ކުރީގެ އިންފޯމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އުމުރުފުޅުން 72 އަހަރުގައި އަވަހާރަވެއްޖެ އެވެ.
އިބްރާހިމް މަނިކު އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ.
ވަރަށް ގިނަ ދުވަހު ބަލިވެ އުޅުއްވުމަށް ފަހު އިބްރާހީމް މަނިކު އަވަހާރަވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފައެވެ.
އިބްރާހިމް މަނިކަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ އެދާއިރާގައި ފުރަތަމަ މަސައްކަތް ފެއްޓެވީ ދިވެހިރާއްޖޭގެ އަޑުންނެވެ. “ގިތެޔޮގުޅިން ނެގި ލޯބި”، “ނެގި ގާގަނޑު،” ފަދަ އޭރުގެ އެންމެ މަޝްހޫރު ރޭޑިއޯ ޑްރާމާތަކުން އެހުންތެރިންގެ ލޯބި އޭނާ ހޯއްދެވިއެވެ. އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އޭގެ ފަހުންނެވެ.
އިބްރާހިމް މަނިކު ދިވެހިރާއްޖޭގެ އަޑަށް ވެންނެވީ އާދައިގެ ވަޒީފާ އެއްގައި 1974 ވަނަ އަހަރު އެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވިއެވެ. އަޑުގައި މަސައްކަތް ކުރައްވަމުން ގޮސް އެތަނުގެ އެންމެ އިސްވެރިޔާގެ މަގާމާއި ހަމައަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގަތުމަށް ފަހު އެދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ މެދުކެނޑުމެއްނެތި 32 އަހަރު ބްރޯޑްކާސްޓިން ދާއިރާއަށް ހިދުމަތް ކުރައްވާފައެވެ.
ބްރޯޑްކާސްޓިން ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަހަރު އޭނާ އަށް ވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދެއްވާފައެވެ.