(ގައްޔޫމް ނަސީރު)
ރޭޑިއޯ ކޮމަންޓޭޓަރުގެ އަޑެވެ.
”މެދު ރޮނގު ކައިރިން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ އަޒީއަށް ބޯޅަ ލިބިގެން ކުރިއަށް. އޭނާއާ އަރާ ހަމަކުރެވޭތޯ އިދިކޮޅު ތިން ކުޅުންތެރިން އެބަ މަސައްކަތް ކުރޭ. އެމީހުން އަރާހަމަވުމުގެ ކުރިން ހަލުވި ފޯވާޑް ބޯޅަ ހިފައިގެން ގޮސް ވާތްފަރާތު ކޯނަރު ނަގާ ކަނަށް. އިދިކޮޅު ކުޅުންތެރިއެއްގެ ފައިގާ ޖެހިފަ ބޯޅަ ބޭރަށް………………
ކޯނަރު ނަގަނީ އަޒީ. ކޯނަރު ނަގައިފި. ތޫނު ލޮންސި އެއް ދިޔަހެން ބޯޅަ ގޮސް ވާހިދުގެ ބޮލުގައި ޖެހިފައި ބޯޅަ ނުކުތީ ބޭރަށް. އެބޯޅަ ފެނުޖެހުމުގެ ކުރިން ވާތުފައިން ޖަހާ ގޯލްތެރެއަށް އެވައްދާލީ ޑީއޭރިޔާ ތެރޭގައި ހުރި ފޯވާޑް އަޒީ. އާދެ، ކޯނަރު ނަގާފައި އައިސް ލަނޑުވެސް އެޖެހީ އަޒީ.” ކޮމަންޓޭޓަރުގެ އަޑާއެކު ކުޅިބަލަން ގަލޮޅު ދަނޑަށް ވަދެ ތިބި އެތައް ބަޔަކު ”ވާތްތެރި އަޒީ…. .ހާތްތެރީ“ އޭ ގެ އަޑުން ގަލޮޅު ދަނޑު ގުގުމާލި އެވެ. އެއަޑު ވައިގެތެރޭގައި އިރުކޮޅަކު ހަރުލާފައި ހުއްޓެވެ.
ހަމަ އެމަންޒަރު އެހެން އެންގަލަކުންނެވެ. އަޒީ ކިޔައިދިނީ މިގޮތަށެވެ.
”ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު ދުވަހެއް އެއީ. އޭރު އޮތީ 2.0 އިން އަހަރެނމެން މޮޅުވެފަ. ދެން ވީގޮތަކީ ގަލޮޅު ދަނޑުގެ އިރުމަތީ ކޮޅުން ލިބުނު ކޯނަރެއް. އާއްމުކޮށް ކޯނަރު ނަގަނީ އަހަރެން. އެގޮތުން އެކޯނަރުވެސް ނެގީ އިރުމަތީ ކޮޅުން. އޭތި ވީގޮތަކީ ކޯނަރު ނެގި ތަނުން ވާހިދުގެ ބޮލުގަ ޖެހިފަ އައީ ސީދާ މަށަށް. އައިތަނުން މަޑުނުކޮށް ޖެހީ.ކްރޮސްކޮށް ވަދެގެން ދިޔައީ. އޭތި އެކިޔަނީ ކޯނަރު ނެގިގޮތަށް ލަނޑުޖެހި ވާހަކަ..“އަޒީ ކިޔައިދިނީ މިގޮތަށެވެ.
ދުނިޔޭގެ ނިސްބަތުން ބެލިޔަސް ކޯނަރު ނެގި ކުޅުން ތެރިޔާ ގޯލް ކުރިމައްޗަށް އައިސް އިދިކޮޅަށް ލަނޑުޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ.
”ވާތްތެރި އަޒީ….. ހާތްތެރީ!“ މީ އޭނާއަށް ކުރާ މަލާމާތެއް ނޫނެވެ. އުމުރުން ހަތް އަހަރުން ފެށިގެން މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމަށް ކުރި މަސައްކަތުގެ ނަތީޖާއިން އޭނާއަށް ލިބުނު ފަޚުރުވެރި ވަނަމެކެވެ. އަޒީގެ ނަން ވާތްތެރީ އަޒީއަކަށް ބަދަލުވެ ހާތްތެރީއޭ ގޮވާލަން މަޖްބޫރު ކުރުވީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ކެޕްޓަން ބޭންޑު އަޅައިގެން ވާތުފައިން ގަލޮޅު ދަނޑުގައި ފުޓްބޯޅައިގެ ޖާދޫ ދައްކަމުން ދިޔަ ދުވަސްވަރެވެ. އުމުރުން އޭރު ކިރިޔާ 18 ފުރުނީއެވެ. އޭނާ ގެންގުޅުނު ހުނަރުތައް މޮޅުކަމުން އޭރު ރާއްޖޭގެ ޓޮޕް ލެވެލްގެ މަދު ކުޅުން ތެރިން ވެސް އެކުޅުމަށް ހާތްތެރީއޭ ގޮވާލަން މަޖްބޫރު ވީއެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ މަޝްހޫރު މި ފޯވާޑް އެއަހަރު ގައުމީ މުބާރާތް ކުޅެގެން ރާއްޖޭގެ އެންމެ މޮޅު ފޯވަޑްގެ މަގާމުވެސް ހޯދިއެވެ.
މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން އެންމެ ކުޑައިރުވެސް އަޡި އައީ ދެކެމުންނެވެ. އެހުވަފެން ހަގީގަތަށް ހެދުމަށް އުމުރުން ހަތްއަހަރު ނޫނީ އަށް އަހަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ގޮސް މި ހުންނަނީ އޭދަފުށީގެ ދަނޑުގައި ކެޕްޓަން އަލީވަހީދު ގެންގުޅުނު ޓީމް ފުޓުބޯޅަ ކުޅޭ ތަން ބަލާށެވެ.
”އެއް ދުވަހަކު އެޓީމަށް މީހުން ހަމަ ނުވެގެން އަލީވަހީދު ބުނެފި ކުޅެން އަރަން. ވީއުފަލުން ދުވެފަ ގެއަށް ގޮސް ސޯޓު ބުރިއަކާ ޓީޝާޓެއް ލައިގެން އައިސް ދަނޑަށް އެރީ. އެކަމަކު ފުރަތަމަ ޖެހިބޯޅަ ވެސް ފައިގާ ލައްވައި ނުލި. އެއް ގޮތަކަށްވެސް ނުކުޅެވުނު.“ އަޒީ ބުންޏެވެ.
މެޗު ނިމިގެން ގެއަށް އައިއިރު އޭނާއަށް ހުރީ ރޮވިފަ އެވެ. ކަން ވީގޮތް ބައްޕަގާތު ބުނީވެސް ރޮމުންނެވެ. ބައްޕަ އެދުވަހު އޭނާއަށް ދިން ހިތްވަރަކީ ފުޓްބޯޅައިން އޭނާ ބޭނުންވާ މަގާމާ ހަމައަށް އާދެވުނު ސަބަބެވެ.
”ބައްޕަ (ކޮއްކޮބެ އަހުމަދު) އެދުވަހު ބުނި އެއްގޮތަކަށްވެސް ދެރަނުވާށޭ. ދަރިފުޅަށް ތިޔަކަން ވާނެއޭ. ތިމަންނައަކީވެސް ފުޓްބޯޅަ ކުޅުނު މީހެކޭ. މުހައްމަދު އަމީނު ދައުރުގަ އުތީމަށް ގޮސް ކުޅެގެން އެއްވަނަ ޑިފެންޑަރުގެ މަގާމު ހޯދީމޭ. ހިތްވަރު ކުރާށޭ. “
އަޒީގެ ބައްޕައަކީ އޭދަފުށީގެ ފުޓުބޯޅައިގެ އޭރުގެ މަޝްހޫރު ނަމެކެވެ.
ބައްޕަގެ އެވާހަކަތަކުން އަޒީ ހިތްވަރު ހޯދިއެވެ. ގަބޫލު ކުރެވުނީ މޮޅު ކުޅުންތެރިއަކަށް ވުމަށް ބޭނުންވަނީ ހިތްވަރާއި ބުންވަރު ކަމެވެ. ކޮންމެ ދުވަހަކު ހަވީރު އޭނާ ހުންނާނީ ފުޓުބޯޅަ ދަނޑުގައެވެ. ބޮޑެތި މީހުން ކުޅޭތަން ބަލާށެވެ. އެފުރައިގެ ކުދިންނާއެކު ޓީމް ހަދައިގެން ކުޅޭށެވެ. ކުޅުވާށެވެ. އެއްފުރައިގެ ކުދިންގެ މެދުގައި މުބާރާތްތައް ބޭއްވުމާ އެކަން އިންތިޒާމް ކުރުމުގެ ބޮޑު މީހަކީވެސް އޭނާއެވެ.
އަޒީއަށް ބޮޑު މުބާރާތަކުން އެންމެ ފުރަތަމަ ޖާގަދިނީ ބ.އަތޮޅު ކޮމިއުނިޓީ ކްލަބުންނެވެ. މުޅި ރަށުން ހޮވާލެވުނު 20 ކުޅުން ތެރިންގެ ތެރެއިންނެވެ. އޭގެ ފަހުން ބސމދ. ޖަމިއްޔާގެ ޓީމުންނެވެ. ރަށާ އަތޮޅުގައި އެކި މުބާރާތްތައް ކުޅެ ޒުވާން ފޯވާޑެއްގެ ގޮތުގައި ގަލޮޅު ދަނޑާ ހަމައަށް އާދެވުނު އިރު އުމުރުން ކިރިޔާ 18 އަހަރު ފުރުނީ އެވެ. މިހިސާބަށް އައިއިރުވެސް ފާހަގަކުރެވޭ މޮޅު ކުޅުންތެރި އަކަށްވުރެ ނަންބަރު އޮތީ ފަހަތުގައެވެ. އެކަމަކު ހިތާދޫ އާ އޭދަފުށީ ވާދަކުރި މެޗަކަށްފަހު ކުޅުމާމެދު ފުރަތަމަ ފަހަރު އަމިއްލަ ނަފްސަށް އިތުބާރު ލިބިގެން ދިޔަކަމަށް އަޒީ ބުންޏެވެ.
”އެމެޗުގެ ފުރަތަމަ ހާފް ޑްރޯވި. ފަޔަށް ތަދުވެގެން ކެޕްޓަން އަލީ ވަހީދު ދަނޑުން ފައިބަން ޖެހުނީ. އަހަރެން ގާތު ބުނެލި ވާތުފައިން ކުޅެވޭނެހޭ. އާއެކޭ ބުނެ ދަނޑަށް އެރީ. ކުޅެނިކޮށް ބޮޑު އަބްދުއްރަހީމް (ރަންވެލި އަބްދުއްރަހީމް) ދިން ބޯޅައެއް. އިބުރަ (އަމާޒު އިބްރާހީމް އަހުމަދު) ޕާސްކުރި. އެއީ އަހަރެންގެ ޕްރޮފެޝަނަލް ފުރަތަމަ ލަނޑު.“ 38 އަހަރު ކުރީގައި ކުޅުނު މި މެޗުގެ ހަނދާންތައް އަޒީ އާކުރިއެވެ.
ވާތްތެރި އަޒީޒުގެ ނަން އޭދަފުށީގެ ފުޓުބޯޅައިގެ މަޝްހޫރު ނަމަކަށް ވެގެން ދިޔައީ އެދުވަހުގެ މެޗުގައި ޖެހި ދެލަނޑަށް ފަހުއެވެ.

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުން.1985 —ފޮޓޯ :އަހްމަދު ނާސިރު
މާލޭގެ އެއްނަންބަރު ޑިވިޜަން ކްލަބްތަކުންވެސް އަޒީއާމެދު ފާރަވެރިވާން ފެށި ހިސާބަކީ މިއީއެވެ.
އޭނާއަށް ބޯޅަ ލިބިއްޖެނަމަ އިދިކޮޅު ޓީމް ވަގުތުން ޕްރެޝަރަށް އާދެ އެވެ. ދުވެލި ބާރު ކަމުން އިދިކޮޅު ކުޅުންތެރިންނަށް ކޮންޓްރޯލް ކުރުން އޮންނަނީ ބޮޑު އުނދަގުލަކަށް ވެފައެވެ. އާދަޔާ ޚިލާފު ކަމަކީ ބޯޅަ ލިބިއްޖެނަމަ ބޯޅަހިފައިގެން ދާނީ ކޯނަރު ނަގާ ކަނަށެވެ. އެތަނުގައި ހުރެގެން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސް ކުރާއިރު ބޯޅަ ނަގައިދޭނީ ލަނޑުޖަހަން އަރާތިބި މީހުންގެ ތެރެއިން ތިމަންނައަށް ނަގާދޭށޭ ބުނި މީހަކަށް ސީދާ އޭނާއަށެވެ. މި ނަގައިދެނީއޭ ލަނޑުޖަހާށޭ ބުނެފައެވެ.
”މަށަށް އެނގޭނެ އޭރު އެމީހާ ޑީ އޭރިޔާގައި ހުންނަ ހިސާބު. އެހިސާބުގައި ހުރީމާ އޭނާ އަތް ނަގާފަ ބުނާނެ މިތަނަށް ޖަހާށޭ. އަހަރެންގެ ދުވެލި ބާރު ކަމުން އިދިކޮޅު ކުޅުންތެރިއަކު އަންނަންވާއިރު މި ކަން އޮންނާނީ ނިމިފަ.“
އުމުރުން މިހާރު 60 އަހަރު ވެފައިވާ އަޒީގެ ފުޓްބޯޅައިގެ ރީތި ތާރީޚުން ފެންނަ އެންމެ ރީތި މަންޒަރުތައް ވަކިވަކިން ބަލާއިރު ފާހަގަ ކުރެވޭ ހިތްގައިމު އަނެއް މަންޒަރަކީ ކޯނަރު ނަގާއިރު ބަނާނާ ކިކް އަކާއެކު އޮޅާލާފަ ގޯލަށް ވައްދާލުމެވެ.
”ގަލޮޅު ދަނޑުގައި ކުޅުނު ފަސްޓް ޑިވިޜަންގެ ހަތަރު މެޗުގައި އެގޮތަށް ހަތަރު ލަނޑު ޖެހިން.“ އޭނާ ބުންޏެވެ.
ރާއްޖޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި އަޒީގެ ނަން ހިމެނުމުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން އޭނާއަށް ދަހިވެތި ކަމާއެކު ބަލަމުން ދިޔައެވެ. ރަނގަޅު ހުށަހެޅުންތައް ލިބުނެވެ. ނަމަވެސް ރަށު ލޯބީގައި ޖަވާބަކަށްވީ ރަށު ޓީމް ގަލޮޅު ދަނޑުގައި ކުޅޭހައި ދުވަހަކު ޓީމާ ވަކި ނުވެވޭނެ ކަމެވެ. ކުޅުން ނިންމާލީ އެގޮތުގައެވެ.
އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ކެޕްޓަން ބޭންޑްގައި އޭނާގެ ރީތި ކުޅުމަށް ފަނޑުކަމެއް ނައިސް އެއް ވާނެއްގައި ތިން ހަތަރު އަހަރު ހިފަހައްޓާލިއެވެ.
މޮޅު ފޯވާޑެއްގެ ގޮތުގައި ކުޅުން ނިންމާލި އިރު ފުޓުބޯޅައިގެ ހަޔާތުގައި އަޒީގެ ހިތުން ނުފިލާނެ ހަނދާނަކީ ކޮބާ ހެއްޔެވެ؟
”އެއީ ވިކްޓަރީގެ ޖޫލޭ (ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މަޝްހޫރު ޑިފެންޑަރު ޖޫލިއަޓް އަބްދުﷲ ރަޝީދު)ގެ ބޫޓު ފަޅާލި ދުވަސް. އަހަރެމެން ކުޅުނީ ހުސްފައިގާ. ޖޫލޭ ހިފައިގެން އައި ބޯޅައިގަ ޖެހީ ފުދޭވަރަކަށް ބާރަށް. އެވަގުތު އޭނާގެ ބޫޓުގެ ދަށް ނައްޓައިގެން ދިޔައީ. އެ ވެދާނެ ބޫޓުގެ އަރިމަތީގައި ޖެހުނު ގޮތަކުން ފަޅައިގެން ދިޔައީ ކަމަށް ވެސް. އެކަމަކު ޖެހިލެއް ބާރުކަމުން އަހަރެންގެ ފަޔަށް ވެސް ވަރަށް ތަދުވި.“
އަަޒީއަކީ އޭދަފުށީގެ ފުޓްބޯޅައިގެ ލެޖެންޑެކެވެ. މިއަދުގެ ޒުވާނުން އޭނާއަށް ޓަކާ ފަހުރުވެރި ވާން ޖެހޭ ބަތަލެކެވެ. ގަލޮޅު ދަނޑަށް އޭދަފުށި ތަމްސީލު ކުރުމަށް އަޒީމެން ފުރަތަމަ އެރީ ހުސްފައިގަ އެވެ. އެހެންނަމަވެސް ހުސްފައިގާ ކުޅެގެން އަޒީމެން ވަނީ ބޫޓަށް އަރައިގެން ކުޅޭ މާލޭގެ މޮޅު ޓީމްތައް އެތައް ފަހަރަކު ބަލިކޮށް އެޓީމުތައް ލަދު ގަންނުވާފައެވެ. ބޫޓުގައި އަޒީމެން ކުޅެން ފެށީ އޭގެ މާފަހުންނެވެ.
އެންމެ ފަހުން އަޒީގެ ކެޕްޓަން ކަމުގެ ދަށުން ޖަމިއްޔާގެ ފުޓުބޯޅަ ޓީމް ދެ ނަންބަރު ޑިވިޜަނުން އެއް ނަންބަރަށް ކޮލިފައި ވުމަކީވެސް ފާހަގަ ކުރަން ޖެހޭ މުހިއްމު އުފަލެއްކަމަށް އަޒީ ބުންޏެވެ.
އެ ތާރީޚީ މުނާސަބާ ފާހަގަ ކުރުމަށް ތަށި ހިފައިގެން އޭދަފުއްޓަށް ޓީމް އައިއިރު އެންމެ ކުރީގައި ހުރީ ކެޕްޓަން އަޒީއެވެ. “އަހަރެންގެ ކެޕްޓަން ކަމުގައި މުޅި ޓީމްގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބަށް ދެން އަތް ޖަހާލާށޭ “ ރައްޔިތުން ގާތު ބުނެލާފަދަ ގޮތަކަށް ފަޚުރުވެރިކަމާއެކު ހީލަހީލަ އެވެ.
އެއީ މާޒީގެ އެންމެ އުފާވެރި އެއް ހަނދާނެވެ. ރަށަށް ކޮށްދެވުނު އިޚްލާސްތެރި މަސައްކަތެކެވެ. އަޒީމެންނާ ހަމައަށް އޭދަފުށީގެ ފުޓުބޯޅަ ވާރުތަކޮށްދިން ބަތަލުންނަށް އަދާކޮށްދެވުނު ދަރަންޏެކެވެ.
އެހެްނވީމާ މިއަދުގެ ދަރިންނާ ހަމައަށް ފުޓުބޯޅަ އަކީ އޭދަފުށީގެ 1 ނަންބަރު ކުޅިވަރުގެ ގޮތުގައި ބޭއްވުމަށް އަޒީމެންގެ ޖީލު ކުރި މަސައްކަތްތަކަށް ސާބަސް ހައްގުވެއެވެ.
މިއަދު ”އޭދަފުށީ ވެޓެރަންސް ޓީމް”ގެ ގޮތުގައި މިފެންނަ ޓީމްގެ އެވަރެޖް އުމުރަކީ އަޒީވެސް ހިމެނޭ ގޮތަށް ފަންސާހާއި ފަސްދޮޅަސް އަހަރާ ދެމެދު ކަމަށްވިޔަސް ޓީމް އޮތީ ގަދަ ކޮށެވެ. ނަމޫނާ ދެއްކުމަކީ އެއީއެވެ. ރަށު ދަނޑުގައި ހުސްފައިގާ ކުޅެ އަތުން ޚަރަދު ކޮށްގެން ގައުމީ މުބާރާތާ ހަމައަށް ދިޔައެވެ. އެ މުބާރާތްތަކުގައި ވާދަކޮށް ރަށަށް ރީތި ނަން ހޯދައިދީ ފުޓްބޯޅައިގެ ފޯރި ހިއްޕާލި ބަތަލުންނަކީ އަޒީމެންނެވެ. އޭދަފުއްޓަށް ޒަމާނީ ފުޓުބޯޅަ ތައާރަފްކޮށް ގައުމީ ޓީމަށް ކުޅުންތެރިން ތައްޔާރު ކޮށްދޭ ކާރުޚާނާ އަކަށް އޭދަފުށި ވުމުގެ ފަހަތުގައި އޮތީ އަޒީމެން ފަދަ ކުޅުންތެރިންގެ ބުރަ މަސައްކަތެވެ.
މިއަދުވެސް އަޒީ ދެކެން ބޭނުންވަނީ އޭދަފުއްޓަށް އިތުރު ތައްޓެއް ގެންނަ ދުވަހެކެވެ.
”ގައުމީޓީމަށް ކުޅެލެވޭ ވަރުގެ މޮޅު ކުޅުންތެރިން ތަކެއް އެބަތިބި. މުޅި ރަށުން ހޮވާލެވޭ ޓީމެއް ނަގައިފި ނަމަ އެޓީމް ބަލި ކުރެވޭނެ ޓީމެއް ރާއްޖެއަކު ނޯންނާނެ. ބޭނުންވަނީ ހަމައެކަނި ރަނގަޅު ކޯޗެއް. “ޔަގީން ކަމާއެކު އަޒީ ބުނެލި އެވެ.