އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ކޮމިޓީން ފާސްކޮށްފި އެވެ.
މި އިސްލާހު ފާސްވީ، މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެބިލުގައި ވަނީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެމްބަރަކަށް، ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000ރ. ދޭން ވާނެ ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައިދިނުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.
މިއަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
އަންހެނުންނަކީ ކޮންމެ ރަށެއްގައި ވެސް ރަށުގެ ތަރައްގީ އަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި މުޅި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ އެހެން ސަރުކާރުތަކާއި އަޅާ ބަލާއިރު މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނަ ވާނީ އަންހެނުން ކަމަށް ވިދާޅުވެފަ އެވެ. އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.