ބަހިއްޔާގެ ކުއްޔަށް ވިލާކޮލެޖުން 67000ރ ނުދައްކަވާ އެބައޮތް – އޭދަފުށި ކައުންސިލް

52.jpg

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް ނަންބޯޑު. / ފޮޓޯ: ވިލާކޮލެޖް

ވިލާ ކޮލެޖް އޭދަފުށި ކެންޕަސް ހިންގި އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގެ އިމާރާތަށް ކުލީގެ ގޮތުގައި ވިލާ ކޮލެޖުން މިހާތަނަށް ނުދައްކާ ފަސްދޮޅަސް ހަތްހާހަށްވުރެ ގިނަ ރުފިޔާ އެބައޮތްކަން އޭދަފުށީ ކައުންސިލުން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އޭދަފުށީ ކައުންސިލުން ބުނީ 2014 ވަނަ އަހަރުގެ ފަހުން ވިލާކޮލެޖުން ބަހިއްޔާއަށް ދައްކަންޖެހޭ ކުލި ނުދައްކާއޮތްކަމަށެވެ. އެގޮތުން 2015 ވަނައަހަރާއި، 2016 ވަނައަހަރުގެ މެއިމަހުގެ ނިޔަލަށް ޖުމްލަ 67،916.67 (ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ ސޯޅަރުފިޔާ ފަސްދޮޅަސް ހަތްލާރި) ވިލާކޮލެޖުން އޭދަފުށީ ކައުންސިލަށް ދައްކަންޖެހޭކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

“ވިލާކޮލެޖުން 2014 ވަނައަހަރުގެ ނިޔަލަށް ކުއްޔަށް ދޫކޮށްފައިވާގޮތަށް ކުލި ދައްކާފައިވެއެވެ. ނަމަވެސް 2015ވަނަ އަހަރާ، 2016 ވަނައަހަރުގެ މެއިމަހާއި ހަމައަށް ފައިސާ ދައްކާފައެއް ނުވެއެވެ. އެފައިސާތަކުގެ ޖުމްލަ އަދަދަކީ 67،916.67ރ އެވެ.” ކައުންސިލްގެ ލިޔުމުގައި ވެއެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ނައުރީފް ސޮއިކުރައްވައި ފޮނުއްވި މިލިޔުމުގައިވަނީ ފައިސާ ހޯދުމަށްޓަކައި އެކިފަހަރުމަތިން ވިލާކޮލެޖަށް ސިޓީ ފޮނުއްވާފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން ވިލާކޮލެޖާއި 2016ވަނަ އަހަރު ސެޕްޓެމްބަރުމަހު ބައްދަލުކޮށްފައިވެސް ވާކަމަށެވެ.

ވިލާކޮލެޖް އޭދަފުށީ ކެމްޕަސް ހުޅުވުނީ 2013 ވަނައަހަރުގެ ފެބުރުވަރީމަހުއެވެ. ބަހިއްޔާ ޕްރީ ސްކޫލްގެ ދެވަނަބުރީގައި ކުރިޔަށްގެންދިޔަ އެކެމްޕަސް 2016 މެއިމަހުން ފެށިގެން ހިންގަމުން ގެންދިޔައީ އެސްޓީއޯ އޭދަފުށީ ފިހާރަ ހުރި އިމާރާތުގެ ބައެއްގައެވެ. އެހެންނަމަވެސް އެއިމާރާތްވެސް މިހާރު ވިލާކޮލެޖުން ބޭނުމެއް ނުކުރެއެވެ. މިވަގުތު ވިލާ ކޮލެޖުން އަންނަނީ އޭދަފުށީގައި އާކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންކަން ފާހަގަ ކޮށްލެވެއެވެ.

ވިލާކޮލެޖުން ބަހިއްޔާ ދޫކޮށްލުމުން މިއަހަރު ބަހިއްޔާގެ ދެވަނަ ބުރީގެ ބައެއް މައިކޮލެޖުން ވަނީ ކުއްޔަށް ނަގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top