ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގެ ހިދުމަތް މި މަހު ފަހުކޮޅު ނ. އަތޮޅަށް ފަށަން ތައްޔާރުވެއްޖެ އެވެ.
އާރްޓީއެލް ފެރީގެ ގޮތުގައި ނ. އަތޮޅަށް ހާއްސަކޮށް އަދި ބޭނުން ކުރާނީ ދެ ލޯންޗް ފެރީއެވެ. އެ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. މި ދަތުރުތައް ފެށުމަށް ޓެސްޓު ބުރުތައް މިހާރު ވަނީ ބާއްވާފައެވެ.
އާރްޓީއެލްގެ ޚިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. މިހާރު 4 ޒޯނެއްގައި ޚިދުމަތް ދެމުން ދާއިރު ނ. އަށްފަހު ފެރީގެ ޚިދުމަތް ފަށުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހު ރ. އަތޮޅުގައެވެ. ބ. އަތޮޅުގައި ޚިދުމަތް ފަށާނީ ސެޕްޓެމްބަރު މަހުގައެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ ތިންގުނަ އަވަސް ފެރީތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.