ތުޅާދޫން ގޯއްޗަށް އެދި މިހާތަނަށް 500އަށްވުރެ ގިނަފޯމް؟

DJI_0269.jpg

ބ. ތުޅާދޫ ހިއްކިބިން. މިސަރަހައްދުން 88 ގޯއްޗާއި، 50 ހައުސިންގް ޔުނިޓް ދޫކުރުމަށް ވަނީ ނިންމާފައި / އީވީ ފޮޓޯ: އަގްލީމް

ބ. ތުޅާދޫ ހިއްކިބިމުން ދިރިއުޅުމަށްޓަކައި އާންމުންނަށް ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކަމަށްއެދި 500 އަށްވުރެ ގިނަ މީހުން ފޯމް ނަގާފައިވާކަމަށް ބ. ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

މިމަހު ކުރީކޮޅު ތުޅާދޫ ހިންކިބިމުން އާންމުންނަށް ދޫކުރުމަށް އިޢްލާންކޮށްފައިވަނީ 88 ގޯއްޗާއި، 50 ހައުސިންގް ޔުނިޓެވެ. މީގެ ތެރެއިން 5 ހައުސިންގް ޔުނިޓް ދޫކުރާނީ ރަށުން ބެރުން ހިޖުރަކުރާ އާއިލާ ތަކަށެވެ.

ތުޅާދޫ ކައުންސިލުން ބުނީ ގޯއްޗަށް އެދުމަށް ހުޅާވާލާފައިވާ ފުރުސަތުގައި މިހާތަނަށް އެކައުންސިލުން ފައްސަތޭކައަށްވުރެ ގިނަ ފޯމް ދޫކޮށްފައިވާ ކަމަށެވެ. ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު އީވިއަށް ވިދާޅުވީ ފޯމް ނަގާ އަދަދު އަށްސަތޭކައަށް އަރާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“ހަމައެކަނި ކައުންސިލުން ދޫކުރި ފޯމް މިދެންނެވީ ފައްސަތޭކައިން މަތީގައޭ މިހުރީ. އަދި ކޮބާތޯ ވެބްސައިޓް ޑައުންލޯޑް ކުރާ ފޯމްތައް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެއަދަދު އަށްސަތޭކައަށްވުރެ މަތިވާނެކަމަށް.” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ގޯއްޗަށް އެދޭ މީހުންގެ އަދަދު މިވަރަށް މަތިވާނެކަމަށް ކުރިންވެސް އުއްމީދު ކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ ގޯތި ގެދޮރު ނެތިގެން ވަރަށް ދަތިހާލުގައި ދިރިއުޅެމުންދާ އެތައްބަޔަކު ތުޅާދޫގައި އުޅެމުންދާކަމަށެވެ. އަދި އިތުރު ގޯތި ތުޅާދޫން ދޫކުރެވޭނެ ގޮތެއް ސަރުކާރުގައި ދަންނަވައިގެން ހަމަޖެއްސެތޯ ބަލަމުންދާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

” އަޅުގަނޑު ސަރުކާރުގައި ދެންނެވިން 88 ގޯއްޗަށްވުރެ އިތުރު ކޮށްދެއްވާށޭ. އެހެންނަމަވެސް ވިދާޅުވީ މީ މިފަހަރު ހަމަޖެއްސޭނެ އެންމެ ގިނަ އަދަދޭ. ދެން އަނެއްކޮޅުން 100 ހައުސިންގް ޔުނިޓް އިތުރަށް އެޅުމަށް އިދާރީގޮތުން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރިޔަށްވެސް އެބަގެންދަވާ”

ތުޅާދޫން 88 ގޯތި ދޫކުރަން އިޢްލާންކޮށްފައިމިވަނީ ބ. އަތޮޅުގެ އެންމެ އާބާދީބޮޑު ދެރަށްކަމުގައިވާ އޭދަފުއްޓާއި، ތުޅާދޫ ހިއްކިބިމުން ވަރަށް އަވަހަށް ގޯތި ދޫކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަމަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނިކޮށެވެ.

ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތުޅާދޫގައި ދިރިއުޅުމަށްޓަކައި މިވަގުތު 536 ގޯތި ދޫކޮށްފައިވެއެވެ. އެރަށުން އެންމެފަހުން ގޯތި ދޫކުރީ 1999ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top