އޭދަފުށި، ތައްޓަށް ކުރި އުއްމީދު ފެނަށް. ތިމަރަފުށި ޗެމްޕިއަން

Z40.png

ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ފައިނަލުގައި ރޭ އޭދަފުއްޓާއި ތިމަރަފުށީގެ ވަރުގަދަ ކުރިމަތިލުމުގައި އޭދަފުށީގެ އުއްމީދުތައް ފެނަށްވެ 5-2 ގެ ނަތީޖާއަކުން ބ. އޭދަފުށި ބަލިކުރުމަށް ފަހު ތިމަރަފުށި، މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އުފުލާލައިފިއެވެ.

އެޓީމުން ވަނީ 2016 ވަނަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ރޭގެ މެޗަށް އޭދަފުށި ނުކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) ނުލަ އެވެ. ސައްޓު މިވަގުތު ހުރީ ބަންގްލަދޭޝްގައި މިއަދު ފެށި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބާއެކު އެ ގައުމުގަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމަށް ރޭ ހަތަރު ގޯލު ޖަހައިދިން މުނީޒް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމުގެ ގަބޭ އެވެ. ބެސްޓް ސަޕޯޓިން ޓީމުގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ސެމީ ފައިނަލުގައި ބަލިވި ށ. ގޮއިދޫ ޓީމަށެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ލ. ގަން ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އޭދަފުށީގެ ސޮބީ އަދި ތިމަރަފުށީ ޓީމުގެ ގަބޭ އާއި ރޮނާގެ އިތުރުން ށ. ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ތިން ކުޅުންތެރިއަކު ވަނީ ހޯދައިފަ އެވެ. މި މަގާމް ހޯދީ ރ. އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އަދި ގއ. ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއު އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ 12 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އޭދަފުއްޓަށް އިރުޝާދު ދިން މުހައްމަދު ޝައްފާޒެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އެއީ 62 ރަށުންނާއި މާލޭގެ ހަތަރު އަވަށުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top