މީހަކު މަރާލަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަކީ އިސްލާމް ދީނުގެ ހަމަތަކާ ޚިލާފު ކަމެއް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމްޕީ ސަލީމް ވިދާޅުވީ މީހަކު މަރާލަން މަޖިލީހަށް ގަރާރެއް ހުށަ ނޭޅޭނެ ކަމަށާއި އެއީ އިސްލާމީ ހަމަތަކާއި ދުނިޔަވީ ހަމަތަކާވެސް ޚިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކަ ދެއްކުމުގައި ބުއްދީގެ ބޭނުން ކުރެއްވުމަށް ސަލީމް އެދިވަޑައިގެންނެވި އެވެ.
މި މޭރުމުން މެންބަރު ސަލީމް ވާހަކަ ދައްކަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަވަހާރަ ކޮށްލަން ގަރާރު ހުށަހަޅައި މަޖިލީހުގައި ވާހަކަ ދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
“މީހަކު އަވަހާރަ ކޮށްލަން މަޖިލީހަށް ގަރާރެއް ހުށައެއް ނޭޅޭނެ. މިއީ އިސްލާމީ ހަމަތަކާ ދުންޔަވީ ހަމަތަކާވެސް ޚިލާފު ކަމެއް. ވާހަކަ ދެއްކެވުމުގައި ބުއްދީގެ ބޭނުން ކުރުން ވަރަށް މުހިއްމު. ” ސަލީމް މިއަދު ކުރެވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
Meehaku avahaara kohlan majileehah garaareh husha eh neylheyne mi ee islaamee hamathakaa dhunya vee hama thakaa ves hilaaf kameh vaahaka dhehkevumugai buhdhee ge beynun kurun v muhimmu
— Ahmed Saleem (@redwave_saleem) July 8, 2020
މެންބަރަކު އަވަހާރަ ކުރާ ގަރާރެއްގެ ވާހަކަ ދެކެވުނީ، މިއަދުގެ ޖަލްސާ އަށް ސިޓީ، ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އުވައިލުމަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އުވައިލުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން މަޖިލީސް ވަގުތުގައި ދެކެވުނު ވާހަކައަށް ރައީސް ނަޝީދު ދެއްވި ރައްދެއްގައެވެ.
ޖާބިރުގެ ގަރާރު އެޖެންޑާގައި ހިމެނުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެ ގަރާރު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
އެ ގަރާރާ ގުޅިގެން ބައެއް މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުން ތަކަށް ދެއްވި ޖަވާބެއްގަައި ރައީސް ނަޝީދު ވިދާޅުވީ މި މަޖިލީހުގައި ގަރާރަކުން ނުދެކޭނެ ހަމައެކަނި ވާހަކަ އަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާ ވާހަކަ ކަމަށާއި، “މި މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ އިއްޒަތްތެރި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަވެސް،” މަޖިލިސް ރައީސް ވިދާޅުވިއެވެ.