ކައިވެނި ރޫޅުމަށް ފަހު، އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ ޚަރަދަށް ބައްޕަ ދޭންޖެހޭ 2000 ރުފިޔާއިން ޚަރަދުތައް ފޫނުބެއްދޭތީ ފައިސާގެ އަދަދު އިތުރުުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 72ވަނަ މާއްދާގައި ވާގޮތުން ކުއްޖާ ބެލެހެއްޓުމުގެ ޚަރަދަށް ކޮންމެ މަހަކު 2000 ރުފިޔާ ބައްޕަ ދޭންޖެހެ އެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދޭންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފޫބެއްދޭވަރަށް ވުރެ މާކުޑަ އަދަދެއް ކަމަށެވެ. ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ޚަރަދުތަކަށް އެކަނި ބެލިނަމަވެސް މި ފައިސާއިން ނުފުދޭނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ހަރަދުގެ ގޮތުގައި ދޭ ފައިސާގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ކިޔަވާ ދިނުމުގެ ހަރަދުގެ ގޮތުގައި އަހަރަކު ދެ ޔުނީފޯމާއި، އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިދޭންވެސް ޖެހޭ ކަމަށް ކުޑޫ ވިދާޅުވެފައި ވެއެވެ
ގަވާއިދުގައި ބަޔާންކޮށްފައިވާ މި އަދަދުގެ ސަބަބުން ކޯޓުގެ ދިގު މަރުހަލާ ކަނޑައްތު ކުރުމަށްފަހު ވެސް ލިބެނީ ހަމަ މިއަދަދު ކަމުން ރޫޅިފައިވާ އާއިލާތަކާއި އެކަނިވެރި މައިންނަށް މިކަން ބަރުދާސްތު ކުރަން އުނދަގޫ ވާކަން އެ ސިޓީގައި ފާހަގަ ކޮށްފައި ވެ އެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މި ގަވާއިދަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތް ހަދައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.