ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރަމުން އައި މަންޓާ އެއާގެ އޭޓީއާރްގެ ދަތުރުތައް މި މަހުގެ 19 އިން ފެށިގެން ހުއްޓާލައިފި އެވެ.
ބައެއް އެއާޕޯޓްތަކަށް އޭޓީއާރްގެ ދަތުރުތަކުގެ އިތުރަށް މަންޓާ އަކީ ސީޕްލޭންގެ ދަތުރުތައް ކުރާ އެއާލައިނެކެވެ.
މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ނޯޓިސް އެއްގައި ބުނީ މި ނިންމުމާ އެކި އެ އޮޕަރޭޝަންގައި މަސައްކަތްކުރި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭޓީއާރް އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ އޭޓީއާރު ފްލީޓްގެ އިންޖީނުތަކަށާއި ފަންނީ ގޮތުން ދިމާވަމުންދާ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދިއުމާއި ޕާކިސްތާނުގެ ސައުތު އެއާއާ އެކު ކުރިއަށްގެންދިޔަ ވެޓް-ލީޒް އޮޕަރޭޝަން ނިމުމަކަށް އައުން ކަމަށް މަންޓާ އިން ބުންޏެވެ. މީގެ އިތުރުން ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން މުރާޖައާ ކުރުމަށް ފަހު، އިތުރަށް އޭޓީއާރް އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ނެތް ކަމަށް ވެސް ބުންޏެވެ.
މަންޓާ އެެއާ އިން ބުނީ ވަޒީފާއާ ބެހޭ ޤާނޫނާއި ރިޑަންޑަންސީ ޤަވާއިދުގެ ދަށުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ އިރު، އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ހުށަހެޅި މުވައްޒަފުންނަށް، ނޯޓިސް މުއްދަތަށް ލިބެންޖެހޭ ފައިސާގެ ބަދަލުގައި އެ އަދަދަށްވާ ފައިސާ ދިނުމަށް ކުންފުނިން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.





