ކުރިއަށް އޮތް ދެ މަހު ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއވެ.
ކޮވިޑްގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ ވިދާޅުވީ އެންމެ ގިނަބަޔަކަށް ބަލިޖެހޭނެކަމަށް ލަފާކުރެވެނީ އަންނަ މަހުގެ ތެރޭގައެވެ. އެގޮތުން އެމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ.
ޑރ. ޝީނާ އަންދާޒާ ކުރެއްވި ގޮތުގައި މިފަހަރު 13784 މީހުންނަށް ބަލި ޖެހޭނެ އެވެ. މި އަދަދަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގައި ފައްސިވާނެކަމަށް އަންދާޒާ ކުރެއްވި އަދަދުތައް އެމަހުގެ ޖުމުލަ ދުވަސްތަކާ އެއްކޮށްލުމުން ނުކުންނަ ހަމަސްދުވަހުގެ ޖުމްލަ ނަތީޖާއެވެ.
އަދި މުޅި އޮގަސްޓު މަހު ބަލިޖެހޭ މީހުންގެ އަދަދު 2373 އަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އެ މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 1464 މީހުންނަށެވެ. އަދި އެ މަހު ދުވާލެއްގެ މައްޗަށް 105 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ހޮސްޕިޓަލުގައި ދުވާލަކު 16 މީހުންނަށް ފަރުވާދޭން ޖެހޭނެކަމަށް ލަފާކުރާއިރު، މުޅި އޯގަސްޓަމަހު އެކަނިވެސް ހޮސްޕިޓަކުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު 475 އަށް އަރާނެ ކަމަށް ލަފާ ކުރެއެވެ. އަދި އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު 47 އަށް އަރާނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.
ބަލިޖެހޭ މީހުންގެ އަދަދު އެންމެ އަވަހަށްވެސް ދަށްވާން ފަށާނެކަމަށް ލަފާކުރައްވަނީ އޮކްޓޫބަރު މަހުއެވެ. އެމަހު ދުވާލަކު 68 މީހުންނަށް ބަލިޖެހޭނެ ކަމަށް ލަފާ ކުރެއެވެ. އަދި ނޮވެމްބަރު މަހު ދުވާލަކު 29 މީހަކަށް ބަލިޖެހޭނެކަމަށް ލަފާކުރާއިރު މިއަހަރުގެ ޑިސެމްބަރު މަހު ބަލިޖެހޭ މީހުންގެ އަދަދު ދުވާލަކު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 18 ގައެވެ.