ދައްކަން އަންނަ މީހުން އިތުރު. އެކަމަކު އަދި ހާސްކަމެއް ނެތް – ސިދުގީ

10365317_939001986147580_4644817536255384975_o-800x450-800x450.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ. މިވަގުތު ހާސްކަމެއް ނެތްކަމަށް ވިދާޅުވި / އީވީ ފައިލް ފޮޓޯ

މުޅިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހުމާއި، ރޯގާގައި ބ. އަތޮޅުން ހާސްވާންޖެހޭ ވަރުގެ ކޭސް އެއް އަދި ނުފެންނަކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ހުން އައުމާ އަރިދަފުސް ރޯގާ ޖެހިގެން އެހޮސްޕިޓަލަށް ދައްކަން އަންނަ މީހުން އިތުރުވަމުންދާކަމަށާ، އެހެންނަމަވެސް ހޮސްޕިޓަލަށް އޮބިނޯންނަވަރު ނުވާކަމަށެވެ. އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވިއިރު، ރަށުތެރޭގައި ހޮސްޕިޓަލުން ކުރިޔަށްގެންދާ ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މުޅިއަތޮޅުގައިވެސް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާކަމަށެވެ.

“ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވަމުން ދޭ. އެކަން ޔަގީން. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ ޓާސްކްފޯހެއް އެކުލަވާލާފައި. ރޯގާއާ ދެކޮޅަށް މަސައްކަތް ކުރަން. ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލުން ދޮރުން ދޮރަށް ހިނގާ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުން ދާނެ. އަތޮޅު ތެރެވެސް ވަރަށް ބޮޑަށް ކަވަރު ކުރެވޭނެ. ސީރިއަސް ކޭސްއެއް އަދި ނެތް” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ހުމާއި، ރޯގާއިން ރައްކާތެރިވުމަށް ހުންއަންނަ މީހުންނާއި، ބަލި ނެތް މީހުން ވީހާވެސް ދުރުހެލިވާންޖެހޭކަމަށާ، އަދި ކެއްސާ ކިނބިހި އަޅާއިރު ސަލާމަތީ ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހުމުގެ އަސަރު ފެނިއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅުއަޅަން ޖެހޭ ކަމަށެވެ.

ހުންރޯގާއާ ގުޅިގެން ބ. އަތޮޅުގެ ސްކޫލްތަކުގެ ކިޔެވުމުގެ އިތުރުން ޓިއުޝަން ކްލާސްތަކާ، އިތުރު ހަރަކާތްތައްވެސް ވަނީ މަޑުޖައްސާލާފައެވެ. ސިދުގީ ވިދާޅުވީ އާންމުން އެއްވެ އުޅޭ ތަންތަނަށްވެސް ދިއުން މިދުވަސްކޮޅު މަޑުޖައްސާލަންޖެހޭ ކަމަށާ، ޚާއްސަގޮތެއްގައި ކުޑަކުދިންނާ، އުމުރުން ދުވަސްވީ މީހުންނަށް ސަމާލުކަން ދެއްވައިގެން ބަލަހައްޓަވަންޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top