ޓެލެގްރާމުން ލިންކު ފޮނުވައިގެން 92 ހާސް ރުފިޔާ ފޭރިގެންފި!

b_202608220446111787399171.6575.png

މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92،000 ރުފިޔާ އަތުލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ/ ޕޮލިސް

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން މަކަރާއި ހީލަތުން އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައަކީ މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށާއި މި ފައިސާ އަތުލާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން ހިންގި ގޮތް ނޭނގޭ ޓްރާންސެކްޝަނެއް މެދުވެރިކޮށް ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދާފައިވާ ކަމަށް ފުލުހުން ބުންޞެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ، ފައިންޕާކް، އުމުރުން 23 އަހަރުގެ މުހައްމަދު ފަޒީލާއި ގދ. ފިޔޯރީ، ފައިންބީޗް، އުމުރުން 23 އަހަރުގެ އަބްޝަރު ރަޝީދެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ އިރު، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް އާންމުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކާ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން އެދިފައިވެއެވެ. މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top