ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ސްޓްރޯކަށް މީހުން ހޭލުންތެރި ކުރުވުމަށް މިއަދު ބާއްވާ ހަރަކާތަކާ ގުޅިގެން އައިޖީއެމްއެޗުން ކުރި ޕޯސްޓެއްގައި އެ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވަނީ، ސްޓްރޯލް ޖެހިގެން ކޮންމެ 16 ގަޑިރިއަކުން މީހަކު އެ ހޮސްޕިޓަލަށް ގެންދާ ކަން ހާމަކުރައްވާފައެވެ.
ރާއްޖޭގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުންދާއިރު، އައިޖީއެމްއެޗުން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ 15ގެ ނިޔަލަށް ސްޓްރޯކް ޖެހިގެން 493 މީހުން ވަނީ މަރުވެފައެވެ. އަދި ހަމައެކަނި 2024 ވަނަ އަހަރު ވެސް މި ބަލީގައި 151 މީހުން މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ސްޓްރޯކަކީ އޭގެ އަލާމާތްތައް އަވަހަށް ދެނެގަނެވިއްޖެނަމަ، ފަރުވާދީގެން ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. އެގޮތުން ސްޓްރޯކްގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި، ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން، ކުއްލިއަކަށް އެއް ލޮލުގެ ނުވަތަ ދެ ލޮލުގެ ފެނުން ފުސްވުން ނުވަތަ އެއްޗެހި ޑަބަލްކޮށް ފެނުން، ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް އަރިއަޅައި ތިރިވެފައި ހުރުން، އަތް ނުވަތަ ފައިގެ ވާގިދިއުން (ދެއަތް މައްޗަށް ހިއްލާލުމުން އެއް އަތް ކޮންޓްރޯލް ނުވެ ތިރިއަށް ވެއްޓުން)، ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުމާއި އެހެން މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން ހިމެނެއެވެ.
ދުނިޔޭގެ ސްޓްރޯކް ބަލީގެ ދުވަހާ ގުޅިގެން މިއަދު ހަވީރު 04:00އިން 06:00 އަށް އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތުގައި އެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.





