ބ. ދޮންފަނުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށްގެންދާ މަޝްރޫއުގެ އަދާހަމަ އެކުންފުނިން ހާމަކޮށްފި އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮޖެކްޓްގެ ޖުމްލަ މަސައްކަތުގެ 10.64 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އާރް.އޯ ފެސިލިޓީ އިމާރާތުގެ މަސައްކަތްތަކެވެ. އެގޮތުން، އެ އިމާރާތުގެ ސީލިންގ ކުރުމާއި، ސިމެންތި ޖެހުމާއި، ކުލަލުމުގެ އިތުރުން ޕުޓީ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއަކީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފެން އުފައްދާ އާރް.އޯ ފެސިލިޓީ އިމާރާތް ކުރުމާއި، ފެން ރައްކާކުރާ ތާނގީ ބެހެއްޓުމާއި، ޕަމްޕިންގ ސްޓޭޝަންތައް ގާއިމުކުރުމުގެ އިތުރުން ފެނާއި ނަރުދަމާގެ ވިއުގަ އެޅުން ހިމެނެއެވެ. މީގެ ކުރިން މި މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، މަސައްކަތް ލަސްވުމުގެ ސަބަބުން ސަރުކާރުން ވަނީ އެމް.ޑަބްލިޔު.އެސް.ސީ އަށް މި މަސައްކަތްތައް ބަދަލުކޮށްފައެވެ.
ދޮންފަނުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެކެވެ. މުޅި ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ގިނަ ރަށްތަކެއްގައި މިފަދަ މަޝްރޫއުތައް ހިންގަމުންނެވެ.




