ތައުލީމު ފޯރުކޮށްދިނުމުގައި ބ.ތުޅާދޫ ސްކޫލް ފާހަގަކުރެވިފައިވަނީ ނަމޫނާ ސްކޫލެއްގެ ގޮތުގައިކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ސްކޫލަށް 90 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.އަހުމަދު ވިދާޅުވީ، ތުޅާދޫ ސްކޫލްގެ ޚިދުމަތް މިހާ ގިނަދުވަހު ދެމިއޮތުގައި އެތައް ބައެއްގެ މިންނެތް މަސައްކަތް ހިމެނޭ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ތައުލީމު ފެށިގެން އައިއިރު ބައެއް ރަށްރަށުގައި ވަކި ހިސާބަކުން އެކަން ހުއްޓި އަދި ފަހުން ފަށަން ޖެހިފައިވެސް ހުއްޓެވެ. ނަމަވެސް ތުޅާދޫ ސްކޫލު މިއަދާ ހަމަޔަށް ދެމިއޮތުމަށް ކުރި މަސައްކަތްތައް މިއީ ބަޔަކު ވީ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ވިދާޅުވިއެވެ.
ޑރ.މުހައްމަދު ވިދާޅުވީ މިއަދު ފާހަގަ ކުރަނީ ހަމައެކަނި ތުޅާދޫ ސްކޫލުގެ 90 ވަނަ އަހަރީ ދުވަސް އެކަނި ނޫން ކަމަށާއި، މި ފާހަގަ ކުރަނީ މި ސްކޫލުގެ ޚިދުމަތުގެ ތެރެއިން މިރަށާ ދިވެހި ޤައުމަށް ގެނެސްދިން ތަރައްޤީއާ ހޯދައިދިން ކާމިޔާބީތަކުގެ ހަނދާންތައް ކަމަށެވެ.
ތުޅާދޫއަކީ މިހާރުވެސް އަދި ރާއްޖެއަށް އަސާސީ ތައުލީމު ފެށިގެން އައިއިރުވެސް ރަންވަނަތަކެއް ހޯދި ރަށެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ހުކުރުދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ސްކޫލަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ލިޔުން ދީފައިވެއެވެ.
ތުޅާދޫ ސްކޫލަކީ ރާއްޖޭގައި އެންމެ ގިނަދުވަސްވީ އެއް މަދަރުސާތަކުގެ ތެރޭގައި ހިމެނޭ މަދަރުސާ އެކެވެ. ތުޅާދޫ ސްކޫލް ފެށިގެން މިއަދާހަމައަށް އައިއިރު، އެ ސްކޫލް ދެމިއޮތުމުގެ އެންމެބޮޑު އެއް ބާރަކީ ސްކޫލް ފަށައިގެން އައި ދުވަސްވަރު ރަށުގެ މަސްވެރިންގެ ފަރާތުން ލިބުނު އެއްބަރާރުލުމެވެ.
ތުޅާދޫ ސްކޫލްގެ 90 އަހަރުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ސިލްސިލާ ހަރަކާތްތަކެއް ފަށާފައިވާއިރު، މިއަދު މަސްވެރިންނަށް ދޭ ހާއްސަ ޖާފަތެއް އޮންނާނޭކަމަށް ސްކޫލުން ވަނީ ބުނެފައެވެ.




