުޅުންތެރިން ހިމެނެއެވެ. އެއީ ނިއުގެ މުހައްމަދު ޝިފާން (ކުޑައްޓޭ)، ޝާފިއު އަހްމަދު (ޝާފީ)، އަލީ ފާސިރު (ސެންޓޭ) އެވެ. ގައުމީ ސްކޮޑުގައި އޭދަފުށީގެ ހަތަރު ކުޅުންތެރިއަކު ހިމެނުނު ނަމަވެސް، މިސްކޮޑް ފައިނަލް ކުރާއިރު ބައެއް ކުޅުންތެރިން ސްކޮޑުން ބާކީވުމަކީ ވެދާނެކަމެކެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަޓީމްގައި ފުރަތަމަ ފަހަރަށް އޭދަފުށީގެ ކުޅުންތެރިން ހިމެނެން ފަށާފައިވަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެގޮތުން 1991 ވަނަ އަހަރު ސާފް ގޭމްސްގައި ރާއްޖެ ރިހިމެޑަލް ހޯދި ޓީމްގެ ސެންޓްރަލް ޑިފެންޑަރަކަށް ކުޅުނީ އޭދަފުށީގެ އޭރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުލްވާހިދު ހުސައިން (ވާޑޭ) ކަން ފާހަގަކުރެވެއެވެ.