މިދައުރު ނިމުމުގެ ކުރިން ފެރީ ޓާމިނަލް ނިންމަން ކައުންސިލުން އަމާޒު ހިފައިފި

viber-image-1.jpg

ބ. އޭދަފުށީ ހުޅަނގު ހުރަސްވާޓަރު ކައިރީގައި ހަދަން ފަށާފައިވާ ފެރީޓާމިނަލްގެ ނުނިމިހުރި މަސައްކަތްތައް ކައުންސިލްގެ މިދައުރު ނިމުމުގެ ކުރިން ނިންމަން އަމާޒުކޮށްފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިމަސައްކަތް ދިގުދެމިގެން ގޮސްފައިވަނީ އެކިކަހަލަ ދަތިތަކާދިމާވެގެންކަމަށާ، އެކަންކަން މިހާރު ހަމަޔަކަށް އެޅިފައިވާކަމަށެވެ. ކައުންސިލުން ވަނީ މިދިޔަ މަހު އެތަނުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާންވެސް ކޮށްފައެވެ. ނަމަވެސް އެކަށީގެންވާ އިޖާބައެއް ނުލިބޭތީ އެމަސައްކަތަށް މިއަދު ވަނީ އަނެއްކާވެސް ފުރުސަތު ހުޅުވާލާފައެވެ.

އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ އަންނަމަހުގެ ކުރީކޮޅު މިމަސައްކަތް ބަޔަކާ ހަވާލުކުރެވޭވަރު ވާނޭކަމަށާ، އަމާޒަކީ ދައުރު ނިމުގެ ކުރިން ޓާމިނަލް އާންމުކޮށް ހިދްމަތަށް ހުޅުވާލުންކަމަށެވެ.

“ނޫންނޫން. އަޅުގަނޑުމެން ދެން ލަހެއް ނުކުރާނަން. ވިޔަސްވާނީ އަވަސް. ހަގީގަތަކީ ކަންކަން ކުރާއިރު ވަރަށްބައިވަރު މައްސަލަތަކާ އެބަދިމާވޭ. އެހެންނަމަވެސް.. އެހެންނަމަވެސް ﷲ އިރާދަކުރެއްވިއްޔާ މިދައުރު ނިމުމުގެ ކުރިން މިޓާމިނަލްގެ ހިދްމަތް ދެވޭނެ” ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ މިމަސައްކަތް ކުރުމަށް ލިބިފައިވަނީ ތިންލައްކަ ބާރަހާސް ރުފިޔާ ކަމަށާ، ފައިސާއިން ނުވެއްޖެނަމަ މަސައްކަތް ނިންމުމަށް ބޭނުންވާ އިތުރުފައިސާވެސް ކައުންސިލުން ހޯދާނެކަމަށެވެ.

2013 ވަނައަހަރު ފަހުކޮޅު ފެށި އޭދަފުށި ފެރިޓާމިނަލްގެ ކޮންކްރީޓް އޮނިގަނޑު ނިންމުމަށްފަހު އެތަނުގައި އިތުރު މަސައްކަތްތެއް ނުކުރެވި ހުންނަތާ 3 އަހަރުވަރު ވެއްޖެއެވެ. އޭދަފުށީ ކައުންސިލުން ބުނާގޮތުން ފެރީ ޓާމިނަލް ނިމޭއިރު އެތަނުގައި ޕަސިންޖަރުން މަޑުކޮށްލުމަށް ހޯލަކާއި، ދެފާހާނާ، ފިހާރައެއް އަދި ޓިކެޓް ކައުންޓަރެއް ގާއިމް ކުރެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top