ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން ގޯސްވެފައިވާތީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މާލެ ސިޓީގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި ވ. އަތޮޅަށާއި އއ. އަތޮޅަށާއި އދ. އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ. އެ އިންޒާރުގައި ވަނީ މެންދުރު ފަހު 14:15 އިން އިރުއޮއްސި 18:15 އާ ދެމެދު އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވެފައި ވާތީ، ދަތުފަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) އިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެންޑީއޭއިން މިއަދު ބުނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމާއެކު ގަޑިއަކު ގާތްގަނޑަކަށް 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.