ލޯކަލް ޓޫރިޒަމަކީ މިއަދު އަތޮޅުތެރެއަށް އާމްދަނީ ލިބޭ މައި ދޮރޯއްޓެވެ. މި ސިނާއަތު މާލެއަތޮޅު ކަނޑުއޮޅިތަކުން ބޭރުވެ ރާއްޖޭގެ އަތޮޅުތަކުގެ އަސްދަނޑިއާ ހަމައަށް މިހާރު ދަނީ ބާރު އޮއިވަރުގައި ފެތުރެމުންނެވެ. އުތުރާއި ދެކުނުގައިވެސް ލޯކަލް ޓޫރިޒަމް ފުޅާވެ ކުރިއަރަމުންދަނީ އަޖައިބުވާހައި ހަލުވި ދުވެލީގައެވެ.
ތަބީއީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އުފެދިފައިވާ ގޮއިދޫ އަތޮޅަކީ ގުދުރަތީ ގޮތުން ވެސް މުއްސަނދި އަތޮޅެކެވެ. އަތޮޅުގެ ބޮޑު ސިންގާ ފަޅުތެރޭގައި ވަކިވަކިން އޮންނަ ގޮއިފުޅަފެހެންދޫ އަކީ ރާއްޖޭގެ ތާރީޚުގެ މުހިއްމު ސަފްހާތަކެއް ލިޔެވިފައިވާ ރަށްތަކެކެވެ. ފަތުރުވެރިންނަށް ކިޔައިދެވޭނެ ޝައުގުވެރި ވާހަކަ ތަކަކާ ގުދުރަތީ މުއްސަނދި ކަމަކީ އެތަން ބަލާލުމަށް ފަތުރުވެރިންގެ އިތުރުން ބިދޭސީ ސައްޔާހުން ކުރިންވެސް މިހާރުވެސް ބޭނުންވާނެ ތަނެކެވެ.
ލޯކަލް ޓޫރިޒަމް ބ.އަތޮޅުގައި ތައާރަފު ކުރީ ފުޅަދޫ ކަމަށް ވިޔަސް އެރަށާއި އެއް އިމުގައި އެއް ފަޅެއްގައި ވަކިން އޮތް ފެހެންދޫ ގައިވެސް މިހާރުވަނީ މި ސިނާއަތު ވައިގާ ހިފާފައެވެ. އެރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރި ފުޅާވެ ތަރައްގީ ވެ ބޮޑުވަމުން ދާއިރު އެރަށުން ބޮޑުބިމެއް ކުއްޔަށް ހިފައިގެން 30 ރޫމް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް އެބަފަށާކަމަށް ރަށު ކައުންސިލުގެ ރައީސްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހަމަ މިއާއެކު މިހާރުވެސް ބަރާބަރަށް ޚިދުމަތް ދެމުން އަންނަ ދެ ގެސްޓްހައުސް އެރަށުގައި އެބަހުއްޓެވެ. ” ފެހެންދޫ ސްޓޭ ” އަކީ އެތަނުން އެއް ގެސްޓްހައުސް އެވެ.
ފެހެންދޫގައި މުޅިން އަލަށް ކުރިއަރަމުން އަންނަ މި ވިޔަފާރި ހިނގާ ގޮތް ބަލާލުމަށް އީވީގެ ޓީމް ފެހެންދުއަށް ގޮސް “ފެހެންދޫ ސްޓޭ ” ގެސްޓްހައުސް ހިންގަމުން އަންނަ ނައީމު އަާ ބައްދަލު ކޮށްލުމަށް ކުރިން އެންގުމަކާ ނުލައި އެ ގެސްޓްހައުސް އަށް ވަނުމާއެކު ޓީމަށް ދެންނެވި މަރުހަބާ އަށް އެންމެ ފުރަތަމަވެސް ނައީމުއަށް ޝުކުރު އަދާ ކުރަމެވެ.
ގެސްޓް ހައުސްއަށް ވަދެލުމާއެކު ހީވީ މުޅިން އެހެން މާހައުލަކަށް ބަދަލުވީހެންނެވެ. ފަސްކޮޓަރީގެ މި މިއިމާރާތް ފަރުމާ ކޮށްފައި ހުރީ މުޅީން ދިވެހި ސްޓައިލަށެވެ. ބޭނުންކޮށްފައި ހުރި ހުރިހާ އެއްޗަކުން ވެސް ފެންނަނީ ދިވެހިވަންތަ އުފެއްދުންތަކާއި ދިވެހި ކުލައާއި ދިވެހި ވަހެވެ.
އާވި އަރައަރާހުރި ކޮފީ ތަށިތަކަށް އިންސާފުކުރަމުން ދިޔައިރު ނައީމު އޭނާގެ މި މަސައްކަތް ފެށުނުގޮތާ މިހާރުގެ ހާލަތު އީވީއަށް ކިޔައިދެއްވިއެވެ.
އީވީ : މިމަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭތޯ ؟
ވަރަށް ރަނގަޅުއާމްދަނީއެއް ލިބޭ. އަނެއްހެން ބުނާކަމަށް ވަންޏާ މިގެސްޓްހައުސް ހަފްތާއެއްހާދުވަހު ފުލްކޮށް އޮތަސް ކުރިއަށް އޮތް ތިންމަސްދުވަހު އިތުރު އާމްދަނީއެއް ނުލިބުނަސް އާއިލާ ހަމަ ރަނގަޅަށް މެނޭޖް ކުރެވޭނެ.
އީވީ : ކިހިނެއްތޯ ގެސްޓުން ގެންނަނީ . ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށްގެންތޯ ؟
ޓުއަރ އޮޕަރޭޓަރުން ޕްލަސް އަހަރެމެންގެ ވެބްސައިޓް “ފެހެންދޫ ސްޓޭ ޑޮޓްކޮމް” އިންނާއި ޔޫކޭގައި ހުންނަ އަހަރެމެންގެ އެޖެންޓްމެދުވެރިކޮށްގެންވެސް ގެސްޓުން ގެންނަން.
އީވީ :މި ވިޔަފާރި ފުޅާކުރަން ގަސްދެއް ނުކުރައްވަންތޯ ؟
ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 30 ރޫމް އިތުރުކުރުމުގެ ޕްލޭން އެއް އެބައޮތް .
އީވީ : ގެސްޓުން ޕޭ ކުރަން ޖެހެނީ ޑޮލަރުންތޯ ؟
އެއިރަކު އޮންނަ ބޭންކް ރޭޓުން .ޑޮލަރުންވެސް އަދި ދިވެހި ފައިސާއިން ވެސް ބަލައިގަންނަން. އެކަމަކު ރޭޓް ކަނޑައެޅިފައި އޮންނާނީ ޑޮލަރުން.
އީވީ :ކޮބައިތޯ މިކަން ހިންގުމަށް ހުރި ދަތިތަކަކީ ؟
އެންމެ ބޮޑު ގޮންޖެހުމަކީ ޓްރާންސްފަރ ކަންތައް. ދަތުރުތައް ޝެޑިއުލް ވެފައި މިއޮންނަނީ ހަފްތާއަކު ތިން ދުވަހު މާލެ ފެހެންދޫ ނުވަތަ މާލެ ފެހެންދޫ ގޮއިދޫ. އެހެންވީމާ އެތިން ދުވަސްނޫން ދުވަހަކު ގެސްޓަކު ރާއްޖެެ އަތުވެއްޖެނަމަ އެއީ ދެން ލިބޭ ގެއްލުމެއް. އެމީހުން ވައިގެ މަގުން އައުމަކަށް ނޫން ބަޖެޓް އޮންނަނީ.
އީވީ :ކިހިނެއްތޯ ގެސްޓުންގެ ކޮމެންޓްތައް ހުންނަނީ ؟
ވަރަށް ރަނގަޅު .އަޅުގަނޑުމެންގެ ރޭޓިންސް އަކީ 9.5. ކޮމްޕެއަރ ޓު ދި އަދަރސް ދެއަރއިޒް އަ 9.4 . ވީއާރ ވަން އެން އޮންލީ. ދޭއާރ ސެވަރަލް ސްޓާފްސް. އައިމީން މޯދޭން ސެވަން ސްޓާފްސް. ވީއާރ ވަން އެން އޯންލީ.ޔެސް
އީވީ :ކޮން ގައުމެއްގެ މީހުނެއްތޯ އެންމެ ގިނައިން އަންނަނީ ؟
ހުރިހާ ގައުމެއްގެ މީހުންވެސް އިޒްރޭލް މީހުންވެސް އަރަބިންވެސް .މޫނު ބުރުގާ އެޅި އަންހެނުންވެސް އާދޭ. އަޅުގަނޑުމެންނަށް މަދެއް ނޫން އަރަބީން އަންނަލެއް . އަޅުގަނޑުމެންގެ ޔޫކޭ އެޖެންޓަކީވެސް އަރަތްބެއް. އެހެންނަމަވެސް އެންމެ ގިނައިން އަންނަނީ ޔޫރަޕިއަރުންނޭ ބުނެވޭނީ .
އީވީ :އޯވަރބުކް ވޭތޯ؟
އެއްފަހަރު އޯވަރ ބުކްވެއްޖެ. ކުރިއަށް އޮތީ ސީޒަން ކަމަށް ވާތީ ބެލެވެނީ ޑިސެމްބަރ 25ގެ ފަހުން (ފުލީ ބުކިންގ) ފުލް ވާނެކަމަށް.
އީވީ :އަންނަ އަހަރުގެ ސީޒަނަށް އިތުރު ރޫމް ތަކެއްނެރެވޭވަރު ވާނެތޯ ؟
އެހާހިސާބަށް ދާއިރު އަދި ތައްޔާރު ނުވެ ހިނގައިދާނެ. އެކަމަކުވެސް ޖެނުއަރީގަ 9000 އަކަފޫޓުގެ ކޮންޓެކްޓެއްގަ އެބަ ސޮއިކުރަން.
އީވީ :ކިތައް މުވައްޒަފުން ގެންގުޅެންތޯ ؟
އެންމެ ސްޓާފެއް. ގެސްޓުން އައުމުން އެވަގުތަކު ހާލަތު ނިޔާކުރާ ގޮތުން ވަގުތީގޮތުން މީހަކު ނަގަން. ލިބޭ އެއްޗަކުން އޭތި އަޅުގަނޑު ހަމަޖައްސަނީ .
އީވީ :ގެސްޓުން އެއްދުވަސް ހޭދަކުރާ ގޮތް ކިޔާދީފާނަންތޯ ؟
އެކި މީހުން ހޭދަކުރަނީ އެކި ގޮތަށްއެކި ކަންކަމުގަ. އިއްޔެ އަޅުގަނޑު މިރަށުގެ ފަޅުތެރޭގައި އޮތް ކައްޓިހުރާ ހުރާގަނޑު ސާފުކޮށް ވެލިކޮޅެއް އަޅާލާފައި އެތަން ދައްކާލުމުން މާރީތި ތަނަކަށް އެތަން ވެއްޖެ. އެތަނަށް ދިޔަ މީހާ މިއަދުވެސް ދާން ބޭނުންވީ އެތަނަށް. ހަމަ މުޅި ދުވަސް އެތަނުގަ. ކާއެއްޗެތި ގެންދަނީ އެތަނަށް. ކޮންމެ މީހަކު އަތުގައި އޮންނާނެ ފޯނެއް. ގުޅުން ހިނގާނެ އަބަދުވެސް. އަނެއް ބަޔަކު ވީ ކަނޑޫ ފަލުގަ. ގަޑިން ގަޑިއަށް ކާއެއްޗެތި އެތަނަށް ދާނެ. އެހެންވީމާ އެމީހުން އިރު އޮއްސުނީމަ ގެއަށް ނިދަން އަންނަން ޖެހޭނީ.
މީގެ އިތުރުން ބައެއް މީހުން ނައިޓް ފިޝިންގ އާއި ޑޮލްފިން ފިޝިންގވެސް ހަދާނެ.ދެން އެބަޔަކު ބޭނުންވާ އެއްޗެއްގެ ޕެކެޖް ހަދައިގެން އަންނާނީ. އެޕެކެޖްގަ އިންކްލޫޑް ވާ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްދެން. އެކަމަކު ރޫމް އޮންލީ އަށް އައިމަ ދެން މި ހުރިހާ ކަމެއް ނޯންނާނެ. އެގޮތަށް އައި ބަޔަކު ކަމަށް ވަންޏާ އެމީހުން ދުވާލު ގެ ހުރިހާ ވަގުތު ހޭދަކުރަނީ ބީޗްގައި.
އީވީ :ގެސްޓް ހައުސް ވިޔަފާރި މިރަށުގައި ހިންގަވާތާ ކިހާދުވަހެއް ވެދާނެތޯ ؟
މި ގެސްޓް ހައުސް ހިންގާތާ އަދި ވީ އަހަރެއްހާ ދުވަސް .
އީވީ : މިދާއިރާއަށް ވެންނެވި އިރު ކޮބައިތޯ ލިބިފައިވާ ތަޖްރިބާ ތަކަކީ؟
1989ވަނަ އަހަރުން ފެށިގެން 2014އާ ހަމައަށް ޓޫރިޒަމް ދާއިރާގައި އެކި ލެވެލްގަ އެކި ކެޓަގަރީގެ ލޯފެންވަރާއި ހައިކްލާސް ރިސޯޓް ތަކުގައި ޖުމްލަ ދިހަވަރަކަށް ރިސޯޓުގައި މަސައްކަތްކުރިއިރު ހީވަނީ މިއީ ފުދޭވަރެއްހެން . އެތަޖްރިބާގައި އަޅުގަނޑު ކުރިއަށް މިދަނީ .
އީވީ :ކޮބައިތޯ ރިސޯތަކުން ގެސްޓަކަށް ދޭ ސަރވިސް އާ މިތަނުންދޭ ސަރވިސްގެ ތަފާތަކީ ؟
ރިސޯޓްތަކުގައި ދޭ ސަވިސް އާ މި ތަނާ ތަފާތުވާ އެންމެ ބޮޑުކަމަކީ ރިސޯޓުގައި ނަމަ ކެއުމަށްވެސް ވަކި ގަޑިތަކެއް ކަނޑައެޅިފައި އޮންނާނެ .އެގަޑި ފާއިތު ވެއްޖެނަމަ ދެން އެމީހާ ޖެހޭނީ އިތުރަށް ލާރި ދީގެން ރެސްޓޯރެންޓް ނުވަތަ ކޮފީސޮޕަށް ދާން . އެކަމަކު އަހަރެމެން ކަންތައް މިކުރަނީ އެގޮތަކަށް ނޫން. އެމީހާ ހޭލައިގެން އަންނާނެ އިރަކުން އަންނަންވީ . ބީޗަށް ދާނެ އިރަކުން ދާންވީ ބޭނުން ވާ އެއްޗެއް ބީޗަށް ވައްޓާލާނީ ގަޑިއަށް. އެކަމަކު އެވަރަށް މާކެޓް ލިބުމުން ރިސޯޓް ސްޓައިލަށް ވައްޓާލަން ޖެހޭނީ. މިހާރު މިބަލަނީ ހުރިހާކަމެއްވެސް އެމީހާ ހިތްހަމަޖެހޭގޮތަށް ކުރެވޭތޯ. އެމީހަކު ހުރި ތަނެއް ހޯދައިގެން އެތަނަކަށް ކާއެއްޗެތިވެސް މި ގެންދަނީ. ކެއުން ތައްޔާރުކުރަނީ ވެސް އެމީހަކު ބޭނުންވާ އެއްޗެއް. އެކަމަކު އެއީ މިތަނުން ލިބެން ހުންނަ ތަކެތި. އެހެންނަމަވެސް ސީފުޑް ލޮބްސްޓަރ ނޫނީ އިތާ ވިޔަސް އަދި އެހެން ވެސް ސީދާ މި ތަނުން ލިބެން ނުހުންނަ ތަކެތި ވެސް ގެސްޓް އެދިއްޖެނަމަ އެޚިދުމަތް ފޯރުކޮށްދެން އިތުރުޗާޖަކާ އެކު. އެހެންނަމަވެސް ރިސޯޓްތަކުގެ ސްޓޭންޑަށް ޚިދުމަތް ދެން .
ނައީމުގެ ވާހަކަ ނިންމާލީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި ބުނަމުންނެވެ. އެންމެ ކުރިންވެސް ބޭނުންވީ އާއިލާ އާއެލު ރަށުގައި ހުރެގެން މަސައްކަތް ކުރެވޭނެ ގޮތް ވުން ކަމުގައި ބުނަމުން ނައީނު ހިނިތުން ވެލިއެވެ. ކާމިޔާބު ވެއްޖެއޭ ބުނެލި ކަހަލަ އެވެ.
ކޮންމެއަކަސް ނައީމުގެ އެންމެ ޒުވާން އުމުރުންފެށިގެން 30 އަހަރުވަންދެން ރިސޯޓުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށް ލިބިފައިވާ ތަޖްރިބާ އާއެކު ހިންގަމުންގެންދާ ފެހެންދޫ ސްޓޭ ގެ ހުރިހާކަމެއްވެސް ފުރިހަމައެވެ. ގެސްޓްހައުސްގެ ކޮންސެޕްޓުން ފެށިގެން އެތަނުގެ އިންޓީރިއާއާއި ގެސްޓުންނަށް ސީދާ ބީޗަށްދެވޭ ގޮތަށް ވަލުތެރޭގައި ހަަދާފައިވާ މަގުވެސް ފުރިހަމައެވެ. އެމަގުގެ ދެފަރާތުގައި އިންދާފައިވާ މާމެލާމެލީގެ ގަސްތައް އަދި ހުރީ ވަރަށް ޅަކޮށެވެ. އެހެންނަމަވެސް ހެދި ބޮޑުވަމުން އަންނަނީ ފެހިކަމާއެކު އަވަހަށެވެ. ނައީމުގެ “ފެހެންދޫ ސްޓޭ”ގެ ކުރިމަގާ އެއްގޮތަށެވެ.
“ފެހެންދޫސްޓޭ” ގެ ކުރިމަގާ މެދު ނައީމުއެކޭ އެއްފަދައިން އަޅުގަނޑުމެންނަށްވެސް ކުރެވޭ އުއްމީދު ބޮޑެވެ. “ފެހެންދޫސްޓޭ” ކަހަލަ އެތައް ގެސްޓްހައުސް އެއް ބިނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު މިއީ އެރަށުގެ އިތުރުން މުޅި ބ،. އަތޮޅަށްވެސް އިގްތިސާދީ ގޮތުން އަންނާނެ ވަރުގަދަ އިންގިލާބީ ހެޔޮ ބަދަލަކަށް ވާނެކަމުގައި އިގްތިސާދީ މާހިރުން ލަފާ ކުރެއެވެ.