ވިސްނާލަމާ: ކުދިންނަށް ހަރުދަނާކަމާއެކު މިނިވަންކަން ދޭށެވެ

kidsPlayingInPark.jpg.pagespeed.ce_.aAcfZ6e5-M-780x450.jpg

ލިޔުނީ: އަހްމަދު ނަދީމް

ރައްޓެހިންނާއެކު ކުއްޖާ ކުޅެން ފޮނުވަން ފަސް ނުޖެހޭށެވެ. އެހެންނަމަވެސް ރައްޓެހިންނަކީ ކޮންބައެއްތޯ ބަލަންވާނެއެވެ. ރައްޓެހިންގެ ފަރާތުން ފޯރާ ނުރަގަޅު ނުފޫޒާއި ކުރިމަތި ލާނެގޮތް ކުއްޖާއަށް ދަސްކޮށްދޭށެވެ. ހަރުދަނާކަމާއެކު މިނިވަންކަން ދޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އެޅުމަށް ފަސްޖެހިގެން ނުވާނެއެވެ. މިސާލަކަށް ކުޅެ ނިންމުމަށްފަހު 05:45ގައި ގެއަށް އައުމަށް ބުނެފައިވާނަމަ އެކަން އެގޮތަށް ނުކޮށްފިނަމަ އަމަލުކުރަން ހެދިފައިވާ އުސޫލްގައިވާގޮތަށް ފިޔަވަޅު އަޅާށެވެ. އެއީ ބޮޑު ގޮންޖެހުމަކަށް ވާނަމަވެސް ހިތްވަރާއެކު ކެތްތެރިކަން ކުރިއަށްނެރެ ފިޔަވަޅު އަޅާ ތަންފީޒުކުރާށެވެ. ކުރިމަގުގައި ހެޔޮ އަސަރު ކުރާނެކަމާމެދަކު ޝައްކެއްނެތެވެ.

ތަދު ފިޔަވައި ކޮންމެ އިހުސާސަކަށް އިންސާނާ ހޭނޭނެއެވެ. މިސާލަކަށް ކޮމާންޑް ކުރާ އުސޫލުން ކުއްޖާއާ މުހާތަބު ކުރާނަމަ ފުރަތަމަކޮޅުގައި ކުއްޖާ އެބުނާގޮތަކަށް އަމަލު ކުރާނެއެވެ. ކުއްޖާ އަދަބުވެރި ކުރުވުމަށް އުމުރާއި ގުޅޭގޮތުން ކުދި އަދަބުތަކުން ފެށުން މުހިއްމެވެ. ކަމެއްވެލާއިރަށް އަތް އިސް ކުރާނަމަ އަބަދުވެސް ޖެހޭނީ އަތް އިސްކުރާށެވެ. އަނެއްކޮޅުން އަތް އިސްކުރުމަކީ ހައްލުކަމުގައި ކުއްޖާއަށް ވިސްނި އެގޮތަށް ކުއްޖާވެސް އަމަލުކުރަން ފަށާފާނެއެވެ.

ހަދިޔާ ދިނުމުގައިވެސް ސަމާލުކަންދޭންޖެހެއެވެ. ތިމާއަކީ މުއްސަދި މަހުޖަނެއް ނަމަވެސް ކުއްޖާ ކުޑައިރު އަގުބޮޑެތި ތަކެތި ހަދިޔާގެ ގޮތުގައި ދިނުމަށް ބުއްދިވެރިއެއްނޫނެވެ. މިސާލަކަށް ކުއްޖާ ގްރޭޑް 01 ގައި އޭރިޕޯޓެއް ހޯދައިފިނަމަ ހަދިޔާއަކަށް ލެޕްޓޮޕެއް ދީފިނަމަ ޖެހިގެން އަންނަ އަހަރު ކުއްޖާގެ ޑިމާންޑް އެއަށްވުރެ މަތިވާނެއެވެ. އެހެންގޮސް އޯލެވެލް ނިންމާއިރު ކުއްޖާ ބެންޒް ކާރެއް ނޫނީ ޕްރައިވެޓް ޖެޓެއް ހޯދުމަށްވެސް ޑިމާންޑްކޮށްފާނެއެވެ.

މިޒަމާނަކީ ވަރަށް ބިޒީ ޒަމާނެކެވެ. އެމީހަކަށް އެމީހެކެވެ. ވަގުތު ވަރަށް މަދެވެ. ނަމަވެސް ކުއްޖާއާއެކު ކޮލިޓީ ވަގުތު ކޮޅެއް ހޭދަކުރުން އިންތިހާއަށް މުހިއްމެވެ. ދުވަހުގެ ވާހަކަތައް ހިއްސާކޮށް ހިޔާލް ބަދަލުކޮށްލާށެވެ. ކިތައްމެ ކުޑަ ވަގުތުކޮޅެއްވެސް ބޭކާރުކޮށްނުލާވޭތޯ ބަލާށެވެ. މިސާލަކަށް ކުއްޖާގޮވައިގެން ސްކޫލުން ގެއަށް ދާ މަގުމަތީގައިވެސް ސްކޫލްގައި ދިމާވި ބައެއް ކަންކަން ނޫނީ ކުރި ކަންކަމާމެދު ވާހަކަ ދައްކާލެވިދާނެއެވެ. ދަރިފުޅު ފެންވަރުވާއިރު  ނޫނީ ކާންދޭ ވަގުތު ކޮޅު ނޫނީ ނިދާ ވަގުތުކޮޅަކީވެސް ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ އަގު ހުރި ވަގުތުކޮޅަކަށް ވެގެންދާނެކަން ކަށަވަރެވެ.

ގިނަފަހަރަށް ކުދިންގެ ކަންކަމުގައި ހަރަކާތްތެރިވަނީ މަންމަ އެވެ. ކުރީ ހާފްތާގައި ގެނެސްދެވުނު ހާދިސާގައިވެސް ބައްޕަގެ ދައުރު ފެންނާކަށް ނެތެވެ. ރަށުން ބޭރުގައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ފިރިހެނުންގެ ދައުރު ކުޑަވާންވީ ސަބަބެއް ނޫނެވެ. ޓެކްނޮލޮޖީ ވަނީ ދުރު ގާތްކޮށްދީފައެވެ. ކުއްޖާގެ ކިތައްމެ ކުޑަ ޙަރަކާތެއްވެސް ބޭނުން އިރަކު ބަލާލުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. ދުވަސް ނިމުމުގެ ކުރިން އެދުވަހުގެ ކަންކަމާއިމެދު ވާހަކަ ދައްކާލާނެ ފުރުސަތެއް ބައްޕައިންނަށްވެސް ހޯދިދާނެއެވެ. ނުވިތާކަށް ޗުއްޓީ ދުވަސްތަކުގައި ކޮފީ މޭޒުތައް އިހްތިޔާރު ކުރުމުގެ ބަދަލުގައި އާއިލާ އާއެކު ކޮލިޓީ ވަގުތުކޮޅެއް ހޭދަކުރުން މާބޮޑަށްވެސް މުހިއްމު ވާނެއެވެ. ދަރިފުޅު ގޮވައިގެން މިސްކިތަށް ދާ މަގުމަތީގައިވެސް އެލިބޭ ފުރުސަތުގެ ބޭނުންކުރެވިދާނެއެވެ. މިސާލަކަށް މިދެވެނީ ކޮންނަމާދަކަށްތޯ އަދި މިނަމާދުގައި އޮންނަނީ ކިތައް ރަކުއަތްތޯ، މި ނަމާދާއި ޖެހިގެން އޮންނަނީ ކޮންނަމާދެއްތޯ މިފަދަ ސުވާލުތައް ދަރިފުޅާއިކޮށްލެވިދާނެއެވެ. އަދި ނަމާދާއި ގުޅޭގޮތުން ދަރިފުޅުގެ ހިތުގައި އުފެދޭ ސުވާލުތަކަށް އެދެވޭ ޖަވާބު ދެވިދާނެއެވެ. ކުރެވޭ ސުވާލުތައް ދަރިފުޅުގެ އުމުރާއި ގުޅޭގޮތުން ބަދަލު ކުރެވިދާނެއެވެ.

ނޯޓް: މިކޮލަމަކީ ރާއްޖޭގެ މަސްރަހުން ފާހަގަކޮށްލެވޭ އިޖްތިމާއީ މައްސަލަތަކަށް ރިއާޔަތްކޮށް ބ. އޭދަފުށީ / އޯކިޑްމާގޭ އަހްމަދު ނަދީމްއާއި، އީވީ ގުޅިގެން ކޮންމެ ހަފްތާއަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. އަހްމަދު ނަދީމްވަނީ ކައުންސިލިން ސައިކޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައެވެ. އޭނާ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގައި ހިދްމަތްކުރައްވާތާ 8 އަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. މިކޮލަމްގައި ބޮޑަށް އަލިއަޅުވާލާނީ އިޖްތިމާއީ މައްސަލަތަކާއި، މައްސަލަތައް ދިމާވާ ސަބަބުތަކާއި، ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top