ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަންނަ ހަފުތާގައި އާންމު ހާލަތަށް އަންނާނެ

5e92db0d-29e7-4e94-a79d-54e685500644.jpg

ރާއްޖެއަށް ބޭނުންވާ އާ ޕާސްޕޯޓު ސްޓޮކް ލިބި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަންނަ ހަފުތާގެ ތެރޭގައި އާންމު ހާލަތަށް އަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެކަމާ ގުޅިގެން ދިމާވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ އިމިގްރޭޝަނުން ވަނީ، އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކޮށް މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދޭން ފަށާފައެވެ. އެ ނިންމުމާ ގުޅިގެން އިމިގްރޭޝަނުން ދިން އެއް މަސް ދުވަހުގެ މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އާ ސްޓޮކް ލިބެންދެން، މި ވަގުތު ޕާސްޕޯޓު ދޫކުރުމުގައި އިސްކަންދެމުން ގެންދަނީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ފުރަންޖެހޭ ފަރާތްތަކަށް އެކަނި ކަމަށެވެ.

ޕާސްޕޯޓު ސްޓޮކް ނުލިބި ލަސްވުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ މީހުންނަށް، އެއްވެސް ފީއަކާ ނުލައި އެމީހުންގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުމާއި އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ގޮސްއުޅޭ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ”އިމަޖެންސީ ޕާސްޕޯޓު“ ދޫކުރުމަށް ވެސް ހަމަޖެއްސިއެވެ.

ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް އަންނަ ހަފުތާގައި އާ ސްޓޮކް ލިބުމާއެކު މި ހުރިހާ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top