ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށްވެސް ލޯނު ލިބޭނެ

DSC_1580_1.jpg

މަތީ ތައުލީމު ހާސިލްކުރުމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ބުނެފިއެވެ.

އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އިއްޔެ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މަތީ ތައުލީމު ހޯދަން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް އެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އެގޮތުން ޑީއެޗްއީ އިން ހެދި ހަޔާ އެޑިޔުކޭޝަން މާސްޓަރސް ޕްލޭންގައިވެސް ވާގޮތުން 2022 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ މަތީ ތައުލީމު ހޯދުމަށް ދާ ކުދިންގެ 60 އިންސައްތަ މަތިކުރުން ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ނިސްބަތަކީ 32 ޕަސެންޓެވެ.

“އެގޮތުން މިފަހަރުވެސް ލޯނަށް އެޕްލައި ކުރި ކުދިންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދިވެހި ކުދިންނަށް އެ ފުރުސަތު ދޭން ނިންމީ” ނަޒީރު ވިދާޅުވިއެވެ.

މަތީ ތައުލީމް ހާސިލް ކުރުމަށް ދޭ ލޯނަށް އެދި ހުށަހެޅުމަށް މިދިޔަ މާރޗް މަހު ހުޅުވާލީ 500 ފުރުސަތެވެ. އެހެންކަމުން މި ގެނައި ބަދަލާއެކު، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭނެކަަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެކުރިން ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް ދަރިވަރުން ކުރިމަތިލައިފި ނަމަ، ލޯނު ލިބޭ ދަރިވަރުން ހޮވަނީ ގުރުއަތުލައިގެންނެވެ.

ރާއްޖެ އާއި ސާކުގެ ގައުމުތަކުގެ އިތުރުން، ޗައިނާ، މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަން ހުޅުވާލި ފުރުސަތަށް 600 އެއްހާ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 595 ދަރިވަރުންނެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމަށް މިހާތަނަށް 4000 އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top