ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދޭން އެދި، އެ ރަށު ކައުންސިލުން ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފިއެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގާ ‘އިކޯބޫ މޯލްޑިވްސް’ ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކޮށްދިނުމުގެ ހަފްލާއެއް ބާއްވާފައިވާތީ އެ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް އެ ކައުންސިލުން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނި ގޮތުގައި އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ވެސް ހުއްދަ ކުރެވިގެންވާ ކަންކަމެއް ނޫނެވެ. އަދި މިފަދަ ކަމެއް ތިނަދޫގައި ކުރިއަށް ގެންދިއުމަކީ އެ ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި ރަށުގެ އާއްމު ރައްޔިތުންނަށާއި ރަށުގައި ހިންގާ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
”…ވ. ތިނަދޫގެ އާއްމު ސަރަހައްދުތައް އަދި ޚާއްސަކޮށް ގެސްޓްހައުސްތަކުގެ ކުރިމަތީގެ އަތިރިމަތީ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަދި އެކަމަށް ކަނޑައަޅާފައިވާ އުސޫލުގައިވެސް އެ ސަރަހައްދުތައް ބޭނުންކުރަން ވާނީ ގާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ހަރަކާތްތައް ހިންގުމަށް ކަމުގައި ވެސް ބަޔާންކޮށްފައި ވާނެ،“ ތިނަދޫ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
ހަމައެއާއެކު އެ މައްސަލައަކީ މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށް ވިދާޅުވެ ނަސޭހަތްތެރިވެފައެވެ.





