ރައީސް ވިދާޅުވި ”ރަނގަޅުބަދަލު “ކަރަންޓްގެ އަގަށް އަތުވެއްޖެތަ؟

Bill-FENAKA-652x366.jpg

މިދިޔަ މާޗް މަހުންފެށިގެން އަތޮޅުތެރޭގެ ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ކަރަންޓުބިލް ބޮޑުވެ އެކަމުގެ ސަބަބުން  ރައްޔިތުން ރަތަށްއަރައި ބައެއް ރަށްރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުން އެއަޑު އަހައިފިކަމަށް މޭރުން ވެދާފަދަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ފާއިތުވެދިޔަ އޭޕްރީލްމަހު އެމަނިކުފާނު ގއ.ކަނޑުހުޅުދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ހުޅުއްވައި ދެއްވުމަށް އެރަށަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ކަރަންޓްގެ އަގަށް އެންމެ ފަހުން ގެނައި ބަދަލު އަލުން މުރާޖަޢާ ކުރުމަށް އިކޮނޮމިކް ކައުންސިލަށް އަންގަވާފައިވާނޭ ކަމަށާއި އެކަން ނިމުމުން ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ގެންނާނެކަމުގައެވެ.

“އެތަކެއް ރައްޔިތުން އެބަތިބި މިކަމުގައި ތަކުލީފުގައި ތިބި. އަޅުގަނޑު މިފަހުން ރާއްޖެއިން ބޭރުގައި ހުއްޓާ ބައެއް ބިލްތައް މެންބަރަކު ފޮނުއްވީމާ އެ ބަލާފައި އަޅުގަނޑު އިކޮނޮމިކް ކޮމިޓީއަށް ދަންނަވައިފިން އެ ބިލްތައް އަލުން ބަލައި ދެއްވާށޭ. އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނެރެވި އަތްދަށުން ކަމެއް ގޮސްފައިހުރިއްޔާ އެކަން ބަލައިދެއްވާށޭ،” ރައީސް ވިދާޅުވިއެވެ.

މިވާހަކަފުޅަށް ފަހު ދެން ވިދާޅުވީ “ކުރިއަށް މިއޮތް ހަފްތާގައި ރަނގަޅުގޮތެއް އަނެއްކާވެސް ކަރަންޓްގެ ކަންތަކުގައި ހަމަޖެހިގެން ދާނެ. ” ކަމުގައެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވި ކުރިއަށްއޮތް ހަފްތާ ނިމި އޭޕްރިލް މަސްވެސް ނިމި މޭމަހާ ކުރިމަތިލައި މޭމަހުގެ ކަރަންޓްބިލް އަނެއްކާވެސް ބޮޑުވެގެން އައިއިރު އެ ވިދާޅުވި “ރަނގަޅުގޮތް” ހަމަޖެހިގެން ދިޔަތަނެއް ނުފެނުނެވެ.

ސަރުކާރުން އަތޮޅު ތެރޭގެ ތަރައްގީއަށް ގިނަ ކަންތަކެއް ކޮށްދެއްވަމުން އެބަގެންދަވައެވެ. މީން ޒަމާނަކުވެސް އަތޮޅުތެރެ ނުދެކޭ ކުރިއެރުން ޔާމީންގެ ޒައާމަތުގައި ފެންނަމުން އެބަދެއެވެ. އެއީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ. އެހެންނަމަވެސް މި ހަގީގަތާއެކު ސަރުކާރުން ދައްކާ ބައެއް ވާހަކަތަކުގައި ތެދުގެ ބުރަދަން ހުންނަނީ ކިހާވަރަކަށްތޯ މިއީވެސް މިއަދު ކޮށްލަން ރަނގަޅު ސުއާލެކެވެ. މިސާލަކަށް ދަންނަވާނަމަ  މާދުރަށް ނުގޮސް ހަމައެކަނި އޭދަފުއްޓަށް ބަލާލަމާ ހިނގާށެވެ.

އޭދަފުށީގެ ހިއްކާފައިވާ ބިމުގައި ބޮޑުހިލަ ޖަހަން ހަވާލުކޮށްފައިވާ ކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވެގެން އެޝަކުވާ ރައްޔިތުން ސަރުކާރަށް ހުށަހެޅުމުން ހައުސިންގ މިނިސްޓަރ ދެފަހަރެއްގެ މަތިން މިރަށަށް ވަޑައިގެން އެމަސައްކަތާމެދު މިނިސްޓަރުވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަމުގައި ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަން ރަނގަޅުކުރަން ކޮންޓްރެކްޓަރަށް އަންގާފައިވާނޭ ކަމަށާއި އެކަން ރަނގަޅު ކުރާނޭ ކަމުގައެވެ.

މަސައްކަތް މިހާރު ނިމުމަކާހަމައަށް އައިސްފައިވާއިރު އަދިވެސް އެމަސައްކަތް ރަނގަޅު ކުރާ ތަނެއް ނުފެނެއެވެ.

ދެންއޮތީ އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއެވެ.  މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހައުސިންގ މިނިސްޓްރީއާދެމެދު މި ޕްރޮޖެކްޓްގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހު އެވެ. އެއްބަސްވެފައިވަނީ އެއްއަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެރަސްމިއްޔާތަށްފަހު އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ވަރަށްއަވަހަށް އޭދަފުށީގައި މަގު ހެދުމުގެ މަސައްކަތް ފަށާނެކަމުގައެވެ. އޭގެ ފަހުންވެސް “ވަރަށް އަވަހަށް މަސައްކަތް ފަށާނެކަމުގެ ” ގިނަ ތާރީޚުތައް އެމްޑީ ދެއްވިއެވެ. މަސައްކަތް ނިންމަން އެއްބަސްވަފައިދާ މުއްދަތު ހަމަވާން އެންމެ މަހަކަށް ވެފައި އޮއްވާ މިދިޔަ އޭޕްރިލް މަހުވެސް އެމްޑީ ވިދާޅުވެފައިވަނީ އެޕްރީލް މަހު މަސައްކަތް ފަށާނެކަމުގައެވެ.

އެމަސައްކަތާ ގުޅޭ ބައެއް މެޝިންތަކާއި ބައެއް ތަކެތި އޭދަފުޢްޓަށް ގެނެސް އެއްވެސް ހިޔާވަހިކަމެއް ނެތިގަދަ ހޫނުގައި ހުންނަތާވެސް މަސްތަކެއް ފާއިތުވެއްޖެއެވެ. އިވޭ އަޑުތަކަށްބަލާއިރު އެމެޝިންތަކަކީ ކުއްޔަށް ގެނެސްފައި ހުރި ތަކެއްޗެވެ. އެހެންކަމަށްވާނަމަ ބޭނުމެއް ނުކުރެވި ހުރި އެމެޝިންތަކަށް ގަވާއިދުން ކުލިވެސް ހިނގާނެތާއެވެ. އެމެޝިންތަކަށް ވެސް ކުލިދައްކަންމި ޖެހެނީ އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިން ލިބޭ ފައިސާއިންއެވެ. ރައްޔިތުންގެ ފައިސާއިން އެކުރެވޭ ޚަރަދަކީ ބޭކާރުގޮތުގައި އިސްރާފުގެ ގޮތުގައި ހޭދަކުރެވޭ ފައިސާއެއް ނޫން ހެއްޔެވެ؟މަސައްކަތް ވަރަށް އަވަހަށް އެބަފަށާކަން ރައްޔިތުންނަށް ދައްކަންވެގެން ނުވަރަ އެހެންވެސް ބަޔަކަށް ހަމައެކަނި މަންޒަރު ދެއްކުމަށް މާކުރިން މެޝިންތައްގެނެސް އެގޮތަށް އެއްވެސް ރައްކާތެރިކަމެއް ނެތި “އުކާލާފައި ” ބަހައްޓަންޖެހޭ ހެއްޔެވެ؟

އަޅުގަނޑުގެ ޝަކުވާ އަކީ މަސައްކަތް ނުފެށި ލަސްވުމެއް ނޫނެވެ. މަސައްކަތް ނުފަށައިގެންވެސް ނޫނެވެ. އަޅުގަނޑުގެ ޝަކުވާއަކީ އަދި ކަންބޮޑުވުމަކީ މާކުރިން  ކަންކަން އިއުލާންކޮށް އެގްރިމަންޓް ހަދައި ނިންމާނެ ތާރީޚް ކަނޑައެޅުމަށް ފަހު އެތާރީޚަށް އެ މަސައްކަތް ނުފެށުމެވެ.

ހަމަ އެބީދައިން ކަރަންޓްގެ އަގަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ވިދާޅުވެ މުއްދަތު ދެއްވުމުން ދެން ނިކަމެތި ރައްޔިތުމީހާ ހުންނާނީ އެމުއްދަތު ގުނާލަ ގުނާލައެވެ. އެއީ އެމީހާގެ ދިރިއުޅުމާ ބެހޭ މުހިއްމު ކަމަކަށް ވާތީއެވެ. ކަމަކާމެދު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވުމުން އެކަން ދެކޭނީ އެއީ ވައުދެއްގެ ގޮތުގައެވެ.

އެކަމަކު ދުވަސްތަކެއް ފާއިތުވެގެންދާއިރު އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކެވުމަކީ އަނެއްކާވެސް އިތުރު ސުވާލު ތަކެއް އުފެދޭނެ ކަމެކެވެ. އުފައްދާނެ ކަމެކެވެ. ފަހަރެއްގައި އެކަން ދިރާސާކޮށް އަދި ނުނިމެނީ ކަމަށްވެދާނެއެވެ. ނުވަތަ ވިދާޅުވިފަދަ ބަދަލެއް ގެނެސްދެވެން ނެތީކަމަށްވެސް ވެދާނެއެވެ. ނުވަތަ އެހެން ސަބަބެއްވެސް އޮވެދާނެއެވެ. އެކަމަކު އެކަންވެސް ރައްޔިތުމީހާއަށް އެނގެން ބޭނުންވާނެ ދޮގެއްތޯއެވެ. އަޅުގަނޑުމެންގެ ދީންވެސް އިރުޝާދު ދެނީ އެގޮތަކަށް ނޫންތޯއެވެ؟

އެކަމަކު ހިތާމައާއެކު ފާހަގަކުރަންޖެހެނީ ކަރަންޓުގެ އަގަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނޭކަމުގައި ކަނޑުހުޅުދޫގައި ދެއްކެވި ވާހަކަފުޅަށްފަހު މިއަދާ ހަމައަށް އައިއިރުވެސް އެވިދާޅުވި ބަދަލު އައިސްފައި ނުވާކަމެވެ.

އުއްމީދު ކުރާހިތް ނުވަނީ އަތޮޅުތެރޭގައި މިހާރު ކަރަންޓަށް ނަގަމުން އަންނަ  ބޮޑުއަގުގެ  ބަދަލުގައި ރައީސް ވިދާޅުވިފަދަ “ރަނގަޅު ގޮތެއް ” ކަރަންޓް ބިލަށް އައުމަށް ދެން މާގިނަ ދުވަސްތަކެއް ނަގާނެކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top