ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިގޮތަށް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން މޯލްޑިވްސް އެންސީޑީ އެލަޔަންސް އިން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
މޯލްޑިވްސް އެންސީޑީސީ އެލަޔަންސްއަކީ ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެލަޔަންސްއެކެވެ. މި އެލަޔަންސްގައި މިވަގުތު ހިމެނެނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އާއި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް އެވެ.
އެ އެލަޔަންސުން ނެރުނު ބަޔާނެއްގައި ބުނީ ވޭޕް އަދި އީ- ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާއިރު ރާއްޖޭގައި ވޭޕް އާއި އީ ސިނގިރޭޓް އިސްތިއުމާލް ކުރުން މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމެއް ކަމަށެވެ.
ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއިރު، ރާއްޖޭގައި ވޭޕް މަނާ ކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ހާއްސަކޮށް ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މި ނޫންވެސް އެކި އެސޯސިއޭޝަންތަކުން ވަނީ މިކަން މަނާ ކުރުމަށް ގޮވާލާފައެވެ.
ޖަމިއްުޔާތަކުން ބުނަމުން ދަނީ ވޭޕް މަނާ ކޮށްފިނަމަ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ، ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށެވެ.