ގޮއިދޫގެ ދަނޑުވެރިންނާ, ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބައްދަލުކޮށްފި

gasgendhiyumuaisamaalu.jpg

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ގޮއިދޫގެ ދަނޑުވެރިންނާ ބައްދަލު ކުރެއްވުން . ފޮޓޯ : ޒުހުދާ/ފެހެންދޫ

 

ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ޓީމެއް އިއްޔެ ގޮއިދޫގެ ދަނޑުވެރިންނާ ބައްދަލުކޮށްފިއެވެ.

ގޮއިދޫގައި އޮތް މިބައްދަލުވުމުގައި ދަނޑުވެރިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން ގަސްގަހަށް ޖެހޭ ބަލިބައްޔާ، ކާޅާއި ވާލުގެ ސަބަބުން ދިމާވާ އުދަނގޫތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ.

އެގްރިކަލްޗަރގެ ޓީމުން ފާހަގަކުރެއްވި ކަންތަކުގެ ތެރޭގައި އެއްރަށުން އަނެއްރަށަށް ގަސް ގެންދިއުމާބެހޭގޮތުންނާއި ގަސް ހެއްދުމަށް ކެމިކަލް ބޭނުންކުރުމާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސީނިއަރ ކަރަންޓީން އޮފިސަރ މުހައްމަދު އަނީސް ވިދާޅުވީ ރަށްރަށުން ރުކާއި ގަސް ގެންދާއިރު އޭގައި ބައްޔެއް ހުރިތޯ ބެލުމަށް އިލްތިމާސް ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެހެންނޫނީ ގަސްގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރަން އުދަނގޫވާނެ ކަމުގައެވެ. ހަމައެއާއެކު ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް ދަނޑުވެރިކަން ކުރުމަށް ކެމިކަލް ބޭސް ބޭނުން  ކުރާ ކަމުގައި ފާހަގަކުރަމުން ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި އަދި ސިއްހަތަށްވެސް ގެއްލުން ހުރި ކަމެއް ކަމުގައެވެ. އޭގެ ބަދަލުގައި ވީވަރަކުން ގުދުރަތީ ކާނާ ނުވަތަ އޯގަނިކް ގަސްކާނާ ބޭނުންކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިންގެ ފަރާތުން ފާހަގަ ކުރި ކަންތަކުގެ ތެރޭގައި ކާޅާއި ވާލުގެ އުނގަދުލުގެ ސަބަބުން ބައެއް ވައްތަރުގެ ގަސް ހެއްދުމުގައި ދިމާވަމުންދާ ދަތިތައްހިމެނެއެވެ.

މިކަމާބެހޭގޮތުން އަނީސް ވިދާޅުވީ ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ރައްކާތެރިކުރުމުގެ ގޮތުން އަލްޓްރާ ސައުންޑް ސިސްޓަމެއް ފުވައްމުލަކުގައި މިހާރު ޓެސްޓްކުރަމުން އަންނަކަމުގައާއި އެއީ ކާމިޔާބު ކަމަކަށް ވެއްޖެނަމަ ރާއްޖޭގެ އެކިހިސާބުތަކުގައި އެސިސްޓަމް ހަރުކުރުމުގެ ވިސްނުން ގެންގުޅޭކަމުގައެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިކަމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކާއި ، ފުރުޓްފްލައި، އަދި ރުކުމަޑިއާއި ބެހޭ މައުލޫމާތު އެކުލެވޭގޮތަސް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް  ދެއްކިއެވެ.

މި ދަތުރުގައި އެގްރިކަލްޗަރގެ ޓީމުންވަނީ ގޮއިދޫގެ ދަނޑުތަކަށް ޒިޔާރަތްކޮށް އެދަނޑުތަކުގެ ހާލަތު ބައްލަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top