ކަކާ

kaka.jpg

ދަނޑުމަތީގަޔާއި، ދަނޑުން ބޭރުގައި އަޚްލާގު ރަނގަޅު ކަކާ އަކީ ފުޓްބޯޅައިގެ ވަރުގަދަ ނަމެކެވެ. ބުރެޒިލްގެ ވެރިރަށް ބްރެޒިލިއާ އަށް އުފަން ރިކާޑޯ އިޒެކްސަން އަށް ވަނަމެއްގެ ގޮތުގައި ”ކަކާ” ކިޔަންފެށުނީ އޭނާގެ ކޮއްކޮ ރޮޑްރިގޯ ޑިއެގޯ ކުޑައިރު ”ރިކާޑޯ” ކިޔަން އުޅުމުގެ ތެރޭގައި އަޑު އައި ގޮތަކުންނެވެ.

ކަކާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން އެންމެ އަށް އަހަރުގައެވެ. އޭރު އޭނާއަކީ ފުޓްބޯޅައަށްވުރެ މޮޅަށް ޓެނިސް ކުޅޭ ކުޅުންތެރިއެކެވެ. ނަމަވެސް އުމުރުން ފަނަރަ އަހަރުގައި ސާއޯ ޕައުލޯ އިން ފުރުސަތު ލިބުމުން ޓެނިސް ރެކެޓް ދޫކޮށްލާފައި ފުޓްބޯޅަ ދަނޑަށް ނުކުތެވެ.

އުމުރުން 18 އަހަރުގައި ސުވިމިންގ ޕޫލެއްގައި ހިނގި އެކްސިޑެންޓެއްގައި ކަކާގެ މައިބަދައިގައި ރެނދުލައި، ކަކާގެ މުޅި އުމުރު ބަލި އެނދުގައި އޮންނަންޖެހޭނެކަމަށް ބެލުނެވެ. ނަމަވެސް ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކަކާ އަނެއްކާވެސް ފުޓްބޯޅަ ދަނޑަށް ނުކުމެ، މުޅި ދުނިޔެއަށް އޭނާގެ ނަން މަޝްހޫރުވިއެވެ.

އިސްކޮޅުގައި ހަފޫޓް ހުންނަ ކަކާ، ބްރެޒިލްގެ ޤައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2002 ގައި އެކުވެރިކަމުގެ މެޗެއްގައި ބޮލީވިއާ އާއި ދެކޮޅަށެވެ. އަދި 2002 ގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމްގައިވެސް އޭނާ ހިމެނުނެވެ. ނަމަވެސް އެފަހަރު ކުޅެލަން ލިބުނީ އެންމެ 25 މިނެޓެވެ.

ޖަރުމަންގައި 2006 ގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބްރެޒިލް ކެޓި ނަމަވެސް ކަކާ ދެއްކި މޮޅު ކުޅުން ގިނަ ބަޔަކު ބަލައިގަތެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އައިވަރީ ކޯސްޓާއި ބައްދަލުކުރި މެޗްގައި ދެއްކި ރަތްކާޑާއި އެކު އެފަހަރުގެ މުބާރާތް އޭނާއަށް ނިމުނެވެ. ކަކާ އަށް ދެއްކުނު މި ރަތްކާޑަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކާޑެއްވެސް މެއެވެ. ކަކާ މިހާތަނަށްޤައުމީ ޓީމަށް ކުޅުނު 87 މެޗްގައި ވަނީ 29 ގޯލް ކާމިޔާބުކޮށްދީފައެވެ.

އިޓަލީގެ އޭސީ މިލާނުގައި ހުރެ ކެރިއަރު ނިންމާލުމަށް ކުރިން އަޒުމް ކަނޑައެޅި ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް 68.5 މިލިއަން ޕައުންޑްގެ އަގެއްގައި އޭނާ ގެންދިއުމުށް ފުޓްބޯޅަ ދަނޑުގައި ކަކާގެ މަޤާމު އެނގެއެވެ. ރިއަލް މެޑްރިޑްގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާ ގެންދަން ކުރި މަސައްކަތަށް ނިމުނެއް ނާދެއެވެ. ރިއަލް މެޑްރިޑް ދޫކޮށްލުމަށްފަހު ދެވަނަ ފަހަރަށް ކަކާ އެސީ މިލާނަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. ކަކާވަނީ އެސީ މިލާނަށް ކުޅުނު ރަންދުވަސްވަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. މި މަޤާމް އޭނާ ހޯދީ 2007 ވަނަ އަހަރުއެވެ.

ކުޑައިރު ލޯބީގެގޮތުން ގުޅިގެން އުޅުނު، ކެރޮލައިންއާއި އެކު ކަކާ ޒަވާޖީ ހަޔާތެއްފެށީ، 2005 އަހަރުއެވެ. މި ކައިވެންޏަށް، މިހާތަނަށް ވަނީ ފިރިހެން ކުއްޖަކާއި، އަންހެން ކުއްޖެއް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top