ހިމަބިހި ނައްތާލުމުގެ ޤައުމީ ކެންޕޭން ބ. އަތޮޅުގައި ފަށައިފި

image-0-02-05-6e8c79327b313fed7f5406d9557529f850d4b62d1f8cff526e71fb406baf1c2d-V.jpg

ހިމަބިހި ނައްތާލުމުގެ ކެންޕޭން ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހޮސްޕިޓަލް

މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމަށް ސަރުކާރުން މިއަދު ފެއްޓެވި ޤައުމީ ކެންޕޭންގެ ދަށުން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެކްސިން ދޭން ފަށައިފިއެވެ.

ބ. އަތޮޅުގައި ރަސްމީކޮށް މިކެންޕޭން ފެށީ މިއަދު ބ. އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. އަލަށް މި ފެށި ކެމްޕޭނުގައި އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުން ބ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީ ވެފައިވާ އެންމެންނަށް ވެކްސިންދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހިމަބިހި ނައްތާލުމުގެ ކެންޕޭން ބ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ އީވީއަށް ވިދާޅުވީ ބ. އަތޮޅުގައި މިވެކްސިން ދޭންޖެހޭ ދެހާހަށްވުރެ ގިނަކުދިން ރަޖިސްޓްރީ ވެފައިވާކަމަށާ، ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަށްވުރެ އަވަހަށް މިއަތޮޅުގެ ވެކްސިން ދިނުން ނިމޭނެކަމަށެވެ.

“އަޅުގަނޑުމެންނަށް ރެކޯޑް ކުރެވިފައި އޮތީ ގާތްގަޑަކަށް ދެހާސް ދުއިސައްތަ މީހުން. އޭގެތެރެއިން ބައެއް މީހުން އެކި ސަބަބުތަކާހުރެ ރަށުން ބޭރުގަޔާ، އަތޮޅުން ބޭރުގައި އެބަތިބި. އެފަރާތްތައް ނުލާ އަޅުގަނޑުމެން ކަވަރު ކުރަންޖެހޭނީ ގާތްގަޑަކަށް ފަނަރަސަތޭކަ މީހުން. އެޓާގެޓް ހާސިލް ކުރެވޭނެ އެއްހަފްތާތެރޭގައި. ސަރުކާރުން ކަނޑައަޅާފައި މިއޮތީ… މިޔޯ… ދެހަފްތާ. އެހެންނަމަވެސް އަޅުގަނޑުމެން ރާއްޖޭގެ އެންމެ ފުރަތަމަ އަތޮޅަކަށް ވާނެ ވެކްސިން ދީނިންމާ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ އަތޮޅުގެ ހުރިހާ ސިއްހީ އިދާރާތަކަށްވެސް ބޭނުންވާ އަދަދަށް ވެކްސިން މިހާރު ފޯރުކޮށްދެވިފައިވާކަމުގައެވެ. އަދި މިކެންޕޭންގެ ދަށުން އަތޮޅުގެ ހުރިހާ ރިސޯޓެއް ކަވަރުކުރެވޭނޭ ކަމަށްވެސް ސިދުގީ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top