ތިން ރައީސުންގެ ދައުރުގައިވެސް ނުނިމުނު، ކިހާދޫ މިސްކިތް

ކިޙާދޫގައި އަލަށް އަޅަން ފަށާފައި ހުރި މިސްކިތް. މިސްކތުގެ މަސައްކަތް މިހާރުވަނީ މެދުކެނޑިފައި. ފޮޓޯ: ކިހާދޫ ޑެއިލީ ފޭސްބުކް ޕޭޖް

ކިޙާދޫގައި އަލަށް އަޅަން ފަށާފައި ހުރި މިސްކިތް. މިސްކތުގެ މަސައްކަތް މިހާރުވަނީ މެދުކެނޑިފައި. ފޮޓޯ: ކިހާދޫ ޑެއިލީ ފޭސްބުކް ޕޭޖް

ބ. ކިހާދޫގައި އަލަށް އިމާރާތްކުރަން ފަށާފައިވާ މިސްކިތް ތިން ރައީސުންގެ ދައުރު ނިމިގެން ދާއިރުވެސް ނުނިމި ހުރުމާގުޅިގެން އެރަށު ކައުންސިލުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ކިހާދޫގައި 300 މީހުންގެ ޖާގައިގެ އާމިސްކިތެއް އެޅުމުގެ މަސައްކަތް ފެށީ ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ. އޭރު އެމަސައްކަތް ވަކިވަރަކަށް ކުރުމަށްފަހު ހުއްޓި ގިނަދުވަސްތަކެއް ހުރުމަށްފަހު،  ރައީސް ޔާމީންގެ ދައުރުގައި އެމިސްކިތުގެ މަސައްކަތް ފަށާފައިވަނީ ދެހާސް ފަނަރަވަނަ އަހަރުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. ނަމަވެސް މަސައްކަތުގެ ފެންވަރު ދަށްވުމާއި، ތަފާތު އެކިއެކި ސަބަބުތަކާހުރެ އަނެއްކާވެސް މިސްކިތް މަރާމާތުކުރުން މެދުކަނޑާލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިސްކިތުގެ މަސައްކަތް މަޑުޖެހިފައި އޮތުމަކީ އެރަށަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށާ، ހުރިހާ ސަރުކާރަކުންވެސް ކިހާދޫއަށް އިހްމާލުވެފައިވާކަމަށެވެ.

“މިސްކިތް އެކަނިތޯ. މިރަށުގައި އަރާފޭބޭނެ ގޮތެއް ނެތްތާވެސް ކޮންދުވަހެއް. އިންސާނުން ދިރިއުޅޭ ތަނެއް ވެއްޖިއްޔާ ކޮންމެވެސް ގޮތެއް އޮންނަންވާނެ ދެއްތޯ. ބަނދަރެއް އޮތީކީނޫން، ނަމާދުކުރަން އެކަށީގެންވާ މިސްކިތެއް ހުރީއެއްނޫން. ތިން ރައީސުންގެ ދައުރުވެސް މިދަނީ ހަމަ މިހެން އަދި.” ނަސީމް އީވީއަށް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިސްކިތުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަސައްކަތް ފެށުމަށް ކައުންސިލުން ކަމާބެހޭ ވުޒާރާތަކުގައި ކެނޑިނޭޅި ދަންނަވަމުން ދާކަމަށެވެ. ނަމަވެސް އެދެވޭ އިޖާބައެއް ނުލިބޭތީ ހިތާމަ ކުރާކަމަށް ނަސީމް ވިދާޅުވިއެވެ.

“އިއްޔެ އަޅުގަނޑު އިސްލާމިކް މިނިސްޓްރީއަށް ފޯނުން ގުޅައިވެސް ދެންނެވިން މިސްކިތުގެ ކަންތައް ބަޔަކާ ހަވާލުކުރުން ކިހިނެއްހޭ އޮތީ. ވިދާޅުވި ފިނޭންސުން ހުއްދަ ލިބޭއިރަށް ކުރިޔަށްދާނޭ. މީ ހުއްދަ ލިބިގެން އަޅަން ފެށި މިސްކިތެއް ވެއްޖިއްޔާ އިތުރަށް ނަގަންޖެހޭ ހުއްދައެއް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެން”

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި މިވަގުތު ނަމާދުކުރުމަށް ބޭނުންކުރަނީ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ ކުޑަމިސްކިތެކެވެ. ހާއްސަ މުނާސަބަތުތަކާ، ހުކުރު ނަމާދަށް މިސްކިތް ނުފުދޭތީ، ފަހަކަށް އައިސް ނަމާދުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top