ފުޅީގައި ބޯފެން ބަންދުކުރާ ފެކްޓަރީއެއް އެޅުމަށް ފެނަކައަށް، އޭދަފުށިން ބިމެއްދޭން ނިންމައިފި

13103262_1698165803755149_9172024363282898052_n.jpg

ބ. އޭދަފުށި. ބްޓްލިންގް ޕްލާންޓެއް ގާއިމްކުރުމަށް ފެނަކައަށް އޭދަފުށިން ބިމެއްދޭން ވަނީ ނިންމާފައި / ފޮޓޯ: ފޭސްބުކް

ފުޅީގައި ބޯފެންބަންދުކުރާ ފެކްޓްރީއެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނަށް އޭދަފުށިން ބިމެއް ދިނުމަށް އޭދަފުށީ ކައުންސިލުން ނިންމައިިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަަށް ނިންމީ 29 އޮކްޓޯބަރ 2017 ދުވަހު ބޭއްވި އެކައުންސިލްގެ ކުއްލި ބައްދަލުވެއްގައެވެ. ކައުންސިލްގެ ހަތަރު މެމްބަރުން ކަމުގައިވާ ރައީސް ތޮލާލް އަބްދުއްރަހްމާން، ނާއިބްރައީސް ހައްވާ ސަމީހާ އަދި މެމްބަރ ޝަމްލާ އަބްދުﷲ އަދި ޒައިދު އަލީވެސް މި ހުށައެޅުމަށް ތާއީދުކޮށް ވޯޓްދީފައިވެއެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ފެނަކައަށް ދޭން ނިންމީ 3000 އަކަފޫޓްގެ ބިމެއްކަމަށާ، ބިންދޭން ނިންމީ އަގަކާ ނުލާކަމަށެވެ. އޭނާ ވިދާޅުވީ ބިން ހިލޭ ދިނުމަށް ނިންމީ މިފަދަ ފެކްޓްރީއެއް އޭދަފުށިގައި ގާއިމް ކުރެވިއްޖެނަމަ، އޭދަފުށީގައި އިތުރު ވަޒީފާތަކެއް އުފެދި އާންމު ރައްޔިތުންނަށް  ހެޔޮއަގުގައި ފެން ލިބުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

“މިކަހަލަ ފުރުސަތެއް މަދުން ނޫނީ އަތޮޅުތެރޭގެ ރަށަކަށް ނުލިބޭނެ. އަނެއްކޮޅުން ބަލާއިރު މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް އޭދަފުށިގެ ރައްޔިތުންނަށް ވާނެ. ވަޒީފަތަކެއް އިތުރުވެގެންދާނެ. ހެޔޮއަގުގައި ފެން ލިބުމުގެ ފުރުސަތުވެސް އޭދަފުށީ ރައްޔިތުންނަށް އެބަލިބިގެންދޭ” ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މިފަދަ ފެކްޓްރީތަކުގެ ތެރެއިން މިރީޖަންގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެކްޓްރީ ކަމަށެވެ. ތޮލާލް ވިދާޅުވީ މިޕްރޮޖެކްޓަށް އޭދަފުށިން ހިލޭ ބިން ހަމަޖެހުން ލަސްވިނަމަ، ނުވަތަ ބޮޑު އަގުގައި ބިން ދޭން ނިންމިނަމަ، އެހެން އަތޮޅަކަށް ޕްރޮޖެކްޓް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

“ވަރަށްގިނަ ބަޔަކު ކުރީގެ ކައުންސިލުން ދިވެހި ބޭންކަށް އަގަކާ ނުލާ ބިން ދިން މައްސަލާގައިވެސް ޝައުވާތައް  ހުށަހެޅި.  އެހެންނަމަވެސް މިކަން މިގޮތަށް ނިންމީ ގިނަ ބަޔަކާ މަޝްވަރާކޮށް، މިކަމަކީ ކޮންމެހެންވެސް ރަށަށް މުހިއްމުކަމެއްކަމަށް ކައުންސިލަށް ލަފާ ލިބިގެން” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މިބިން ފެނަކަ އަށް ދޭން ފެންނަކަމަށް ކައުންސިލުން ނިންމިކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާ، ފެނަކަ އަށްވެސް މިމައުލޫމާތު މިހާރު ވާނީ ހިއްސާކޮށްފައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top