ރާއްޖޭގައި ޖުވާ ކުޅުމަށް ބޭނުންކުރާ ވެބްސައިޓްތައް ބްލޮކް ކުރުމުގެ މަސައްކަތް މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) އިން ފަށައިފި އެވެ.
ފުލުހުން މިއަދު ވިދާޅުވީ، ރާއްޖޭގައި އާއްމުކޮށް ޖުވާ ކުޅެން (ގޭމްބްލިން ނުވަތަ އޮންލައިން ކެސީނޯ) ކުޅެން ގެންގުޅޭ ވެބްސައިޓުތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ބްލޮކް ކުރަން ފަށާފައިވާ ކަމަށެވެ.
ކޭމްއިން ވިދާޅުވި ގޮތުގައި އެ އޮތޯރިޓީއަށް، ފުލުހުން ވަނީ ޖުވާ ކުޅެން އާންމުކޮށް ބޭނުންކުރާ ވެބްސައިޓުތައް ބްލޮކް ކުރުމަށް އަންގާފައެވެ. އަދި ރާއްޖޭގައި މިހާރު އާންމުކޮށް ޖުވާ ކުޅުމަށް ބޭނުންކުރާ ކަމަަށް ބެލެވޭ ވެބްސައިޓުތައް ވާނީ ބްލޮކް ކޮށްފައި ކަމަށް ކޭމް އިން ވިދާޅުވިއެވެ.
ޖުވާ ކުޅުން ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ އާއްމުވެފަ އެވެ. ރާއްޖެއަށް ޚާއްސަ ޖުވާ ޓޭބަލްތައް ހަދައިގެން އެތައް ހާސް ބަޔަކު ދަނީ އެކަން ކުރަމުންނެވެ. އޮންލައިން ޖުވާއަކީ އާއްމުކޮށް, ޓޭބަލް ހިންގާ ފަރާތަށް ބޮޑު ފައިދާއެއްވާ ގޮތަށް ފަރުމާކޮށްފައި ހުންނަ އެޕްލިކޭޝަންތަކެވެ.
ބްލޮކްކުރި ސައިޓްތަކުގެ ތެރޭގައި ރާއްޖޭގައި އާއްމުކޮށް މީހުން ބޭނުންކުރަމުން އަންނަ ކިރަ ބެޓް އަދި ބެޓް365 ހިމެނެ އެވެ.
މި މަސައްކަތް ކޭމް އިން ކުރަމުން ގެންދާއިރު، މިދިޔަ އަހަރު ވަނީ ރާއްޖޭގައި އާންމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓުތަކަަށް ވެސް ނުވަދެވޭ ގޮތް ހަދާ ބްލޮކް ކޮށްފަ އެވެ.