ސަލްސާގެ ފިޔަގަނޑު މާލެއިން އޭދަފުށްޓާ ހަމައަށް

DSCN3244.jpg

14 ޑިސެމްބަރ2016 : ސަލްސާގެ ރެސްޓޯރެންޓެއް އޭދަފުށީގައި ހުޅުވުމުގެ ތައްޔާރީތައް މިހާރުވަނީ ނިމުމަކާ ހަމައިގާ .- ފޮޓޯ :އީވީ

ސަލްސާ އާމިރު އެއީ ވަނަމަކަށް ކިޔާ ނަމެއް ނޫނެވެ. އެނަން އިބްރާހީމް އާމިރުއާއި ގުޅުނީ އޭނާ ހިންގަމުން ގެންދާ ސަލްސާ ރެސްޓޯރެންޓް ވައިގާ ހިފުމާ ގުޅިގެންނެވެ.

ސަލްސާ އާމިރު އާ ގުޅުން ހުރި  މިއަދުގެ އުފާވެރި ޚަބަރަކީ އޭނާގެ ސަލްސާ ބްރޭންޑްގެ ފިޔަގަނޑު އޭދަފުށްޓާހަމައަށް ފޯރަން މާގިނަ ދުވަހެއް ދެން ނުނަގާނެ ކަމުގެ އުފާވެރި ޚަބަރެވެ. ސަލްސާގެ ކުޑައިގެ ދަށުން އުފަންވާ ސަލްސާގެ ބޮޑު ރެސްޓޯރެންޓެއް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް މިހާރު އޭދަފުށީގައި ދަނީ ކުރެވެމުންނެވެ.

އޭދަފުށީގެ މޫނުމަތީގައި ނުވަތަ އުތުރުފަރާތު ބަނދަރުސަރަހައްދުގައި ހުންނަ މަލްޓީ ޕާޕަސް ބިލްޑިންގގެ ކުރިމަތީގައި ސަލްސާގެ ރަސްމީ ކުލައިގާ ޒީނަތްތެރިކުރަމުން އެގެންދަނީ ސަލްސާ އޭދަފުށިގެ ރެސްޓޯރެންޓެވެ.

ފަހުގެ ތައްޔާރީތައް ވަމުން ދާއިރު އާމިރު ވިދާޅުވީ ރޭވިފައިވާ ގޮތަށް ކަންތައް ހިނގަމުންދާނަމަ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު އެތަން ހުޅުވައި ޚިދުމަތްދޭން ފެށޭވަރު ވާނެކަމުގައެވެ.

ރެސްޓޯރެންޓާ ބެހޭ ގޮތުން އީވީ އާ ވާހަކަ ދައްކަވަމުން އޭދަފުށީ ފިނިހިޔާގޭ އަބްދުލް ޢަނީ ގެ އިބްރާހީމް އާމިރު ވިދާޅުވީ މި ރެސްޓޯރެންޓް ވެގެންދާނީ އޭދަފުށީގައި ގާއިމު ކުރެވޭ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތް ދެވޭވަރުގެ ރެސްޓޯރެންޓެއްގެ ގޮތުގައެވެ.  އެގޮތުން  މި ރެސްޓޯރެންޓްގައި އެއްފަހަރާ 100 މީހުންނަށް ޚިދުމަތް ދެވޭނެކަމަށާއި މީގެ އިތުރުން 28 ގޮނޑީގެވިއައީޕީ ރޫމެއްވެސް ހުންނާނެއެވެ.

އޭފަފުށީގައި ސަލްސާގެ އުފެއްދުމެއް ތައާރަފްކުރަން ނިންމި ގޮތާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ  އޭދަފުށްޓަކީ ކޮންމެ ދުވަހަކުހެން ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުންނާ އެކިއެކި ވަފްދު ތަކުގެ އިތުރުން އަތޮޅުގައި އޮތް 14 ރިސޯޓަށް އަންނަ ގެސްޓުންވެސް ބައެއްފަހަރު އޭދަފުށްޓަށް އަންނައިރު އެމީހުންނަށް ޚިދުމަތް ދެވޭފެންވަރުގެ ތަނެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ވިސްނިގެންނެވެ. ހަމައެއާއެކު ތަރައްގީ ވްފައިވާ ތަނަކަށްވެފައި ތަރައްގީއާއެކު މިކަހަލަ ވަސިލަތްތައްވެސް ގާއިމު ނުކޮށްފިނަމަ ތަރައްގީގެ ދުވެލި ދާންވީ ބާރުމިނުގައި ނުދެވޭނެކަމަށް ދެކެވަދައިގަންނާވާތީއެވެ.

“އަހަންނަކީ އެއްފަޅި އޭދަފުށި މީހެއްކަމަށްވެފައި އޭދަފުށީގެ ތަރައްގީގެ ބައިވެރިއެއްކަމުން ރަށުގެ ޒުވާނުންނާއި ގާތް ގުޅުމެއް އޮވޭ. ރަށުގެ ކަންކަމާމެދު އެމީހުންނާ މަޝްވަރާ ކުރެވި ތަރައްގީއަށް މަގު ފަހިކުރުމުގެ ގޮތުން ކުރެވިދާނެކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވޭ.  މިއީވެސް އެގޮތުން އުފަންވި ކަމެއް. ޒުވާނުންގެ އެދުމެއް މިއީ. ޒުވާނުން ބޭނުންވީ މިކަހަލަ ތަނެއް ހުންނަން..” އާމިރު ވިދާޅުވިއެވެ.

މިހާ ބޮޑު އިންވެސްޓެއް ކުރާއިރު ތަނުންދޭ ޚިދުމަތާއެކު އަގުތައް ބޮޑުނުވާނެތޯ އަހާލުމުން އާމިރު ވިދާޅުވީ މާލެއަށް ވުރެ އަގުބޮޑު ނުވާނެ ކަމުގައެވެ.

“ވިއްޔާ ވާނީ ހެޔޮ. އެއީ ކޮންމެ ގޮތެއް ވިޔަސް ތަނުގެ ކުލި މާލެއަށް ވުރެ ހެޔޮ. އެހެންވީމާ ބޮޑަށް ބެލެވެނީ މާލެއަށްވުރެ ހެޔޮވެދާނެކަމުގައި ” ރެސްޓޯރެންޓް ހިންގުމުގެ ދާއިރާއިން ގިނަ ތަޖްރިބާ ތަކެއް ހޯދާފައިވާ އާމިރު ވިދާޅު ވިއެވެ.  އާމިރު ވިދާޅުވީ މާލޭގެ ސަލްސާ ރެސްޓޯރެންޓް ތަކުން ލިބެން ހުރި ހުރިހާ ޚިދުމަތެއްް މިތަނުން ލިބެން ހުންނާނެ ކަމަށާއި ޕާޓީތަކަށް ކޭޓަރ ކޮށްދިނުމާއި ޕާޓީތައް ބާއްވައިދިނުމުގެ އިތުރުން ވީއައިޕީގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމުގައެވެ.

އާމިރު ވިދާޅުވީ ސަލްސާގެ ރެސްޓޯރެންޓެއް އޭދަފުށީގައި ހިންގަން ފެށުމާއެކު ރަށަށް ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައެވެ. މިކަހަލަ ކަމެއް ކުރާއިރު އިޖްތިމާއީ ޒިންމާގެ ދަށުންވެސް ރަށަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރަންޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތުން ރަށުގެ ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައިވާ އުނިކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްކުރާނޭ ކަމުގައެވެ.

އާމިރުގެ ވާހަކަ ނިންމާލެއްވީ އޭދަފުށީގެ އިސް ރަށްވެހިންނަށް އުފާވެރި ޚަބަރެއް ދެއްވަމުންނެވެ. އޭނާ ވިދާޅުވީ 65 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ކޮންމެ ހުކުރު ދުވަހަކު ހަވީރުސައި މި ރެސްޓޯރެންޓުން ހިލޭ ލިބޭނެ ކަމުގައެވެ.

“އަޅުގަނޑުމެން އެ ޚިދުމަތް  ކޮންމެ ހުކުރު ދުވަހަކު ދޭނަން. އެގޮތުން 65 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ހަވީރު ސައި ލިބޭނެ މި ތަނުން.  އެބޭފުުޅުންނާ ގުޅޭ ކަހަލަ ކާއެއްޗެތި ތައްޔާރުކޮށް އެދުވަހުގެ ހަވީރުސަޔަށް ކޮންމެ ބޭފުޅަކުވެސް ވަޑައިގަތުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް ” އާމިރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top