ބ. އަތޮޅު ކައުންސިލްގެ ފަރާތުން ”ރަންނާ އެވޯޑް ” ތަައާރަފް ކުރަނީ

10857829_322996581227329_7547512814271480980_n.jpg

ބ.އަތޮޅު ކައުންސިލްގެ އިދާރާ

ތަފާތު ދާއިރާތަކުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް އެވޯޑް ދިނުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

“ރަންނާއެވޯޑް” ގެ ނަމުގައި  ބ،.އަތޮޅު ކައުންސިލުން ތައާރަފްކުރި މި އެވޯޑު ދިނުމަށް ނިންމާފައިވަނި މައިގަނޑު ހަ ދާއިރާ އަކަށެވެ. އެއީ ޝަރަފްވެރިކަމުގެ އެވޯޑް ، ހިތްވަރު ދިނުމުގެ އެވޯޑް ، ކައުންސިލުންދޭ ޚާއްސަ އެވޯޑް ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްސަ އެވޯޑް ، ޚާއްސަ ޚިދުމަތުގެ އެވޯޑް އަދި ހިންގުންތެރިކަމުގެ އެވޯޑެވެ.

މި ހަ ދާއިރާއިން އެވޯޑް ދިނުމަށް ނިންމާފައިވާއިރު މީގެ އިތުރުން އަތޮޅުގެ އެންމެ ޚިދުމަތްތެރި ރަށުކައުންސިލަށާއި  އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ކޮމިޓީއަކަށް ފައިސާގެ އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މިއެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މީހުންނަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މިގޮތުން 26 ޖުލައި 2016ގެ ކުރިން އެވޯޑަށް ކުރިމަތިލައްވަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ބ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވައެވެ.

އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމާއި އަދިވެސް ބޭނުންވާ އިތުރު މައުލޫމާތުތައް ހިމަނައިގެން އަތޮޅު ކައުންސިލުން ތައްޔާރުކޮށްފައިވާ “ރަންނާ އެވޯޑް ދިނުމުގެ ސިޔާސަތު 2016 ” ރަށުކައުންސިލްތަކުގެ އިދާރާއިންނާއި، މި އިދާރާގެ ކައުންޓަރުންނާއި އަދި މި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި އަތޮޅު ކައުންސިލުން ބުނެއެވެ.

ބ.އަތޮޅު ކައުންސިލުގެ ފަރާތުން އަތޮޅަށް ޚިދުމަތްކުރާ މީހުންނަށް ޝަރަފްވެރިކަމާއި ހިތްވަރު ދިނުމުގެ އެވޯޑްފަދަ ގިނަ ފަންތީގެ އަދި ގިނަ ގިންތީގެ އެވޯޑް ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައިވާއިރު މި އެވޯޑްތަކަށް މީހުން ހޮވާ ފަނޑިޔާރުންގެ ޕެނަލާބެހޭ އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

ބ. އަތޮޅު ކައުންސިލްގެ ފަރާތުން އެވޯޑާ ބެހޭ މައުލޫމާތުދެމުން އިތުރަށް ބުނެފައިވަނީ ރަންނާ އެވޯޑް 2016 ގެ ޙަފްލާ ޕަބްލިކް ސާރވިސް މީޑިއާގެ ޓީވީއެމް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މިޙަފްލާ ބާއްވާނެ ތާރިޚް ފަހުން އިޢުލާން ކުރެވޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top