އިލެކްޝަން ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.
ފުރަތަމަ ބުރެކޭ އެއްގޮތަށް ދެވަނަ ބުރުގައިވެސް ރީ-ރަޖިސްޓަރީ ވުމަށް، އިލެކްޝަން ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. ފޯމް ހުށަހަޅުއްވައިގެން ރީ-ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަތަކުގެ ފޯމް މާލެއިން ނަމަ، ދަރުބާރުގޭގައި ގާއިމު ކޮށްފައިވާ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒުން ބަލައިގަންނަ އިރު، މާލެ ފިޔަވައި، އެހެން ހުރިހާ ރަށެއްގެ، ކައުންސިލް އިދާރާތަކުން ވެސް ފޯމް ބަލައިގަންނާނެ ކަމަށް އީސީ އިން ވިދާޅުވެފައި ވެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާއި ބެހޭގޮތުން އާއްމު ފަރާތަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ، ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކުންވެސް އޮންލައިން ކޮށް ރީ-ރެޖިސްޓްރީވާން ބޭނުންނަމަ، ރާއްޖޭގައި ހުރި އިތުބާރުކުރެވޭ އެހެން ފަރާތެއްގެ މޮބައިލް ނަންބަރު ބޭނުން ކުރައްވަން، ނުވަތަ، ރޯމިންގް ޚިދުމަތް ބޭނުންކުރައްވަން އިލްތިމާސް ކޮށްފައެވެ. އެއީ އޮންލައިންކޮށް ރީ-ރެޖިސްޓްރީވުމަށް އިލެކްޝަން ކޮމިޝަނުގެ އޮންލައިން ޕޯޓަލް އިން ދޫކުރާ އޯޓީޕީ ފޮނުވޭނީ ހަމައެކަނި ދިވެހިރާޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏަކުން ދޫކޮށްފައި ހުންނަ މޮބައިލް ނަމްބަރުތަކަށް ކަމަށް ވާތީއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސެޕްޓެމްބަރު މަހުގެ 30 ވަނަދުވަހަށް 18 އަހަރުފުރޭ 408 ފަރާތަކާއެކު، ޖުމްލަ 282803 ފަރާތަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ.