ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީއަށް ގެންނަ ބަދަލުތައް ހާމަކުރައްވައިފައެވެ.
އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ޕަސެންޓަށް މަތިކުރަން ނިންމާފައިވެ އެވެ.
އަދި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ތިރީގައިވާ ގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވަން ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ހަމައެއާއެކު ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މި އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިއްޔެ ވަނީ ރާއްޖޭގައި އާންމުވެފައިވާ ވޭޕް ވެސް އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރަން ނިންމައިފަ އެވެ.