މަސްވެރިއަކު ބޭނި މަހެއްގައި ﷲގެ އިސްމުފުޅު

image_8KlGdjTxMgmCAHu.jpg

ނ.އަތޮޅު މަނަދޫ މީހަކު ވަދުއަޅަން ގޮސް އުޅެނިކޮށް ބޭނި މަހެއްގައި ﷲގެ އިސްމުފުޅު ލިޔެވިފައި ވަނިކޮށް ފެނިއްޖެ އެވެ.

ދިވެހި މަސްވެރިކަން ޕްރޮމޯޓްކުރާ ޒުވާން މަސްވެެރިޔާ ސާޖިން، ސޯޝަލް މީޑިއާ ގައި ޝާއިއު ކޮށްފައިވާ މި ފޮޓޯގައިވާ ގޮތުގައި އެމަހުގެ މެދެެއްހާ ހިސާބުގައި ވަނީ މާތްﷲގެ އިސްމަފުޅު ލިޔެވިފައެވެ.

މިމަސް ބާނާފައިވާ ނ.މަނަދޫ، ޝިޔާމް ‘ވޮއިސް ‘ އަށް ބުނީ އޭނާ އާދަކޮށް މަޖާކޮށްލުމަށް މަހަށް ދާތާ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވެދާނެކަމަށާއި އެގޮތުން މިއަދުވެސް ފަތިސް ނަމާދުކޮށްލައިގެން މަހަށް ދިޔައީއެވެ. އެގޮތުން ޑިންގީގައި ވަދު އަޅަނިކޮށް ހަތަރު މަހާއި ހަތަރު ލައްޓި ބޭނިކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މަސް ބާނައިގެން ރަށަށް އައިސް ،ކަރު ކަނޑަން އުޅެނިކޮށް އެކުގައި މަހަށްދިޔަ ކުއްޖަކަށް އެމަހުގައި މާތްﷲގެ އިސްމަފުޅު ލިޔެވިފައި އޮތްތަން ފެނުނުކަމަށެވެ.

“ދެން ފުރަތަމަ ނެގިކުއްޖާ، އޭނަ މަހުގެ އަނެއްފަޅިއަށް ބަލާފައި ބުނެފި މީގައި އެބައިނެއް ނޫންހޭ ލިޔެވިފަ. ދެން އަޅުގަނޑަށް ވަރަށް ރީއްޗަށް ކިޔަން އެނގުނު ﷲ ވަރަށް ރީއްޗަށް ޖަހާފައި އިންކަން. ބަލާލިއިރު ވަރަށް ފާޅުކޮށް ހަމަ ވަަރަށް ރީއްޗަށް ވަރަށް ކްލިއަރކޮށް ލިޔެވިފަ އެބައިން” ‘ވޮއިސް’ އަށް މައުލޫމާތު ދެމުން ޝިޔާމް ބުންޏެވެ.

މީގެ އިތުރުން އެމަހުގައި ހުރި އެހެން އާދަޔާ ޚިލާފުކަމެއްވެސް ޝިޔާމް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެމަހުގެ އަނެއްފަޅި އޮތީ އަމިއްލައަށް ފަޅައިގެން ގޮސްފައިކަން އޭނާ ފާހަގަކުރިއެވެ. މިއީ ދޮށިން ބޭނިކަމުގައިވިޔަސް އާންމުގޮތެއްގައި ނުވާފަދަ ކަމެއްކަމަށް ޒުވާން މަސްވެރިޔާ ސާޖިންވެސް ވަނީ ފާހަގަކޮށްފައެވެ. ޝިޔާމް ބުނިގޮތުގައި އެ މަސް ބޭނިއިރަކުވެސް އެއަށް އެއްވެސް ގެއްލުމެއް ލިިބިފައެއް ނުވެއެވެ.

އެމަސް މިހާރު އޮތީ ކޮން ފަރާތެއްގެ އަތުގައި ކަން ޔަގީންނުވާކަމަށް ޝިޔާމް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top