އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅިދާނެކަމުގެ ސިގްނަލް ލިބިއްޖެ

6676618.jpg

2017 ވަނައަހަރު ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމްތަކެއް އެޅޭތޯ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަދުވަހު އީވީއަށް ދެއްވި ހާއްދަ ބަސްދީ ގަތުމެއްގައި ސިދުގީ ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލްގެ ހިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭކަމަށާ، އެގޮތުން ޑޮކްޓަރުންނާ ނަރުހުން ހިދްމަތް މެދުނުކެނޑޭގޮތަށް ކަންކަން ރާވަމުންދާކަމަށެވެ. ސިދުގީ ވިދާޅުވީ އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހުޅުވި ހިދްމަތް ދޭން ޖެހިފައިވާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ ޕްރައިވެޓް ރޫމް ނެތުމުގެ މައްސަލަ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ޕްރައިވެޓް 6 ރޫމެއް އެޅުމާބެހޭ މަޝްވަރާތައް ރިސޯޓްތަކާ، ކަމާބެހޭ ފަރާތްތަކާއެކު ކުރެވެމުންދާކަމަށް ސިދުގީ ވިދާޅުވިއެވެ.

“ވަރަށް ވަރަށް ގިނަ ފަރާތްތަކުން ރިކުއެސްޓް ލިބޭ ޕްރައިވެޓް ރޫމް ހޯދުމަށް، ހާއްސަކޮށް ރިސޯޓްތަކުން އަންނަ ގެސްޓުން. އަދި ވިހަން އަންނަ ބޭފުޅުންވެސް ރިކުއެސްޓް ލިބޭ. އަޅުގަނޑުމެންގެ އަމާޒަކީ 2017 ނިމުމުގެ ކުރިން ރިސޯޓްތަކާއެކު ކުރެވެމުން މިދާ މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް 6 ރޫމްގެ މަސައްކަތް ފެށުން” ހޮސްޕިޓަލްތައް ހިންގުމުގައި ރާއްޖޭގެ އެކިސަރަހައްދުތަކުގައި މަސައްކަތް ކުރައްވާފައިވާ ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ހޮސްޕިޓަލުން ދެވޭ ހިދްމަތުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވާނޭކަމަށާ، ދުވަހެއް ދުވަހަކަށް އިތުރު ހިދްމަތްތައް ތައާރަފް ކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.

“ހިދްމަތުގެ ފެންވަރު ބެއްލެވީމާ މިހާރު ފެންނާނެ. ދުވާލެއްގެ މައްޗަށް ރިސޯޓްތަކުން އެކަނިވެސް އެތައް ބަޔަކަށް މެޑިކަލް ހެދުންކަހަލަ ކަންކަން މިހާރު ދުވަހުން ދުވަހަށް ނިމޭނެ. މިއީ ކުރިން ވާކަމެއް ނޫން. ދެން ޑޮކްޓަރުންގެ ހިދްމަތް ދޭތެރެދޭތެރެއިން ކެނޑިގެން ޝަކުވާ ލިބޭނެ. އިއްޔެ އަންހެނުންގެ ހާއްސަ ޑޮކްޓަރ ޗުއްޓީއަށް ދިޔައީ. މިއަދު ހުންނާނެ އާ ޑޮކްޓަރެއް. އެހެންވީމާ، ހިދްމަތަކަށް ބަދަލު އެބައާދޭ ނޫންތޯ”

ސިދުގީ ވިދާޅުވީ ހިދްމަތް ނުލިބިގެން މިހާރު ޝަކުވާ ކުރަން ނުޖެހޭނެކަމަށާ، މިހޮސްޕިޓަލުން ނިލިބޭ ހިދްމަތްތައް އެމަޖެންސީގައި ފޯރުކޮށްދިނުމަށް 24 ގަޑިއިރު ސީ އެންބިއުލާންސްގެ ހިދްމަތްވެސް ފޯރުކޮށްދެވޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top