ބ. އަތޮޅު ކައުންސިލްގެ ރަންނާ އެވޯޑް. ދައުރު ނިމެނިކޮށް އަތޮޅަށް ގެނެސްދިން ކުރިއެރުމެއް.

19.jpg

ބ. އަތޮޅު ކައުންސިލްގެ މިދައުރު ނިމެން އެންމެ ހަތަރުމަހެއްހާދުވަހަށް ވެފާ ވަނިކޮށް ރަންނާއެވޯޑްގެ ނަމުގައި އަތޮޅުގެ ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް އެވޯޑެއް ދިނުމަށް ނިންމުމަކީ ބ.އަތޮޅުގައި ތިއްބެވި ތަފާތު ދާއިރާތަކުގެ ހުނަރުވެރިންނާއި ފަންނާނުންނަށް ލިބުނު އުފާވެރި ޚަބަރެކެވެ. ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ މަސައްކަތަށް ތައުރީފާ ހިތްވަރު ލިބުން ބޭނުންވުމަކީ އިންސާނީ ތަބީއަތްކަމުގައި ވާތީއެވެ.

މިހަގީގަތާ އެއްގޮތަށް ރަނގަޅުގޮތުގައި މުޖްތަމައު ބައްޓަންކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ގައުމީ ނިސްބަތުން ބަލާނަމަ ގައުމީ ބަތަލުން ކަމުގައި ފޮތްފޮތުގައި ލިޔެފައި ހުންނާތީ ދެކެމެވެ. އެއީ މަސްވެރިއަކަށް ވީނަމަވެސް ނުވަތަ މީހުންނަށް ދަރުފަޅައިދީގެން އާމްދަނީ ހޯދާ މީހެއްކަމުގައި ވިޔަސް އެއީ ގައުމީ ޚިދުމަތަކަށް ނުވާނެ ގޮތެއް ނޯންނާނެއެވެ. އެކަމަކު އެކަން ބިނާވެފައި އޮންނާނީ މަސައްކަތުގައި އިޚްލާސްތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ.

ބ. އަތޮޅަކީ އިލްމީގޮތުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ބެލިކަމުގައިވިޔަސް ނިކަން ރީތި މާޒީއެއް އޮތް އަތޮޅެކެވެ. ތަފާތު ވައްތަރުގެ ފަންނީ މަސައްކަތްތެރިން އެންމެ ގިނަ އަދި އެންމެ ކުޅަދާނަ މީހުން ތިބި އެއް އަތޮޅުކަން އެއީ ދެބަސްވެވެން ނެތްހަގީގަތެކެވެ. ރާރީޚްގެ ފަތްފުށްތައް އެކަމަށް ހެކިދެއެވެ. އަތޮޅުގެ ކޮންމެ ރަށަކީ ވަކި ކަހަލަ އުފެއްދުންތެރި މަސައްކަތްކުރާ ރަށެއްގެ ގޮތުގައި ވަނީ ޚާއްސަކުރެވިފައެވެ. އެއީ އިއްޔެއެވެ. މިއަދު ކިހާދޫ މީހުންގެ ރުކުފަތީގެ މަސައްކަތާއި އޭދަފުށީ މީހުންގެ ފޭލިވިއުމާއި ކުޑަރިކިލު މީހުންގެ ހިރިގަލުގެ މަސައްކަތްތެރިކަމާއި ތުޅާދޫ މީހުން މުޅި ދުނިޔެއަށް ގޮންޖަހާލި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަން އޭގެ ހަގީގަތާ އެއްގޮތަށް ދައްކާލެވޭކަށް ނެތެވެ. އެއްސަބަބަކީ އެކަންތައް ތަކުގައި ބޭރުގެ ކުލައާއި ވަސް ޖެހި ޒަމާނަށް އައި ބަދަލެވެ. އަނެއްސަބަބަކީ ކުރިން ދެންނެވިހެން އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަމަލީގޮތުން ހިތްވަރުދޭނެ ބަޔަކު ނެތުމެވެ. އެހެންކަމުން ” ބޭރުންގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެ” އަމިއްލަ މަސައްކަތް ކުރަން ގެންގުޅުނު އަމިއްލަ އުފެއްދުންތެރިސާމާނުތައް މަތާރަންފިލާ މަތީގައި ވަނީ ރައްކާކުރެވިފައެވެ. އެފަންނުތައް މިއަދުގެ ޒުވާންޖީލުތަކާ ހަމައަށް ނައުމުގެ ޒިންމާ އުފުލަންޖެހޭ މީހުންގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ބ. އަތޮޅު ކައުންސިލުން އަލަށް ތައާރަފްކުރި ރަންނާ އެވޯޑުގެ ސަބަބުން އެފަންނާނުން ގެ ދަރިންނަށާއި އަތޮޅުގެ ޒުވާނުން އަލަށް މިމަސައްކަތްތަކަށް ނުކުތުމަށް އެދެވެނީ ވަރަށް ބޮޑު ހިތްވަރެކެވެ. ގައުމު ބިނާކުރުމަށާއި އަތޮޅުގެ ތަރައްގީއަށް އެޅިގެން އެދަނީ ދުރުރާސްތާއަށް އަމާޒުކޮށްގެން އެޅިގެންދާ ވަރުގަދަ ބިންގަލެކެވެ. ބ.އަތޮޅުގެ ރީތިމާޒީ އަލުން އަނބުރާ ހޯދުމަށް ކުރެވޭ ބުރަ މަސައްކަތެއްގެ ފެށުން ކަމުގައި ވެސް ދަންނަވާ ހިތްވެއެވެ.

ރަންނާ އެވޯޑަކީ މުޅިން އަލަށް ތައާރަފްކުރި އެވޯޑެއްކަމުގައި ވިޔަސް މިކަމަށް ބ. އަތޮޅު ރައްޔިތުންގެ ތަރުހީބު ބޮޑުކަން ފާހަގަކުރެވިފައިވަނީ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ރައްޔިތުން ހިފާފައިވާ ގޮތުންނެވެ. އަތޮޅު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި 50 ފަރާތަކުން އެވޯޑަށް ނަންހުށަހަޅާފައިވެއެވެ.

 

ރަންނާ އެވޯޑު ތައާރަފްކުރުމުގެ މަގްސަދެއްކަމުގައި އަތޮޅު ކައުންސިލުން ބުނެފައިވަނީ ރަންނާ އެވޯޑަކީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ މަގުސަދުގައި ދޭ އެވޯޑެއް ކަމަށާ ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަތައް ފާހަގަކޮށް ހިތްވަރު ދިނުންކަމުގައެވެ.

މިގޮތުން މި ފަހަރު ދިނުމަށް ހަމަޖެހިފައިވަނީ  ޝަރަފްވެރިކަމުގެ އެވޯޑާއި ހިތްވަރު ދިނުމުގެ އެވޯޑާއި މަތީދަރަޖައާއި ކުޅިވަރުގެ ކެޓަގަރީތަކުން ދޭ އެވޯޑްތަކަށްކަމުގައި އަތޮޅުކައުންސިލުން ބުނެފައިވާއިރު މި ރޮނގުތަކުން އެންމެ އެކަށީގެންވާ މީހުންނަށް ފުރަތަމަ ފަހަރު ދޭ އެވޯޑް މިރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި އޮންނަ ބޮޑު ރަސްމިއްޔާތުން ފެނިގެންދާނެއެވެ.

އުއްމީދު ކުރެވެނީ ރަސްމިއްޔާތު ނިމިގެންދާއިރު މި އެވޯޑްގެ ހައްގުވެރިން އެމީހުންގެ އެވޯޑާއެކު އިތުރު ހިތްވަރަކާއެކު މަސައްކަތުގެ ސްޕީޑް ބާރު ކުރާނެކަމުގައެވެ. އަދި އެވޯޑަށް އުއްމީދުކުރާ ޒުވާނުން އިތުރުވެ ބ. އަތޮޅުގައި މަސައްކަތްތެރިކަމާ އިޖްތިމާއީ ޚިދުމަތުގެ މުޅިން އާއަހަރަކަށް މިރޭ އަލިވިލެން ފަށާނެ ކަމުގައެވެ.

އެހެންނަމަވެސް ހިތުގައި އުފެދެމުންދާ ބޮޑު ސުވާލަކީ އަތޮޅު ކައުންސިލުން މިކަހަލަ ހަރުދަނާ ބިނާކުރަނިވި ފިޔަވަޅެއް ކުރިން ނާޅުއްވައި މިހާލަސްކުރެއްވީ ކީއްވެގެން ބާއެވެ. އެނގޭކަމަކީ އަތޮޅު ކައުންސިލްގެ އުމުރުން ގިނަ ދުވަސްތަކެއްވިޔަސް ކައުންސިލްގެ ހަރަކާތްތެރިކަން ރައްޔިތުންނާ ހަމައަށް ފޯރަން ފެށިތާ އަދި ގިނަދުވަސް ތަކެއް ނުވާކަމުގައެވެ.  ދިރުމެއް ނެތް ކައުންސިލެއްގެ ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ސިފަކުރަމުން އައި ބ. އަތޮޅު ކައުންސިލް މިހާރު ދަރުތުކުރަމުންދަނީ ރަނގަޅު މިސްރާބުގައި ބާރުދުވެލީގައި ސީދާ ރައްޔިތުންގެ އިހްސާސްތަކާ ރައްޔިތުންގެ ކުރިއެރުމާ ކައުންސިލްތައް އުފެދިފައިވާ މަގްސަދުތަކާ ދިމާއަށެވެ. މިކަން މިހާލަހުން ރައްޔިތުންނަށް ފެންނަން ފެށި އަސްލު ސަބަބަކީ ބ. އަތޮޅުކައުންސިލަށް މަގު ދައްކަން ކުރިން ތިއްބެވި ވެރިން ބަދަލުވެ ، އަލުން އެމަގާމުތަކަށް ސިވިލްސާވަންޓުންގެ ގޮތުގައި އިލްމީގޮތުން ގާބިލް ބަޔަކު އައުންކަމުގައި ނުވެނުދާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top