މާތް ވެގެންވާ ރަމަޟާން މަހަކީ ޗުއްޓީ ނަގައިގެން ކަންނެތްކަން އިހްތިޔާރުކޮށް މަސައްކަތްތައް ހުއްޓާލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
‘ނަސްރާއި ކާމިޔާބުގެ މައްސަރު’ ކަމަށްވާ ރޯދަ މަހުގެ މައްޗަށް އަލިއަޅުއްވާލައްވައިގެން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފައިވަނީ ރަމަޟާން މަހަކީ އަޅުކަމުގައި ހީވާގިވެ އަޅުކަމުގައި ކަމަރުބަންނަންވީ ދުވަސްތައް ކަމަށާއި ހާއްސަކޮށް ރަމަޟާން މަހުގެ ފަހު ދިހައަކީ އަޅުކަމުގައި ވަކިން ބޮޑަށް ހީވާގި ވާން ޖެހޭ ދުވަސްތަކެއް ކަމަށެވެ.
އުއްމުލް މުއުމިނީން އައިޝާ ރަޟިއަންހާގެ އަރިހުން ރިވާވެގެންވެއެވެ. ”ރަމަޟާން މަހުގެ ފަހު ދިހައަކަށް އެޅުމުން ރަސޫލާ مُحَمَّدٌ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ. އަދި އެ ރޭތައް އިޙުޔާކުރައްވައެވެ. އަދި އަޅުކަން ކުރެއްވުމަށް އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައެވެ.“
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ރަމަޟާން މަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް މުސްލިމުންގެ އަދުއްވުންނާ ދެކޮޅަށް އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި މައްސަރުކަންވެސް ހަނދާން ކޮށްދެއްވާފައެ. އިސްލާމީ ތާރިޚު ބަދަލުކޮށްލި މަޝްހޫރު ބަނދުރު ހަނގުރާމަ ކުރެވުނީ ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މުސްލިމުން މައްކާ ފަތަޙަ ކުރެއްވުމާއި އަންދަލުސް އާއި ތަތާރުންގެ މައްޗަށް މުސްލިމުން ނަސްރު ހޯދީ ރަމަޟާން މަހެއްގައިކަން ވަނީ ހަނދާން ކޮށްދެއްވާފައެވެ.
އަދި މިކަން ކަމުން އެނގެނީ ނަސްރު ދެއްވަނީ ހަމައެކަނި ބާރުގެ ގޮތުން ނޫންކަމަށާއި އެކަމަކު ﷲ ސުބްހާނަހޫ ވަތައާލާއަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުގެ ސަބަބުންނާއި އެކަލާނގެ ރަހުމަތުގެ ސަބަބުން ކަމަށެވެ.







